އައިވަރީ ކޯސްޓްގައި މިދިޔަ ހޯމަދުވަހު ނިމުނު އެފްރިކާގެ ގައުމުތަކުގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ނައިޖީރިއާ ދޭއް އެކަކުން ބަލިކޮށް ޗެމްޕިއަންކަން ހޯދާފައިވަނީ އައިވަރީ ކޯސްޓެވެ. މުބާރާތުގެ އެހެނިހެން ވަކިވަކި އެވޯޑުތައް ދެންހޯދީ ކޮންބައެއް ބާވައެވެ.

ޗެމްޕިއަންކަމުގެ އިތުރަށް އަދި އެހެން ދެ ވޯޑެއްވެސް އައިވަރީ ކޯސްޓް ވަނީ ހޯދައިފައެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމު ހޯދީ ދެވަނަ ބުރުން ފެށިގެން ވަގުތީގޮތުން އައިވަރީ ކޯސްޓްގެ ޓީމާ ހަވާލުވި އެމާސީ ފާއޭއެވެ. މުބާރާތުގެ އެންމެ މޮޅު އުންމީދީ ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ އައިވަރީ ކޯސްޓްގެ ސައިމަން އަޑިންގްރާއެވެ.

ދެކުނު އެފްރިކާވެސް ވަނީ ވަކިވަކި ތިން އެވޯޑް ހޯދައިފައެވެ. ދެކުނު އެފްރިކާއަކީ މުބާރާތުގެ ތިންވަނަ ޓީމެވެ. ބްރޯންޒް މެޑަލިސްޓެވެ. މީގެ އިތުރަށް ފެއަރ ޕްލޭ އެވޯޑް ހޯދީވެސް ދެކުނު އެފްރިކާއެވެ. އަދި މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑްވެސް ހޯދީ ދެކުނު އެފްރިކާގެ ރޮންވެން ވިލިއަމްސްއެވެ. އޭނާވަނީ މުބާރާތުގައި ޖުމްލަ ހަ ޕެނަލްޓީ މަތަކޮށްފައެވެ. ގޯލެއްވަނަ ނުދީ އެންމެ ގިނަ މެޗު ފުރިހަމަކުރީވެސް އޭނާއެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނައިޖީރިއާގެ ޑިފެންޑަރު ވިލިއަމްސް ޓްރޫސްޓް އެކޮން އެވެ. ދިފާއަށް ކުޅެމުން އޭނާ ވަނީ މުބާރާތުގައި ތިން ގޯލްވެސް ކާމިޔާބުކޮށްދީފައެވެ. އެންމެ ގިނަ ގޯލްޖަހައިގެން މުބާރާތުގެ ރަންބޫޓު ހޯދީ އިކުއެޓޯރިއަލް ގިނީގެ ފޯވާޑް އެމީލިއޯ އެންސުއާއެވެ. އޭނާ ވަނީ ޖުމްލަ ފަސް ގޯލް ޖަހައިފައެވެ.