ދުބާއީން: މުހައްމަދު ސިމާއު/ ވަން އޮންލައިން

ރާއްޖޭން ބޭރުން ކިޔަވައިގެން އެނބުރި ރާއްޖެއަށް ހިދުމަތް ކުރަން ދިއުމަކީ ފަހުރަކަށް ހަދަން ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

އެކުވެރި އަރަބް އިމާރާތް (ޔޫއޭއީ)ގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް އޮންލައިންކޮށް ދިވެހިބަހާއި އިސްލާމް ކިޔެވޭ ޕްރޮގްރާމް އިފުތިތާހު ކުރުމަށް ރޭ ތާޖް ހޮޓެލް ދުބާއީގައި ބޭއްވި ހަފުލާގައި ޝަފީއު ވިދާޅުވީ, ދިވެހިން, ރާއްޖޭން ބޭރުން ކިޔެވުމަށްފަހު ރާއްޖެއަށް ހިދުމަތް ކުރުމަށް ދިއުޖމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕާއި ހައި އެޗީވާސްގެ ސްކޮލަޝިޕް އަދި ދައުލަތުގެ އެހެން ސްކޮލަޝިޕްތައް ލިބިގެން ރާއްޖޭން ބޭރަށް ކިޔަންވަންދާ ދަރިވަރުން, މަތީ ތައުލީމު ހާސިލުކޮށްގެން ރާއްޖެއަށް އެނބުރި ނުދިއުމަކީ ވަރަށް ބޮޑު ދެރައަކާއި ގެއްލުމެއް ކަމަށް ވިދާޅުވިއެވެ.

"ބޭރު ދުނިޔޭން ތައުލީމާއި ތަޖުރިބާ ހާސިލުކުރުމަށްފަހު ރާއްޖެއަށް އެނބުރި އައިސް ރާއްޖެއަށް ހިދުމަތްކުރުމަކީ ކޮންމެ ކުއްޖެއްގެވެސް އަޒުމެއް ކަމުގައި, ފަހުރެއް ކަމުގައި އަދި އުންމީދެއްގެ ގޮތުގައި ކަނޑައަޅަން ޖެހޭ," ޝަފީއު ވިދާޅުވިއެވެ.

އޭނާ އެހެން ވިދާޅުވި އިރު, ޔޫއޭއީގެ އެކި ވަޒީފާތަކުގައި ގިނަ އަދަދެއްގެ ދިވެހިން އުޅޭ ކަމަށް ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވަނީ ވިދާޅުވެފައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ޕައިލެޓުންނާއި އެއާ ޓްރެފިކް ކޮންޓްރޯލަރުންވެސް ހިމެނެއެވެ.