އެމެރިކާގައި މިއަހަރުގެ ނޮވެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގައި ރަޝިޔާ ބޮޑަށް އެދެނީ މިހާރުގެ ރައީސް ޖޯ ބައިޑެން ދެވަނަ ދައުރެއް ކާމިޔާބު ކުރެެއްވުން ކަމަށް ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ.

ރަޝިޔާގެ ޓީވީއަކަށް މިހަފުތާގައި ދެއްވި އިންޓަރވިއުއެއްގައި ރައީސް ޮޕުޓިން ވިދާޅުވީ ރައީސް ބައިޑެންއަކީ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ހިކުމަތްތެރި ބޭފުޅެއް ކަމަށާއި ކަންކަމާމެދު ބައިޑެން ނިންމަވާނެގޮތް ލަފާކުރަން ފަސޭހަ ކަމުގައެވެ. އެހެންވީމާ ޓްރަމްޕު ކަހަލަ ބޭފުޅަކު ރައީސްކަމަށް ވަޑައިގަތުމަށްވުރެ އޭނާ އެދިވަޑައިގަންނަވަނީ ބައިޑެންއަށް އައު ދައުރެއް ލިބިވަޑައިގަތުން ކަމަށްވެސް ޕުޓިން ވިދާޅުވިއެވެ.

ބައިޑެންއަށް ރައީސް ޕުޓިން ތައުރީފު ކުރެެއްވިއިރު ޔުކްރޭނުގެ ހަނގުރާމަޔާ ގުޅިގެން ޕުޓިންއަކީ އެއްވަނަ ދަރަޖައިގެ ގާތިލެއް ކަމަށާއި މުޖުރިމެއް ކަމަށް ބައިޑެންވަނީ ސިފަކުރައްވައިފައެވެ. އެކަހަލަ ގޮތަކަށް ރައީސް ޓްރަމްޕު ދުވަހަކުވެސް ޕުޓިންއާމެދު ވާހަކަފުޅު ދައްކަވައިފައެއް ނުވެއެވެ. ޓްރަމްޕު ސިފަކުރެވެނީވެސް ޕުޓިންގެ ރަހުމަތްތެރިއެއް ކަމުގައެވެ. އެހެންކަމުން ބައިޑެންއަށް އައު ދައުރެއްް ލިބިވަޑައިގަތުމަކީ ޕުޓިން އެދިވަޑައިގަންނަވާގޮތް ކަމަށް ވިދާޅުވި ވިދާޅުވުމަކީ ގިނަބަޔަކު ބުނާގޮތުން އޭނާ ބައިޑެންއަށް ނުސީދާގޮތުން ކުރެއްވި މަލާމާތެކެވެ.

ބައިޑެންއަކީ މުސްކުޅިފުޅުވެ ހަނދާންނެތުމުގެ ބަލި ޖެހިފައިވާ ނާގާބިލް ބޭފުޅެއް ކަމަށް ބައެއް މީހުން ކުރާ ތުހުމަތުތަކާމެދު ރައީސް ޕުޓިން ވިދާޅުވީ އެންމެފަހުން ބައިޑެންއާ ބައްދަލުވީ މީގެ ތިން އަހަރު ކުރިން ކަމަށާއި އޭނާގެ ފަރާތުން އެބުނާ އެއްވެސް އަލާމާތެއް އަދި ސިފައެއް ފެނިފައިނުވާ ކަމަށެވެ. ކަރުދާސްގަނޑެއް ބަލައިގެން ވާހަކަ ދެއްކުމަކީ މައްސަލައެއް ނޫންކަމަށާއި ޚުދު އޭނާވެސް ވާހަކަ ދައްކަނީ އެއްޗެއް ބަލައިގެން ކަމަށް ޕުޓިން ވިދާޅުވިއެވެ.