ރަޝިޔާގެ އިދިކޮޅު ލީޑަރު ޖަލުގައި ހުއްޓައި މަރުވެއްޖެއެވެ.

ރަޝިޔާގެ އިދިކޮޅު ލީޑަރު، އެލެކްސީ ނަވައިނީ، މަރުވެފައިވަނީ ޖަލުގައި ހުއްޓައި ކުއްލިޔަކަށް ކަމަށް ޖަލުތަކާއިބެހޭ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އުމުރުން 47 އަހަރުގެ އެލެކްސީ މަރުވި ސަބަބު ބުނެފައި ނުވިނަމަވެސް ބަޔާނުގައި ބުނީ އޭނާ މަރުވީ ގޮޅިން ބޭރުގައި ހިނގާލުމަށް ފަހު ކުއްލިޔަކަށް ހާލު ދެރަވެގެން ފަރުވާ ދެމުން އަންނަނަނިކޮށް ކަމަށެވެ.

އެލެކްސީގެ މަރުގެ ހަބަރާއިއެކު ރަޝިޔާގެ ސިޔާސީ މަޝްރަހު ވަނީ ހަލަބޮލިވެފައެވެ. އެއީ ސިޔާސީ މަރެއް ކަމުގެ ތުހުމަތު ދަނީ ކުރަމުންނެވެ. މަރުގެ އަޑީގައި ހުންނެވީ އެ ގައުމުގެ ރައީސް ވްލަޑިމިއަ ޕޫޓިން ކަމަށްވެސް ތުހުމަތު ކުރެއެވެ.

އެލެކްސީގެ މަރާ ގުޅިގެން، އޭނާގެ ލޯޔަރުން އަދި މިހާތަނަށް އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައިނުވާކަމަށް ނޫސްތަކުން ބުނެއެވެ.

ރަޝިޔާގެ އިދިކޮޅު ލީޑަރު މަރުވިއިރު ދިޔައީ 19 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. ޖަލުގައި އޭނާއާ މެދު އަމަލު ކުރާ ގޮތުން ލޯޔަރުން މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ދާދި ފަހުން ވަނީ ހޮސްޕިޓަލުގައި ވެސް ފަރުވާ ހޯދައިފައެވެ.