ކައުންސިލްތަކަށް 25 ފަޅުރަށެއް ހަވާލުކުރަން ނިންމައި، އެ ފަޅުރަށްތަކަށް ކައުންސިލްތަކުން ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދު ދަށުން ކައުންސިލްތަކަށް ދޫކުރަން ނިންމާފައިވަނީ 12 އަތޮޅަކުން ޖުމުލަ 25 ރަށެވެ.

  • ހދ. ފަރިދޫ – 26.46 ހެކްޓަރު
  • ހދ. ހިރިނައިދޫ – 6.40 ހެކްޓަރު
  • ށ. ނަރުރިނބުދޫ – 27.58 ހެކްޓަރު
  • ށ. މިގޫދޫ – 8.66 ހެކްޓަރު
  • ނ. ދީފުރަމް – 2.37 ހެކްޓަރު
  • ނ. އިނގުރައިދޫ – 13.12 ހެކްޓަރު
  • ރ. ހިބޫދޫ – 2.48 ހެކްޓަރު
  • ރ. ހުޅުދޫ – 1.63 ހެކްޓަރު
  • ރ. ނެޔޮ – 7.19 ހެކްޓަރު
  • ބ. މާއްޑޫ – 25.93 ހެކްޓަރު
  • ބ. ދަކަންދޫ – 5.73 ހެކްޓަރު
  • މ. މާހުރާ – 4.84 ހެކްޓަރު
  • ފ. މަކުނުއެރި – 1.28 ހެކްޓަރު
  • ދ. ފެންފުށި – 3.51 ހެކްޓަރު
  • ދ. މިނިމަސްގަލި – 4.64 ހެކްޓަރު
  • ތ. ފެންމީރުފުށި – 1.70 ހެކްޓަރު
  • ތ. ކަކޮޅަސް – 16.19 ހެކްޓަރު
  • ލ. ކަނޑަރު – 4.27 ހެކްޓަރު
  • ލ. ބޮޑުމާބުޅަލި – 5.07 ހެކްޓަރު
  • ގއ. ވިލިގަލާ – 3.25 ހެކްޓަރު
  • ގއ. މުނަންދުވާ – 6.35 ހެކްޓަރު
  • ގދ. މާނައިދޫ – 16.15 ހެކްޓަރު
  • ގދ. އާކިރަހުއްޓާ – 9.21 ހެކްޓަރު
  • ގދ. ވާރެޔަދުވާ – 3.44 ހެކްޓަރު
  • ގދ. ލޮނުދޫ – 5.96 ހެކްޓަރު

މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތައް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދުގެ ތިންވަނަ މާއްދާގެ ދަށުން، މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތައް ފިޔަވައި އެނޫން ބޭނުންތަކަށް ދޫކުރާ، ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލުގެ އިހުތިސާސްގައި ނުހިމެނޭ ފަޅުރަށްރަށް ކަނޑައަޅާނީ، ވަޒީރުންގެ މަޖިލީހުގެ ކޮމިޓީގެ ލަފާގެ މަތީން، ރައީސުލްޖުމްހޫރިއްޔާއެވެ.

އަދި އެ ގަވާއިދުގެ ހަތަރުވަނަ މާއްދާގެ (ހ)ގައި ބުނަނީ އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅުރަށްރަށުގެ ތެރެއިން ރަށެއް ނުވަތަ ސިޓީއެއްގެ އިހްތިސާސްގައި ހިމެނޭ ފަޅުރަށްރަށް ދޫކުރާނީ، މި ގަވާއިދުގައިވާ ގޮތުގެ މަތީން އެ ރަށެއް ނުވަތަ އެ ސިޓީއެއް ނިސްބަތްވާ ކައުންސިލުން ކަމަށެވެ. އަދި (ށ) ގައި ބުނަނީ ފަޅުރަށްރަށުގެ ތެރެއިން ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސްގައި ނުހިމެނޭ ފަޅުރަށްރަށް ދޫކުރާނީ މިނިސްޓްރީން ކަމަށެވެ.

އެ ގަވާއިދުގެ ފަސްވަނަ މާއްދާގައި ބުނަނީ ދައުލަތުގެ ބޭނުންތަކަށް ކަނޑައެޅިފައިވާ ރަށްރަށާއި ސީދާ ސަރުކާރުން އެކިއެކި މަޝްރޫއު ހިންގާ ރަށްރަށާއި ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނިތަކުން އެކިއެކި މަސައްކަތް ހިންގާ ރަށްރަށާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާއި ސަރުކާރާ ބައިވެރިވެގެން، އެކިއެކި މަސައްކަތް ހިންގާ ރަށްރަށް މި ގަވާއިދުގެ ހަތަރުވަނަ މާއްދާގެ (ހ) އާއި (ށ) އިން އިސްތިސްނާވާނެއެވެ.