ކ. ގުޅިފަޅު ހިއްކުމަށް ކުރިއަށް ގެންދާ މަސައްކަތް މަޑުޖައްސާލަން އަންގައި ހައި ކޯޓުން އިއްޔެ ކުރި އަމުރު ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފިއެވެ.

ސުޕްރީމް ކޯޓުން މިގޮތަށް އަމުރު ކުރީ، ގުޅިފަޅު ޕްރޮޖެކްޓަކީ ތިމާވެއްޓަށް ގެއްލުން ބޮޑު، ރާއްޖޭގެ ގުދުރަތީ ދިރުންތަކުގެ މުއްސަނދިކަމުން އިގުތިސޯދީ އަދި އިޖުތިމާއީ ނަފާ ހީނަރު ކުރުވައި، މާލީގޮތުން ދެކޮޅު ނުޖެހޭ ދަރަނި ބޮޑު އަދި ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު ޕްރޮޖެކްޓެއް ކަމަށް ބަލައި، އެ ޕްރޮޖެކްޓް ހުއްޓުވައިދިނުމަށް އެދި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އެކްޓިވިސްޓެއް ކަމަށްވާ، ހ. ޝޭޑީ ކޯނާ ހުމެއިދާ އަބްދުލްގަފޫރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ޕްރޮޖެކްޓް މަޑުޖައްސައިލުމަށް ހައިކޯޓުން ނެރުނު ވަގުތީ އަމުރު، ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ.

އެޕްރޮޖެކްޓް މަޑުޖައްސައިލުމުގެ އަމުރެއް ހައިކޯޓުން އިއްޔެ ނެރުނީ، ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ގޮތެއް ކަނޑައަޅަންދެން އެ ޕްރޮޖެކްޓް މަޑުޖައްސައިލުމަށް ހުމެއިދާ އެދުނު ވަގުތީ އަމުރު އެކޯޓުން ނުނެރެދީގެން އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުންނެވެ.

އޭނާ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ މައްޗަށެވެ.

އެ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމްގައި ވަނީ، އެ މަސައްކަތުގައި އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް އަމަލު ކުރުމުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަން އެނގޭ އިރު، އެކަންކަން ނަފީ ކުރާނެ ހެއްކެއް ދައުލަތުން ދައްކާފައިނުވާ ކަމަށެވެ. އަދި އެ ހާލަތުގައި ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ޕްރެކޯޝަނަރީ ޕްރިންސިޕަލްގެ ދަށުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެ މައްސަލައިގައި ވަގުތީ އަމުރެއް ނުނެރެފިނަމަ މައްސަލަ ހުށަހެޅި ފަރާތާއި އާންމުންނާއި އަންނަން އޮތް ޖީލުތަކަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށާއި ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ހުއްޓާލުމުގެ ސަބަބުން ދައުލަތަށް ލިބޭނެ ކަމަށް ބެލެވޭ މާލީ ގެއްލުންތަކަށް ވުރެ މަޝްރޫއު ކުރިއަށް ގެންގޮސްފިނަމަ ތިމާވެއްޓަށް ލިބިދާނެ ކަމަށް ބެލެވޭ ގެއްލުންތައް މާބޮޑު ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން މި މައްސަލަ ބެއްލެވި ތިން ފަނޑީޔާރުންގެ ބެންޗުގައި ތިއްބެވި، ފަނޑިޔާރުންގެ ތެރެއިން ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އަގުލަބިއްޔަތުން ކުރެއްވި ހުކުމުގައި ވަނީ ސިވިލް ކޯޓުގައި އޮތް މައްސަލަ ނިމެންދެން ގުޅިފަޅު ހިއްކުމުގެ ހުރިހާ މަސައްކަތެއް މަޑުޖައްސާލަން އަންގައިފައެވެ.

މި މައްސަލައިގައި ރައުޔު ތަފާތުވީ ފަނޑިޔާރު މުހައްމަދު ނިޔާޒުގެއެވެ. އެ ފަނޑިޔާރުގެ ރައުޔުގައި ވަނީ އެއީ ހައި ކޯޓުން އިތުރަށް ގޮތެއް ނިންމަންޖެހޭ ކަމެއް އޮތް މައްސަލައެއް ނޫން ކަމަށެވެ.

ހައިކޯޓުގެ މި ހުކުމް ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން ސުޕްރީމް ކޯޓްގައި އިސްތިއުނާފް ކުރުމަށްފަހު، ހައިކޯޓުގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރަކަށްވެސް ވަނީ އެދިފައެވެ.

އެހެންކަމުން ސުޕްރީމް ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުގައި ވަނީ، ހައިކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުން މިވަގުތު ފަސް ނުކޮށްފިނަމަ އޭގެ ސަބަބުން ދައުލަތަށް ލިބޭނެ ގެއްލުން އިންތިހާއަށް ބޮޑުވެގެން ދާނެކަން ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތުމާއެކު، އެކަމުގައި ވަކި ގޮތަކަށް އަމަލު ކުރަން ސުޕްރީމް ކޯޓުން އަންގަންދެން ނުވަތަ ހުށަހަޅާފައިވާ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން ހައިކޯޓުގެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ކަމާބެހޭ އެންމެހައި ފަރާތްތަަކަށް އަންގައި އަމުރު ކުރާ ކަމަށެވެ.