ދިވެހި ވާހަކައާއި މަޖައްލާތައް ނެރުމަކީ އެޑިއުކޭޝަން މިނިސްޓްރީގެ އަޒުމެއް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އެ މަސައްކަތް ފައްޓަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

ޔޫއޭއީގައި ދިރިއުޅޭ ދިވެހި ކުދީންނަށް ދިވެހިބަހާއި އިސްލާމް މާއްދާ އޮންލައިންކޮށް ކިޔަވައިދޭން ފެށުން ރަސްމީކޮށް އިފުތިތާހު ކުރުމަށް ރޭ ތާޖް ހޮޓެލް ދުބާއީގައި ބޭއްވި ހަފުލާގައި ޝަފީއު ވިދާޅުވީ, ކުޑަކުދިން ކިޔެވުމަށް ބޭނުންވާ ފޮތްތައް ދިވެހި ބަހުން މަދު ކަމަށެވެ. ހާއްސަކޮށް ދިވެހި ވާހަކަފޮތް ޝާއިއު ކުރެވިފައި ނެތް ކަމަށްވެސް ވިދާޅުވިއެވެ.

"އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އަޅުގަނޑުމެން ގަސްދުކުރަނީ, އަގު ބޮޑު މަސައްކަތްތަކެއް ކަމުގައިވިޔަސް ދިވެހި ބަހުން މި ޒަމާނާ ގުޅޭ އަދި ކުދިންގެ ހިޔާލާއި ފިކުރު ތަރައްގީކޮށް ކުދިން ޝައުގުވެރި ވާނެ ވާހަކަތަކާއި މަޖައްލާތައް ނެރުމަކީ ވަރަށް ބޮޑު އަޒުމެއް. ކުރިއަށް އޮތް ދުވަސްތަކުގައި އެކަމުގެ ފަންނީ ބޭފުޅުންނާއެކު މަސައްކަތް ކުރާނަން," ޝަފީއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ, ދިވެހިން ރާއްޖޭން ބޭރުގައި އުޅުނު ކަމުގައިވިޔަސް, އެންމެ ބޮޑު ވިސްނުމަކީ ދިވެއްސެއްގެ ގޮތުގައި އެ މީހުންގެ ދަރިން ބިނާކުރުން ކަމަށެވެ. އަދި ރާއްޖޭން ބޭރުގައި ތިބެގެން ދިވެހިބަހާއި އިސްލާމް މާއްދާ ކިޔެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ދިވެހި ސަރުކާރުގައި އެދުމުގެ އަސްލަކީ އެއީ ކަމަށްވެސް ވިދާޅުވިއެވެ.