އިސްރާއީލާއި ލަންކާއާ ދެމެދު ވައިގެމަގުން ދަތުރުތައް ފެށުމުގެ މަސައްކަތް ފަށައިފިއެވެ.

ސްރީލަންކާގެ ޕޯޓް ޝިޕިން އެންޑް އޭވިއޭޝަން މިނިސްޓަރު ނިމާލް ސިރިޕަލަ ޑެ ސިލްވާ ވަނީ ލަންކާއާއި އިސްރާއީލާ ދެމެދު ވައިގެ މަގުން ގުޅާލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު ނިމާލް ވިދާޅުވީ އިސްރާއީލާއި ލަންކާއާ ދެމެދު ދަތުރުތައް ފެށުމާއެކު ލަންކާއިން އިސްރާއީލަށް އަދި އިސްރާއީލުގެ ރައްޔިތުން އެކި ކަންކަމުގައި ލަންކާއަށް އެތެރެވުން ފެށިގެން ދާނެ ކަމަށާއި އެހާ ހިސާބުން ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެ ވަރުގަދަ ވެގެންދާނެ ކަމަށެވެ.

ލަންކާގެ އެއާޕޯޓަށް އިތުރުކުރާ ޓާމިނަލް ނިމުމާއެކު އިތުރު ފްލައިޓުތައް އެކި ގައުމުތަކުން އަންނާނެ ކަމަށްވެސް މިނިސްޓަރު ނިމާލް ވިދާޅުވިއެވެ.

ކުރިޔަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ލަންކާގެ މައި އެއާޕޯޓުގެ އާ ޓާމިނަލް ހެދުމުގެ މަސައްކަތް ފަށާއިރު ނުވަ މަސްތެރޭ އެ މަސައްކަތް ނިމި ހިދުމަތް ދެވެން ފަށާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.