އުމުރުން ދުވަސްވީ މީހުންނަށް ގާއިމުކުރަން ނިންމާފައިވާ އިޖުތިމާއީ މަރުކަޒުތަކުގެ ތެރެއިން ފުރަތަމަ މަރުކަޒު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހުޅުވައިދެއްވައިފިއެވެ.
މުޖުތަމައުގައި އުމުރުން ދުވަސްވީ މީހުންގެ ދައުރު ފުޅާކުރުމަށާއި އެ މީހުންގެ ސިއްހީ، ނަފުސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށް ހާއްސަ އިޖުތިމާއީ މަރުކަޒުތަކެއް ހެދުމުގެ މަޝްރޫއެއް ފެށުމަކީ ރައީސް މުއިއްޒުގެ ހަފުތާ 14ގައި ހިމެނޭ ވައުދެކެވެ. "އިސްރަށްވެހިންގެ ނާދީ"ގެ ނަމުގައި އެ މަރުކަޒު ހަދާފައިވަނީ ކީރިތި ގުރުއާނާބެހޭ މަރުކަޒު ކުރިން ހިންގި އިމާރާތުގައެވެ.
އެ މަރުކަޒުގައި ތިބޭ އުމުރުން ދުސްވީ މީހުނަށް ހަފުތާއަކު ތިން ދުވަހު ކަސްރަތު ޕްރޮގްރާމެއް ހިންގާއިރު، ހަފުތާއަކު އެއް ފަހަރު ކޯޗުން އައްޔަން ކޮށްގެން ކެރަމް، ޗެސް، ޓޭބަލް ޓެނިސްފަދަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ހަމަޖައްސާނެއެވެ. އަދި މަރުކަޒުގައި ތިބޭ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ކޯޗުންގެ ތަމްރީން ފުރިހަމަ ކުރުމަށް ޝައުގުވެރިވާ މީހުނަށް އެ ފުރުސަތުވެސް ފަހިކޮށްދޭނެއެވެ.
އޭގެ އިތުރުން ނަފުސާނީ، ޖިސްމާނީ އަދި މާލީ ދުޅަހެޔޮކަން ތަރައްގީކުރުމަށްޓަކައި ހިންގާ އެކިއެކި ޕްރޮގްރާމްތަކާއި ފެހުމާއި އެހެނިހެން ކުރު މުއްދަތުގެ ކޯސްތައް އަދި މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތައް ހިންގަން ރާވާފައިވާއިރު، ހައިޑްރޯތެރެޕީ، އިށީނދެގެން އިނދެ ކުރާ ކަސްރަތު އަދި ބެލެންސް ޓްރެއިނިން ކްލާސްތައް ހިންގާނެއެވެ.
ޖެންޑާ މިނިސްޓްރީން ބުނީ، އެ މަރުކަޒުގައި 'އޭޖްކެއާ މޯލްޑިވްސް'ގެ ފަރާތުން ކޮންމެ ތިން މަހަކުން އެއްފަހަރު އިސްރަށްވެހިންގެ މެދުގައި ހިޔާލުފާޅުކުރުމާއި ތަޖުރިބާ ހިއްސާކުރުމަށް އަދި ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި ހެލްތް ސްކްރީނިން ސެޝަންތައް ކުރިއަށް ގެންދާނެ ކަމަށެވެ.
އޭގެ އިތުރުން އެންސްޕާއަށް ހުށަހަޅަން ބޭނުންވާ ފޯމުތައް ފުރިހަމަ ކުރުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމަށް އެ މަރުކަޒުގައި އެންސްޕާގެ މޭޒެއްވެސް ބަހައްޓަން ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު