ހުޅުމާލޭގައި އިމާރާތް ކުރުމަށް ނިންމާފައިވާ ތެލަސީމިއާ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.

"ގައުމީ ތެލަސީމިއާ ކޮންފަރެންސް 2024" ފެށުމަށް ޝީ ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ނައިބު ރައީސް ވިދާޅުވީ، ތެލަސީމިއާ ކުދިންގެ ފަރުވާގެ ކަންކަން ރަނގަޅުކުރުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމެއް ކަމަށާއި ހަފުތާ 14ގެ ތެރޭގައި ހިމަނައިގެންވެސް ތެލަސީމިއާ ކުދިންނަށް ހާއްސަކޮށްގެން ބައެއް ކަންކަން ކުރިއަށްގެންދަމުން އަންނަ ކަމަށެވެ.

"އެގޮތުން، ތެލަސީމިއާ ކުދިންގެ ފަރުވާއަށް ހާއްސަ ހޮސްޕިޓަލެއް، މާލެ ސަރަހައްދުގައި ހަމަޖައްސަވައި، ކެބިނެޓުން އެކަން ނިންމުމަށްފަހުގައި، ހުޅުމާލެ، ދެވަނަ ފިޔަވަހިން 71000 އަކަފޫޓުގެ ބިމެއް މިހާރު ވަނީ ހަމަޖައްސަވައި ދެއްވާފައި،" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، އެ ހޮސްޕިޓަލް ހެދުމަށް ބޭނުންވާ ފައިސާގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި، އުރީދޫ މޯލްޑިވްސްއިން ދައުލަތަށް ދައްކާ ފީ ކުޑަކޮށްދޭ ގޮތަށް ތެލެސީމިއާ ހޮސްޕިޓަލް އިމާރާތްކޮށްދިނުމަށް އެ ކުންފުނިން 100 މިލިއަން ރުފިޔާ ދޭން ވަނީ ނިންމައިފައެވެ.

ތެލަސީމިއާ ފަރުވާ ރާއްޖޭގައި ރަނގަޅުކުރުމަށް ހާއްސަ ހޮސްޕިޓަލެއް އެޅުމަށް ނިންމާފައިވާކަން ސަރުކާރުން ހާމަކުރައްވާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ދިހަ ވަނަ ދުވަހުއެވެ. އެކަމަށް 25 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.