މަގުގައި ހިނގާބިނގާވަމުން ދިޔަ މީހުންގެ ސަމާލުކަން މަގުގައި ޚަބަރު ހުސްވެފައި އޮތް ޔަޝްފީއަށް ހުއްޓިއްޖެއެވެ. އެއްބަޔަކު ޔަޝްފީ ވަށާލައިގެން ތިބި އިރު، އެތަނުން އެކަކު ކުރިއަށް ޖެހިލައި ޔަޝްފީގެ ގާތުގައި ކުރުފައިމައްޗަށް އިށީނެވެ. އޭނަގެ މޫނުމަތިން ވެސް ފެންނަނީ ބިރުވެރިކަމެވެ. ލޭގެ ކޯރެއް މަގުގައި ދެމިފައި އޮތެވެ. ޔަޝްފީގެ އެއްވެސް ހަރަކާތެއް ނެތެވެ. ޔަޝްފީގެ ވިންދާއި ނޭވަގެ ހިނގުން އެމީހާ ބެލިއެވެ. ނޭވާގައި ވަނީ ބުރަހެލިކަމެވެ. ހިތުގެ ތެޅުންވެސް ހިނދަށްހިނދަކަށް ދިޔައީ ދަށްވަމުންނެވެ. ކުއްލި ފަރުވާދޭން އެނގޭ މީހެއްކަމުން ޔަޝްފީގެ ހާލަތު ދިރާސާކޮށްލުމަށްފަހު، ސިއްހީ މާހިރުން އަންނަންދެން އެވަގުތަށް ދެވެން އޮތް ފަރުވާ އެމީހާ ދެމުން ދިޔަ އެވެ.
ކަންތައް ވެދިޔަ ގޮތާ މެދު އެއްބަޔަކު ވާހަކަ ދައްކަމުން ދިޔަ އެވެ. ހޮޓެލްގެ އިމާރާތަށް ވެސް އެހެން ތިބެފައި ބަލައިލައެވެ. އެމްބިއުލާންސް އައުން ލަސްވެގެން ވެސް ހިތްހަމަނުޖެހުން ފާޅުކުރަމުން ދިޔައެވެ. ޕޮލިހުން ވެސް އޭރު އެތަނަށް އައިސްފިއެވެ.
މީހުންގެ ތެރެއިން ނެއްޓެމުން ޔަޝްފީގެ ގާތަށް ރުހައިމްއަށް ދެވުނީ އުނދަގުލުންނެވެ. އޭރު އެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. ލެއިން ތަތްތެޅިފައި އޮތް ޔަޝްފީ ފެނުމުން ރުހައިމް ހުއްޓުން އަރައިފިއެވެ. މަޑުމަޑުން ޔަޝްފީގެ ނަން ވެސް ކިޔާލެވުނެވެ. އޭނާގެ ސިކުނޑި ވަނީ ހާސްކަމާއި ބިރުވެރިކަމެއްގެ ތެރޭގައެވެ. ހިތްވަރުކޮށްލަމުން ކުރިއަށް ދެވޭތޯ ރުހައިމް ބެލިއެވެ. އެ ވަގުތު އޭނާއަށް ހުރަސް އެޅީ ޕޮލިހުންނެވެ. އެކަމާ ވެސް ރުހައިމް ގާތަށް ރުޅި އަތުވެއްޖެއެވެ.
''ޝީ އިޒް މައި ވައިފް!...'' ރުހައިމް ގަދަހެދިއެވެ. ޔަޝްފީ އޮތް ހާލު ފެނި ރުހައިމްގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. އެދެމެދުގައި ރުޅިވެރިކަމުގެ އަލިފާން އަނދަމުން ދިޔަ ކަމުގައި ވިޔަސް ޔަޝްފީއަށް ދެރަގޮތެއް ވާން ރުހައިމްގެ ނަފުސު ބޭނުމެއް ނުވެއެވެ. ހަމައެއާއެކު ދަރިފުޅާ މެދު ހިތުގައި އުފެދިގެން އައީ ބިރުވެރިކަމުގެ ތޫފާނެކެވެ.
''ލެޓް މީ ގޯ!...'' ރުހައިމްއަށް ހަޅޭއްލަވައިގަނެވުނެވެ. އެ ވަގުތު އެމްބިއުލާންސްގެ އަޑު އިވިގެން ދިޔައެވެ. ޕެރެމެޑިކްއަށް ތަން ދައްކަން މީހުންތައް އެއްފަރާތަކަށް ޖެހިލިއެވެ. އޭރު ޔަޝްފީ ވަށާލައިގެން ތިބި މީހުން ވެސް ފުލުހުން ދުރަށް ގެންގޮސްފިއެވެ.
ރުހައިމްއަށް ޔަޝްފީ ގާތަށް ދެވޭ ގޮތެއް ނުވިއެވެ. ހާސްވެ ބިރުގެންފައި ހުރި ރުހައިމްއަށް ރުޅިވެރިކަން އިހުތިޔާރުކުރެވުނެވެ. ޔަޝްފީގެ އިތުރުން ދަރިފުޅުގެ ހާލު އެނގެން އޭނާ ބޭނުންވިއެވެ. ޕޮލިހުން އެ ފުރުސަތު ނުދިމުން ރުޅި ކޮންޓްރޯލުވާ ގޮތެއް ވެސް ނުވިއެވެ.
''ރުހައިމް...'' ނަދީމާ ގޮވާލިއެވެ. އޭނާ ވެސް ހުރީ ލޯކުރިމަތިން ނިއުޅެމުން ދިޔަ މަންޒަރުތައް ގަބޫލުކުރަން ދަތިވެފައެވެ. ޔަޝްފީއާ މެދު ހިތްހަމަނުޖެހުން ވިޔަސް އެފަދަ ދެރަގޮތެއް މެދުވެރިވުމުން ހިތުގައި ވަނީ ގިލަންވެރިކަމެވެ. ވަގުތުގެ ނާޒުކުކަމުން ރުހައިމްއަށް ވިސްނައިދެވޭތޯ ނަދީމާ މަސައްކަތްކުރިއެވެ.
''މަންމާ!...'' ރުހައިމްއަށް ގޮވާލެވުނެވެ. އެދެލޮލަށް އޭރު ކަރުނަ ޖަމާވެއްޖެއެވެ.
''އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ...'' ރުހައިމްގެ ކަރުނަތަކުން ނަދީމާގެ ހިތަށް ތަދު ވިއެވެ.
*****
ހޮސްޕިޓަލަށް ޔަޝްފީ ގެންދެވުމަށް ފަހު އަވަސް ފަރުވާ ދެވުނެވެ. ޑޮކްޓަރުންގެ ފަރާތުން ވެސް ފެންނަނީ ހާސްކަމެވެ. އެމަޖެންސީގައި ޔަޝްފީ ގެންދެވުނީ އޮޕަރޭޝަން ތިއޭޓަރަށެވެ. އޭރު ނަދީމާގެ ފަރާތުން ބިލާލްއާއި ލުޔޫންއަށް ވެސް އެޚަބަރު ލިބިއްޖެއެވެ.
އޮޕަރޭޝަން ތިއޭޓަރުގެ ބޭރުގައި ނަދީމާގެ އިތުރުން ބިލާލް އިނެވެ. ރުހައިމް އިނީ ނެގިމަޑުވެފައެވެ. އޮޕަރޭޝަން ތިއޭޓަރަށް ޔަޝްފީ ވައްދަމުން ވެސް ޑޮކްޓަރުން ދީފައި ވަނީ ބިރުވެރި ޚަބަރެކެވެ. ޔަޝްފީއާއި ދަރިފުޅުގެ ފުރާނަ ވެސް ނުރައްކަލަށް ހުށަހެޅިފައިވާ ކަމެވެ. ޑޮކްޓަރުންގެ ވާހަކަތަކުގައި އެއްވެސް އުއްމީދެއް ނެތެވެ. ބިރުވެރި ޚަބަރެއްގެ އިންޒާރު ދޭ ފަދައެވެ.
ރުހައިމްއަށް އޭނާގެ މޫނުގައި އަތް އަޅާލެވުނެވެ. އޭނާއަށް ވެދިޔަ ކަންތަކުގައި އަމިއްލަ ނަފުސު ކުށްވެރިކުރެވުނީ އެވެ. ޔަޝްފީ ގުޅިތަނާ އޭނާއަށް ފޯނު ނެގުނުނަމައެވެ. ޔަޝްފީގެ ގާތަށް ދެވުނުނަމައެވެ. އޭރުން ގައިމު ވެސް ޔަޝްފީ ރުޅިގަދަ ނުވީހެވެ. ވިސްނައިދުނުމުގެ ފުރުސަތު ވެސް ލިބުނީހެވެ. ނަމަވެސް މިހާރު ވަގުތު ވަނީ ފާއިތުވެފައެވެ.
''ރުހައިމް!...'' ވަކިން ހުރި ގޮނޑިބަރިއެއްގައި އެކަނިމާއެކަނި އިން ރުހައިމް ސިހުނީ ބިލާލްގެ އަޑަށެވެ. ލޮލުގެ ހިމަކޮޅުން ފޭބި ކަރުނަ ފޮހެލަމުން ރުހައިމް އިސްއުފުލާލިއެވެ.
''ޕޮލިހުން އެބަތިބި ބަޔާން ނަގަން އައިސް...'' ދުރުގައި ތިބި ޕޮލިހުން ލޮލުގެ އިޝާރާތުން ދައްކާލަމުން ބިލާލް ބުންޏެވެ. ބޯޖަހާލަމުން ރުހައިމް ކޮޅަށް ތެދުވުނެވެ. ރުހައިމްގެ ކޮނޑުގައި ބިލާލް ހިފާލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ.
ރުހައިމްގެ ބަޔާން ނެގުމަށްފަހު ނަދީމާގެ ބަޔާން ވެސް ޕޮލިހުން ނެގިއެވެ. މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންތައް ހުރުމުން ފަހުން ޕޮލިހުންގެ އިދާރާއަށް ހާޒިރުވާން ޖެހޭނެ ވާހަކަ ވެސް ބުންޏެވެ.
*****
ބިރުވެރި ހުވަފެނަކުން ނާލާއަށް ހޭލެވުނީ ހަޅޭކެއްގެ އަޑާއެކުގައެވެ. ދެލޯ ހުޅުވާލަމުން އޭނާއަށް ރުހައިމްގެ ނަމުން ގޮވާ ލެވުނެވެ. ނާލާގެ ހަޅޭކުގެ އަޑަށް ކައިރީގައި އިން ލުޔޫން ވެސް ދިޔައީ ސިހިގެންނެވެ.
''ކުޑާ...'' ފުންކޮށްނޭވާލަމުން ދިޔަ ނާލާ ފެނި ލުޔޫންއަށް ގޮވާލެވުނެވެ. ކޮޅަށް ތެދުވަން އުޅުނު ނާލާގެ ގައިގައި އޭނާ ހިފެހެއްޓިއެވެ.
''ރުހައިމް... ރުހައިމް ކޮބާތަ؟...'' ރުހައިމް ފެންނަން ނެތުމުން ނާލާގެ ދެލޯ ކަރުނުން ފުރިއްޖެއެވެ. ފެނުނު ބިރުވެރި ހުވަފެނުން ނާލާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. ރަނގަޅަށް އޭނާގެ ސިކުނޑި ވެސް މަސައްކަތެއް ނުކުރެއެވެ.
''ރުހައިމް އެބަހުއްޓޭ!... ކުޑާ...'' ނާލާގެ ހިތްހަމަޖައްސައިދޭން ލުޔޫން ބުންޏެވެ.
''ރުހައިމް އަހަރެން ދޫކޮށްފައި ނުދާނެދޯ؟...'' ނާލާއަށް ރޮވިއްޖެއެވެ. ހުވެފެނުން އޭނާއަށް ފެނުނީ ރުހައިމް އޭނާއާއި ދުރަށް ދާ ތަނެވެ. އެލޯތްބަށް ފުރަގަސްދޭ ހިތްދަތި މަންޒަރެވެ. މުޅި ނަފުސު ބިރުވެރިކަމުން ވަށާލާފައި ވަނީ އެހެންވެއެވެ. އެތައް ދުވަހެއްގެ ދިގު އިންތިޒާރަށް ފަހު ދެވަނަ ފަހަރަށް އެލޯބިން މަހްރޫމުވާން ވެއްޖެނަމަ، އެވޭން އޭނާއަށް ބަރުދާސްތެއް ނުކުރެވޭނެއެވެ.
''ކުޑާ...'' ލުޔޫންއަށް ގޮވާލެވުނެވެ. ނާލާގެ ދެލޮލުގައި ބަބުޅަމުން ދިޔަ ބިރުވެރިކަން ފެނި އޭނާ ހާސްވިއެވެ. އެތައް ވާހަކައެއް ދައްކައިގެން ނާލާ ހަމައަކަށް އަޅުވަން އޭނާ މަސައްކަތްކުރިއެވެ.
''ފެން ބޯލަބަލަ...'' ކަބަޑުމަތީ ހުރި ފެންޖަގުން ތަށްޓަކަށް ފެންއަޅަމުން ލުޔޫން ބުންޏެވެ. ފެންތަށި ނާލާގެ އަތަށް އޭނާ ލައިދިނެވެ. އެއްނޭވާއިން ނާލާ ފެންތަށި ހުސްކޮށްލިއެވެ.
''އަހަރެން ބޭނުމި ރުހައިމް ގާތަށް ދާން...'' ނާލާގެ ހިތަށް ހަމަޖެހުމެއް ލިބޭނީ ރުހައިމްގެ ސޫރާ ފެނުމުންނެވެ. ''ކޮބާތަ ރުހައިމް؟...''
ލުޔޫންއަށް ހިމޭންކަން ވެރިވެގެން ދިޔަ ތަން ނާލާއަށް ފެނުނެވެ. ވަގުތުން އޭނާއަށް ލުޔޫންގެ އަތުގައި ހިފަހައްޓާލެވުނެވެ. އޭނާއަށް ނޭނގި ބޮޑު ކަންތައްގަނޑެއް ހިނގައިފިކަން ނަގައިގަނެވުނީ ލުޔޫން އިސްޖަހާލުމުންނެވެ. އޭނާއާ ހަތަރުކަޅި ހަމަކުރަން ލުޔޫންއަށް އުނދަގޫވެއްޖެކަން ގައިމެވެ.
''ކޮންމެވެސް ކަމެއް ވެއްޖެ... ލުޔޫން!...'' ލުޔޫންގެ އަތުގައި ހިފާ ނާލާއަށް ތަޅުވާލެވުނެވެ. އޭނާ އެނދުން ތެދުވުނެވެ. ލުޔޫންގެ ފަރާތުން ޖަވާބު ބޭނުންވެގެން އެތައް ސުވާލެއް ކުރިމަތިކޮށްފިއެވެ.
ޔަޝްފީއަށް ދިމާވި ހާދިސާ ލުޔޫން ކިޔައިދިނީ ނާލާ އާދޭސްކުރަން ފެށުމުންނެވެ. އަޑުއަހަން ހުރި ނާލާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. ރުހައިމް ހުންނާނީ ނާޒުކު ފަތްތަރެއްގައިކަމަށް ވުމުން ރުހައިމްގެ ގާތަށް ދިއުމަށް ނާލާ އަވަސްވެގަތެވެ. އެއުނދަގޫ ވަގުތުގައި ރުހައިމްގެ ހިތްވަރެއްކަމުގައި ވާން ނާލާ ބޭނުން ވިއެވެ. ހިތާހިތާ ދުޢާ ކުރެވުނީ ހުރިހާކަމެއް ވެސް ރަނގަޅުވުމަށް އެދިއެވެ. ހިތުގައި ޔަޝްފީއާ މެދުވި ރުޅިވެރިކަމަށް ވެސް ކުއްލި ނިމުމެއް އަތުވެއްޖެއެވެ. އޭނާ ފަދައިން ރުހައިމް ދެކެ ޔަޝްފީ ވެސް ލޯބިވެއެވެ. ޔަޝްފީގެ އަމަލުތަކުން އެކަން ސާބިތުވެއެވެ. ނަމަވެސް ލޯބި ހާސިލުކުރަން ޔަޝްފީ ޚިޔާރުކުރި މަގު މުޅިން ވެސް ގޯހެވެ. ރުހައިމްގެ ހިތަކީ އެހެން މީހެއްގެ މިލްކެއްކަން އެނގޭއިރު ވެސް ގަދަކަމުން ލޯބި ހޯދަން މަސައްކަތްކުރީއެވެ. އެލޯބީގައި ދީވާނާވުމުން ނިކުތީ ހިތްދަތި ނަތީޖާއެކެވެ. ދެރައީ ޔަޝްފީއަށް ވިސްނައިދޭނެ އެކުވެރިޔަކު ވެސް ނެތީމައެވެ. ކުރެވުނީ ގޯސްކަމެއްކަން އަންގައިދޭނެ މީހަކު ވެސް ނެތީތީއެވެ. ހާދަ ދެރައެވެ.
*****
ޚިޔާލުތަކަށް ގެއްލިފައި އިން ރުހައިމްއަށް އޭނާގެ ގާތުގައި ނާލާ އިށީންކަން ވެސް ރޭކާ ނުލިއެވެ. ސިހިގެން ދިޔައީ އޭނާ އަތުގައި ނާލާ ހިފާލުމުންނެވެ. ނާލާއާއި ހަތަރުކަޅި ބައްދަލުވި ހިނދު ރުހައިމްއަށް ނިކަން އަވަހަށް އިސްޖަހާލެވުނެވެ. ނާލާއާއި ކުރިމަތިލުމުގެ ހިތްވަރެއް ވެސް އޭނާއަކަށް ނުލިބުނެވެ.
''ރުހައިމް...'' ނާލާ ގޮވާލީ އޯގާތެރިކަމާއެކުގައެވެ. ރުހައިމްގެ އަތުގެ އިނގިލިތަކާ އޭނާގެ އިނގިލިތައް ނާލާއަށް މަހާލެވުނެވެ.
''ޑޯންޓް ބްލޭމް ޔޯރ ސެލްފް...'' ރުހައިމްގެ ގައިގައި ނާލާ ބައްދާލިއެވެ. ''އިޓް ވޯޒް އޭން އެކްސިޑެންޓް، ރުހައިމްއަށް އެވަގުތު ކުރެވެން ހުރި ކަމެއް ކުރިކަން ހަނދާން ނައްތާނުލާ... ޔޫ ޑިޑް ޔޯރ ބެސްޓް ޓު ހެލްޕް ހާރ، ސޯ ޕްލީޒް ސްޓޮޕް ބްލޭމިންގް ޔޯރ ސެލްފް......''
ނާލާގެ ހަށިގަނޑުގައި ރުހައިމްއަށް ބާރަށް ބައްދާލެވުނެވެ. އޭރު އެލޮލުން ކަރުނަ ވެސް ފޭދިއްޖެއެވެ. ނާލާގެ އޯގާތެރިކަމުން އެއުނދަގޫ ދަނޑިވަޅުގައި ހިތަށް ކުޑަ ނަމަވެސް ތަސައްލީއެއް ލިބުނެވެ. ރުހައިމްގެ ބުރަކަށީގައި ނާލާ މަޑުމަޑުން ފިރުމާލިއެވެ. ނާލާގެ ކޮންމެ ހަރަކާތެއްގައި ވަނީ އޯގާތެރިކަމާއި ލޯތްބެވެ.
*****
އޮޕަރޭޝަނަށް ފަހު ލިބުނީ ހިތްދަތި ޚަބަރެކެވެ. ޑޮކްޓަރުން ކިތަންމެ މަސައްކަތްކުރިކަމުގައި ވިޔަސް ޔަޝްފީގެ ފުރާނަ ސަލާމަތެއް ނުކުރެވުނެވެ. ދަރިފުޅު ސަލާމަތްކުރެވުނު ކަމުގައި ވިޔަސް ހާލަތު ގޯސްކަމަށް ޑޮކްޓަރުން ބުންޏެވެ. ދަރިފުޅުގެ ދެކިލުމުގެ ފުރުސަތެއް ވެސް ރުހައިމްއަކަށް ނުލިބުނެވެ. ދުވަސް ނުފުރާ ވިހެއުމުގެ އިތުރުން ޔަޝްފީއަށް ލިބިފައިވި އަނިޔާގެ ބޮޑުކަމުން އެކަމުގެ އަސަރު ދަރިފުޅަށްކޮށްފައިވާ ވާހަކަ ޑޮކްޓަރުން ބުނީ މާޔޫސްކަމާއެކުގައެވެ. އެވާހަކަތަކުން ހިތަށް ލިބުނީ އިތުރު އުދާސްކަމެކެވެ. ދަރިފުޅު ނެގި ގޮތަށް ގެންދިޔައީ އެން.އައި.ސީ.ޔޫ އަށެވެ. އެއާއެކު ދެން ކުރިމަތިލާން ޖެހުނީ ޔަޝްފީގެ މަރާ އެވެ.
''ޔަޝްފީގެ ޢާއިލާއަށް އަންގަންވާނެއެއްނު...'' ރުހައިމްއަށް ބިލާލް ބުންޏެވެ. ރުހައިމް އިނީ ހިމޭންވެފައެވެ. ޔަޝްފީގެ ޢާއިލާގެ އެއްވެސް މަޢުލޫމާތެެއް އޭނާއަށް ނޭނގެއެވެ. އެނގޭނީ ވެސް އެކަމަށް ޝައުގުވެރިކަން ފާޅުކުރިނަމަތާއެވެ. އޭނާއަށް އެނގެނީ ހަމައެކަނި ފިޔާޒާއެވެ. ފިޔާޒާއަށް އެޚަބަރު ރުހައިމް ދިނެވެ. ފިޔާޒާގެ ފަރާތުން އެނގުނު ގޮތުގައި ޔަޝްފީގެ މައިންބަފައިން ވަނީ ނިޔާ ވެފައެވެ. ޔަޝްފީ ބޮޑުވީ ބައްޕަ ފަރާތު ބޮޑުދައިތައެއްގެ ގާތުގައެވެ. ނަމަވެސް އެއީ ޔަޝްފީއަށް ރަނގަޅު ބަޔެއް ނޫނެވެ. ތަސައްވަރު ފުދި އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމާއެކު އެމީހުންނާ ޔަޝްފީ ވަނީ ގުޅުން ކަނޑާލާފައެވެ. މިހުރިހާ ދުވަހު ޔަޝްފީ ދިރުއުޅެމުން ދިޔައީ އެކަންޏެވެ.
ޔަޝްފީގެ އެކަނިވެރި ދިރިއުޅުން އަޑު އިވި ނާލާގެ ހިތް ފުރިގެންއައީ ހަމްދަރުދީންނެވެ. ޔަޝްފީގެ އަމަލުތައް އެދަރަޖައަށް ދިޔައީ ހެވާއި ނުބައި އޮޅުން ފިލުވައިދޭނެ މީހަކު ނެތުމުންނެވެ. މިދުނިޔޭގެ ވަގުތީ މަންޒިލްގައި ޔަޝްފީއަށް ލޯބީގެ ބަދަލުގައި ލިބުނީ ހިތްދަތިކަމާއި ވޭނެއެވެ. ރުހައިމް ހާސިލުކުރަން ކޮންމެ ފަދަ ދަރަޖައަކަށް ދާން ޔަޝްފީ ބޭނުންވީ ވެސް އެހެންވެގެންނެވެ.
ޔަޝްފީގެ ޖަނާޒާގައި ބައިވެރިވީ ރުހައިމްއާއި ނާލާގެ ޢާއިލާ އެކަންޏެވެ. ވަޅުލުމުގެ ކަންތައް ނިމުމުން ރުހައިމް ސަހަރާގައި މަޑުކުރިއެވެ. ނާލާ ވެސް ރުހައިމްގެ ގާތުގައި މަޑުކޮށްލިއެވެ. މަހާނައަށް ބަލަހައްޓައިގެން ރުހައިމް ހުރީއެވެ. މާހައުލަށް ވެރިވެފައި އޮތީ ހިމޭންކަމެވެ. އެގޮތުގެ މަތީން އިރުކޮޅެއް ފާއިތުވެ ދިޔަތަނާ ރުހައިމްގެ އަތުގައި ނާލާ ހިފިއެވެ.
ހިމޭންކަމުގެ ސުކޫތެއް ފާއިތުވެގެން ދިއުމަށް ފަހު ދާން ރުހައިމް ހިނގައިގަތެވެ. ދަރިފުޅަށް ރައްކާތެރިވާނެ ކަމަށް ވަޢުދުވުމަށްފަހުގައެވެ.
*****
ތަހުގީގަށްފަހު ޕޮލިހުން މައްސަލަ ނިންމީ ބެލްކަނީގެ ފާރުމަތިން ފައިބަން އުޅުމުގެ ތެރޭގައި ޔަޝްފީ ވެެއްޓުނީ ކަމަށެވެ. ނަދީމާއާއި ރުހައިމްގެ ބަޔާނުގެ އިތުރުން، ރުހައިމްގެ ފޯނަށް ޔަޝްފީކޮށްފައި ހުރި އިންޒާރުގެ މެސެޖުތަކާއި، އެދުވަހު ހޮސްޕިޓަލުގައި ޔަޝްފީ ހިންގާލި ހާދިސާ ވެސް ހެއްކަކަށް ހުއްޓެވެ.
*****
ބޯންމެރޯ ކްރޮސްމެޗް ޓެސްޓްގެ ނަތީޖާ އިން ނާލާއަށް އުއްމީދެއް ލިބުނެވެ. ލުޔޫންއާއި އޭނާގެ ބޯންމެރޯ ދިމާ ވެއެވެ. އިތުރު ތަހުލީލުތަކެެއް ހެދުމަށްފަހުގައި ބޮޑު އޮޕަރޭޝަނަށް ތައްޔާރުވުން އޮތީއެވެ. ހިތުގައި ބިރުވެރިކަން އޮތަސް އެކަމާ ކުރިމަތިލާން ނާލާ ހުރީ ތައްޔާރަށެވެ. ރުހައިމްއާއެކު އާހަޔާތެއް ފެށުމުގެ އުއްމީދު އިހުނަށްވުރެން ބޮޑުވެފައި ވާތީއެވެ. ދަރިފުޅާއި މެދު ރުހައިމް ފިކުރުބޮޑު ވެފައި ހުންނަ ވަގުތުތަކުގައި ނާލާގެ ހިތުގައި ރިއްސާލައެވެ. ރުހައިމްގެ ވޭނަށް ޝިފާއަކަށް ވާން އޭނާ ބޭނުންވިއެވެ. އެދަރިފުޅަށް ދުޅަހެޔޮ ސިއްހަތެއް ދެއްވުމަށް އެދި ކޮންމެ ނަމާދެއްގެ ފަހުގައި އޭނާ ދުއާ ދަންނަވައެވެ.
މަނާލްގެ ފަރާތުން ވެސް އުދާސްކަން ވެރިވާ ހިނދު ނާލާއަށް ފައިދާ ހުރި ނަސޭހަތްތަކެއް ލިބެއެވެ. ދުޢާ ގިނަގިނައިން ކުރުމުން ޝައިތާނީ ވަސްވާސްތަކާ ދުރުވާނެ ވާހަކަ އަބަދު ވެސް މަނާލް ބުނެއެވެ. ދުޢާ އަކީ މުއުމިނުންނަށް އޮތް އެންމެ ބޮޑު ހަތިޔާރެވެ. އަނިދިރކަމުން އަލިމަގަށް ގެންގޮސްދޭ މިތުރު ވެސް މެއެވެ. މަނާލް ފަދަ އެކުވެރިޔަކު ދިރިއުޅުމުގެ އެންމެ އަނދިރި ދުވަސްތަކުގައި ލިބުން އެއީ ނިއުމަތެއްކަމުގައި ނާލާ ދެކުނެވެ. އެކަމަށް މާތްﷲއަށް ޝުކުރެވެރި ވެވުނު އަދަދެއް ވެސް ނޭނގެއެވެ.
*****
ދަރިފުޅާ ބައްދަލުކުރަން ހުއްދަ ލިބުމުން ރުހައިމް ދިޔައީ ނާލާ ވެސް ގޮވައިގެންނެވެ. އޭނާގެ ހަޔާތުގެ ކޮންމެ ހިނދުކޮޅެއްވެސް ހޭދަކުރަން ބެނުންވަނީ ނާލާއާއެކުގައެވެ. އޭނާގެ ދަރިފުޅަށް އެންމެ އެކަށީގެންވާނެ މަންމައަކީ ވެސް ނާލާ އެވެ. ބަލިން ނާލާ ފަސޭހަވުމާއެކު އަލުން ނާލާއާއެކު ހަޔާތެއް ފަށަން ރުހައިމް ހުރީ އަޒުމުކަނޑަޅައިގެންނެވެ. އެހިތުގެ ދުޢާއަކީ އޭނާ ދެކެމުން އަންނަ ހުރިހާ ހުވަފެނެއް ވެސް ނާލާއާއެކު ފުރިހަމަވުމެވެ.
ރުހައިމްއަށް ލިބުނީ ފިރިހެން ކުއްޖެކެވެ. ތަފާތު މެޝިންތައް ގުޅާފައި އޮތް ތުއްތު ފުރާނަ ފެނުމުން ނާލާގެ ހިތަށް ތަދުވިއެވެ. ހަތްމަހުގައި ނަގަން ޖެހުމުން ވަރަށް ވެސް ކުޑައެވެ. ނޭވާ ވެސް އަވަސްއަވަހަށް ލަމުން ދިޔަ މަންޒަރު ބަލަން ހުއްޓާ ނާލާގެ ލޮލަށް ކަރުނަ އައިސްފިއެވެ. ރުހައިމްގެ ހާލަކީ ވެސް އެޔެވެ. ނާލާ ގެނެސް ކައިރިކޮށްލަމުން ނާލާގެ އަތުގައި ރުހައިމް ހިފާލިއެވެ.
''ހީ އިޒް އެ ފައިޓާރ...'' ނާލާއަށް ކަރުނަތައް ފޮހެލެވުނެވެ. ޑޮކްޓަރުގެ ފަރާތުން މިހާރު ލިބެމުން އަންނަނީ އުއްމީދީ ވާހަކަތަކެކެވެ. މި އުނދަގޫ ވަގުތު ލިބޭ ހަމައެކަނި އުފަލަކީ އެޔެވެ.
*****
ހަ މަސް ފަސް...
ކެންސަރާއި ކުރި ދިގު ހަނގުރާމައަށް ފަހު މާތްﷲގެ ރަހުމަތުން ކާމިޔާބު ލިބުނީ ނާލާ އަށެވެ. ބޯންމެރޯ ޓްރާންސްޕްލާންޓަށް ފަހު ނާލާގެ ހާލަތު ނާޒުކު ފަތްތަރަކަށް ވެސް ދިޔަ އެވެ. ޑޮކްޓަރުން އުއްމީދު ކަނޑާ ހިސާބަށް ކަންތައް ދިޔައެވެ. ނަމަވެސް ހުރިހާ ކަމަކާ ނާލާ ކުރިމަތިލީ ހިތްވަރާއެކުގައެވެ. މާތްﷲގެ ރަހުމަތުން ހިނދުކޮޅަކަށް ވެސް އޭނާ އުއްމީދު ކަނޑާނުލިއެވެ. ރުހައިމްގެ ފަރާތުން ލިބުނު ލޯތްބާއި އޯގާތެރިކަމަކީ ކުރިއަށް ދާން ނާލާއަށް ލިބުނު އިތުރު ހިތްވަރެއް ކަމުގައި ވިއެވެ.
ނާލާ ހޮސްޕިޓަލުން ދޫކޮށްލި ދުވަހު ޑޮކްޓަރުންނާއި ނަރުހުންގެ ފަރާތުން ވެސް ހޫނު މަރުޚަބާއެއް ލިބުނެވެ. ނާލާ ހުރީ ޖަޒުބާތީވެފައެވެ. އެތައް ދުވަހެއްގެ ވޭނާއި ކެކުޅުމަށްފަހު ހޮސްޕިޓަލުން ބޭރަށް ނިކުމެވުމުން ލިބުނު ހިތްހަމަޖެހުން ދުލަކުން ބަޔާންކޮށެއް ނުދެވޭނެއެވެ. މޫނުގައި ބީހިލި ފިނި ރޯޅިއާއެކު ނާލާއަށް ހިނިތުންވެވުނެވެ. އެވަގުތު ރުހައިމް އޭނާގެ އަތުގައި ހިފާލިއެވެ. އެތުންފަތުގައިވި ލޮބުވެތި ހިނިތުންވުމުން ނާލާގެ ހިތް ފުރިގެން ބަންޑުން ވިއެވެ.
''ނާލާ އަންނަން ވާއިރަށް ބޮޑު ޕާޓީއެއް ތައްޔާރުކޮށްގެން ލުޔޫން އެބައުޅޭ، އެންމެން ވީ އެތާނގަ...'' ކާރަށް އަރަން ނާލާއަށް ދޮރު ހުޅުވާލަދެމުން ރުހައިމް ބުނެލިއެވެ.
''އަހަންނަށް އެނގެޔޭ، ހަފްތާއެއް ވެއްޖެ އެކަމަށް ރެޑީވާތާ ވެސް...'' ނާލާ ގާތަށް ހިނި އައެވެ. ''އަނޫފް ގޮވައިގެން އައި ނަމައެއްނު...''
''ކުޑަކޮށް ރޯގާ ވައްތަރުވެގެން އުޅޭތީ މަންމަ އެއްބަހެއް ނުވި ގެންނާކަށް...'' ރުހައިމްގެ ޖުމްލައިން ނާލާ ކަންބޮޑުވެއްޖެއެވެ. އަނޫފައާއި ގުޅުވައިގެން އެތައް ސުވާލެއް ވެސް ކޮށްފިއެވެ. ރުހައިމްގެ ތުންފަތަށް ވެރިވީ މައުނަވީ ހިނިތުންވުމެކެވެ. އަނޫފް ދެކެ ނާލާ ވާލޯބި ފެނި އެހިތަށް ހިތްހަމަޖެހުން ގެނެސްދެއެވެ.
*****
''ކުޑާ...'' މައިދޮރުން ނާލާ އެތެރެއަށް ވަނުމާއެކު ދުވެފައި އައި ލުޔޫން ނާލާގެ ގައިގައި ބައްދާލިއެވެ. އެއާއެކު ގޭތެރެ ޒީނަތްތެރިކޮށްފައި އޮތް މިންވަރު ފެނުނެވެ. ''ކެންސާރ ފްރީ...'' ބޮޑުކޮޓަރީގެ ފާރުގައި ބޮޑު އަކުރުން ޖަހާފައި އޮތެވެ. ދެން ވަށައިގެން ޖަހާފައި ހުރީ ފުއްޕާހަމެވެ. ދެފަރާތުގެ ޢާއިލާ ހުރިހާ މެންބަރުން ތިއްބެވެ. ޖަޒުބާތުގައި ޖެހުނުވަރުން ނާލާއަށް ރޮވުނީއެވެ. ކަރުނަތައް ފޮހެލަމުން އޭނާ ހިނިތުނެވެލިއެވެ. އަދި ސަކީނާގެ އުރުގައި އިން އަނޫފް އުރާލަމުން އެކުޑަ މޫނުގައި ލޯބިކޮށްލިއެވެ.
ނާލާ ފެނުމުން ކުޑަކުޑަ އަނޫފް ވެސް އުފަލުން ގޮސް އަޑެއްލައްވާލިއެވެ. ނާލާގެ ހިތް ފުރިގެން ބަންޑުން ވިއެވެ. އެމައުސޫމް މޫނުގައިވި އުފަވެރިކަމުން އެހިތަށް ފިނިކަން ގެނެސްދިނެވެ. ހިތް މައިވަންތަކަމުގެ ލޯބިން ފުރިގެން ދިޔައެވެ.
ޕާޓީ ކުރިއަށް ދަނިކޮށް ރުހައިމް ނާލާ ގޮވައިގެން ނިކުތީ ގޭގެ ބަގީޗާއަށެވެ. ކުރީގައި ހުރެ ނާލާ ހިނގަމުން ދިޔަ އިރު އަނޫފްއާއި ސަމާސާ ކުރަމުން ދިޔައެވެ. އަނޫފްގެ ހުނުމުގެ އަޑު ފަޒާގައި ގުގުމާލާފައި އޮތެވެ. ނާލާ ގޮސް މަޑުކޮށްލީ ބަގީޗާގައި ހުރި މަސްފެންގަނޑު ކައިރިއަށެވެ. ހަވީރުގެ ވަގުތުކަމުން މުޅި ތަނަށް އޮތީ ހިޔާދީފައެވެ. މަސްފެންގަނޑު ކައިރީގައި ހުރި އަނބުގަހުގައި އިން ކޮވެއްޔެއްގެ އަޑު އިރުއިރުކޮޅާ އިވެއެވެ.
މަސްފެންގަނޑު ކައިރީގައި ނާލާ އިށީނެވެ. އަދި ފެންގަނޑުގައިވި މަސްތައް އަނޫފްއަށް ދައްކާލިއެވެ. އުފާވެރި ހުނުމެއްގެ އަޑު އިވިގެން ދިޔައެވެ. އަނޫފްގެ ދެކޮލަށް އެޅިގެން ދިޔަ އަޑިކޮޅުން އެތުއްތު މޫނުގެ މައުސޫމްކަން އިތުރުކޮށްދެއެވެ. ނާލާގެ ހިތް ފުރިގެން ބަންޑުން ވިއެވެ. އަނޫފްއަށް މަންމައެއްގެ ލޯބިދޭން ނާލާގެ ހިތް ބޭނުން ވިއެވެ.
ދުރުގައި ނާލާއާއަށް ބަލަން އިން ރުހައިމްގެ ތުންފަތުގައިވަނީ ފުން ހިނިތުންވުމެކެވެ. ޖިންސްގެ ދެޖީބަށް އަތްޖަހާލަމުން އޭނާ ނާލާ ގާތަށް ދިޔައެވެ. ފެންނަމުން ދިޔައީ ދެކެން އެންމެ ބޭނުންވާ މަންޒަރެވެ. އޭނާއާއި ނާލާގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް އަނޫފް ގެނެސްދޭނެއެވެ. ޔަޝްފީގެ ފަރާތުން ރުހައިމްއަށް އަނޫފް ލިބުނުކަމުގައި ވިޔަސް ނާލާގެ ހިތުގައި އަނޫފްއަށްޓަކައިވަނީ ސާފު ލޯތްބެކެވެ. ނާލާގެ މޫނުން ފެންނަމުން ދިޔަ އުފާވެރިކަމުން އެކަން ހާމަކޮށްދެއެވެ.
ނާލާއާއި އަލުން ކައިވެނި ކުރަން ރުހައިމް ދެވަނަ ފަހަރަށް ހުށަހެޅިއެވެ. ކެންސަރާއި ހަނގުރާމަކުރަމުން ދިޔަ ދުވަސްތަކުގައި ފުރަތަމަ ފަހަރަށް ހުށަހެޅުމުން ނާލާ ގަބޫލެއް ނުކުރިއެވެ. އޭނާ ރުހައިމްއާ ގުޅެން ބޭނުންވީ ބަލިން ރަނގަޅުވުމަށް ފަހުގައެވެ. ރުހައިމްއާއެކު އުފާވެރި ހަޔާތެއް އާރާސްތުކުރެވޭނީ އޭރުންނެވެ.
ރުހައިމްގެ ހުށަހެޅުމާއި ނާލާ ރުހި ގުބޫލުވީ ފުޅާ ހިނިތުންވުމަކާއެކުގައެވެ. އިތުރަށް މީހާ ޖަޒުބާތީ ވާން ފެށުމުން އިހުސާސްތައް ވަންހަނާ ކުރަން ނާލާއަށް އިސްޖަހާލެވުނެވެ. ނާލާގެ ދަތްދޮޅީގައި ރުހައިމް ޝަހާދަތް އިނގިލި އަޅުވާލިއެވެ. އަދި އިސްއުފުލުވާލިއެވެ. ރުހައިމްގެ ތުންފަތުގައިވަނީ ފުރިހަމަ ހިނިތުންވުމެކެވެ. ލޯބިވާކަން ހާމަކުރަމުން ނާލާގެ ކޯތާފަތުގައި ރުހައިމް ބޮސް ދިނެވެ. ހިތަށް ލިބުނު އުފާވެރިކަމާއެކު ނަލާ ލަދު ވެސް ގަނެއްޖެއެވެ. އަވަހަސްއަވަހަށް އަނޫފް އުރާލައިގެން ދާން ނާލާ އުޅުނެވެ. އެވަގުތު ނާލާގެ އަތުގައި ރުހައިމް ހިފިއެވެ. އަދި ގެެނެސް އެމޭގައި ފޮރުވާލިއެވެ. ދެން އެއަތުން ދޫކޮށްނުލާނެ ކަމަށް ވަޢުދުވަމުންނެވެ.
******
ފަސް އަހަރު ފަސް
އޮއްސެމުން ދިޔަ އިރުގެ ކުލަތަކުން އުދަރެސް ވަނީ ހުޅުދާން ވެފައެވެ. ވިލާތައް ވެސް އާދަޔާ ޚިލާފަށް ގިނަ ދުވަހަކަށް ވުމުން ފެންނަމުން ދިޔަ މަންޒަރު ވެސް އެހާމެ ރީއްޗެވެ. ގޮނޑުދޮށަށް ބީއްސާލާ ރާޅުތަކުގެ އަޑު މެދުކެނޑުމެއް ނެތި އިވެމުން ދިޔަ އެވެ. ގޮނޑުދޮށުގައި އިން އަށްޓެއްގައި އިށީދެލައިގެން އިން ނާލާގެ ނަޒަރު ހުއްޓިފައިވަނީ ރާޅުފަށުގައި ހިނގަމުން ދިޔަ ރުހައިމްއާއި އަނޫފް އަށެވެ. ފެންނަމުން ދިޔަ މަންޒަރުން އެތުންފަތުގައި ލުއި ހިނިތުންވުމެއް ކުޅެލަމުން ދިޔައެވެ.
''މަންމީ...'' ރުހައިމްގެ އަތުގައި ހިފަހައްޓައިގެން ހުރި އަނޫފް ނާލާއަށް ގޮވާލިއެވެ. އަދި އަތުގެ އިޝާރާތުން އައުމަށް ބުންޏެވެ. ލުއި ހިނިތުންވުމަކާއެކު ނާލާ ތެދުވެލިއެވެ. ހަމަހުގެ ބަނޑާއެކު ނާލާ ފެންނަނީ ވަރަށް ރީތިކޮށެވެ. ދޮން މޫނުގައި އިތުރު ވިދުމެއް ވެސް ވިއެވެ. ދެލޮލުގައި ބަބުޅަމުން ދިޔައީ އުފާވެރިކަމެވެ.
ނާލާ އައިސް ގާތުގައި ހުއްޓުމާއެކު އަނޫފް ދައްކާލީ އޭނާ އަތުގައި އޮތް ބޮޑު ބޮއްޔެކެވެ. ނާލާ ހިނިތުންވެލިއެވެ. ރުހައިމްގެ މޫނުމަތިން ވެސް ފެންނަނީ އުފާވެރިކަމެވެ. ނާލާއާއެކު އޭނާ ބޭނުންވި ދިރިއުޅުން ހާސިލުކުރެވުމުން މާތްﷲއަށް ހަމްދުކުރެވުނެވެ. ގިނަ ދުވަސްތަކެއް ނުވެ އެޢާއިލާއަށް އިތުރު ފުރިހަމަކަމެއް ގެނެްދޭނެ ކުޑަކުޑަ އަންހެންކުއްޖަކު ވެސް ހުންނާނެއެވެ. ރުހައިމް ދެކެނީ އޭނާއަކީ ދުނިޔޭގައި ހުރި އެންމެ ނަސީބު ގަދަ މީހާކަމުގައެވެ. ނާލާގެ ލޯބިން އެކަން އޭނާއަށް ކޮންމެ ދުވަހަކު ޔަގީން ކުރެވެއެވެ.
ނާލާގެ އަތުގައި ރުހައިމް ހިފާލިއެވެ. އަދި ލޯބި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ދެމަފިރިން ކުރިއަށް ހިނގައިގަތް ވަގުތު ރުހައިމްގެ އަތުން ދޫވެގެން އަނޫފް ކުރިއަށް ދުއްވައިގަތެވެ. ނާލާއަށް ލުއި ގޮތަކަށް ހީލެވުނެވެ. ރުހައިމްއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. އަދި ނާލާގެ އަތުގައި ހިފާ އިހުނަށްވުރެން ކައިރިކޮށްލަމުން ކުރިއަށް ހިނގައިގަތެވެ. ނާލާގެ ހިތް ޝުކުރުން ފުރިގެން ދިޔަ އެވެ. ދެދުނިޔޭގައި ވެސް ބައިވެރިޔަކަށް ވުމަށް އެދެވޭނެ ހަމައެކަނި އިންސާނަކީ ރުހައިމްއެވެ. ބަނަ ދުވަސްތަކަކަށް ފަހު ލޯބީގެ ޢާލަމަށް އައިސްފައިވާ އުފާވެރިކަން ދުނިއުމުރަށް ދިގުދެމިގެންދާން ނާލާ ދުޢާކުރިއެވެ. ހަސަދަވެރިންގެ ލޯތަކުންނާއި ފިތުނަވެރިންގެ ކެހިވެރިކަމުން އޭނާގެ އާއިލާ ރައްކާތެރިކޮށްދެވުމަށް އެދި ވެސް ދުޢާ ދެންނެވިއެވެ.
(ނިމުނީ)
ވާހަކަ
ވާހަކަ