ޝިއަމަން އެއާ އިން ޗައިނާގެ ފުޖިއާނުން ރާއްޖެއަށް ޗާޓަރު ދަތުރުތަކެއް މިއަދު ފަށައިފިއެެވެ.
އެ އެއާލައިނުގެ ފުރަތަމަ ފުލައިޓު ރާއްޖޭގެ ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ޖެއްސީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.
ޖުމުލަ 236 ފަސިންޖަރުންނާއެކު އައިސްފައިވާ އެ ފުލައިޓަށް ވީއައިއޭ އިން ވަނީ ހާއްސަ ރަސްމިއްޔާތަކާއެކު ވޯޓާ ސެލިއުޓަކުން މަރުހަބާ ކިޔައިފައެވެ.
އެ ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވާންގް ލީޝިން އަދި ސަރުކާރުގެ އިސް ވުޒާރާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވްސް ކަސްޓަމްސް ސާވިސް އަދި ފަތުރުވެރިކަމުގެ ދާއިރާގެ އެސޯސިއޭޝަންތަކާއި ސަރުކާރުގެ އެހެން ވުޒާރާތަކުގެ ވެރިން ހިމެނެއެވެ.
ޝިއަމަން އެއާގެ ދަތުރުތަކާއެކު ޖުމުލަ ހަތަރު އެއާލައިނަކުން ޗައިނާ އިން ރާއްޖެއަށް މިހާރު ދަތުރުކުރެވޭނެއެވެ. އެއީ ޝިއަމަން އެއާގެ އިތުރުން ޗައިނާގެ ބެއިޖިން ކެޕިޓަލް އެއާލައިންސް، ޗައިނާ އީސްޓަން އެއާލައިންސް އަދި ސިޗުއާން އެއާލައިންސް އިންނެވެ.
ޝިއަމަން އެއާ އިން ޗައިނާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަން ނިންމާފައިވާކަން އިއުލާންކުރެއްވީ މިިދިޔަ ޖެނުއަރީ މަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހުއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އެ ދަތުރުފުޅުގެ ތެރެއިން ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން އިތުރުކުރުމަށްޓަކައި ވަރަށް ގިނަ މަޝްވަރާތައް ކުރެވި، ވަރަށް ގިނަ ކާމިޔާބީތައް ލިބިގެންދިޔަ ކަމަށާއި ޑައިރެކްޓް ފުލައިޓުތައް އިތުރުކުރުމަށްޓަކައި ވެސް ވަރަށް ގިނަ މަޝްވަރާތައް އެންމެ މަތީ ލެވެލްގައި ކުރެވިގެންދިޔަ ކަމަށެވެ.
"މި ދަތުރުގައި ޝިއަމަން އެއާ އިން ރާއްޖެއަށް ޑައިރެކްޓް ފުލައިޓުތައް މި ސްޕްރިންގްގައި ފެށުމަށްޓަކައި އެ ފަރާތުން ވަނީ ކަނޑައަޅާފައި. ޝިއަމަން އިން މާލެއަށް، މާލެއިން ޝިއަމަންއަށް. އޭގެ އިތުރަށް އެކިއެކި ޑެސްޓިނޭޝަންތައް ވެސް އިތުރުކުރެވިގެންދާނެ،" އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވެފައިވަނީ ޗައިނާގެ ފަތުރުވެރިންނަށް ރާއްޖޭގެ ފަތުރުވެރިކަން މާކެޓުކުރުން އިތުރަށް ފުޅާކުރެވިގެންދާނެ ކަމަށާއި ކޮވިޑުގެ ކުރިން ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް އައި އަދަދަށްވުރެ ދެ ގުނަ ފަތުރުވެރިން، ގިނަވެގެން ކުރިއަށްއޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އަންނަ ވަރަށް އިތުރުކުރުމަށްޓަކައި މަސައްކަތްތައް ތަރުތީބުވެގެންދިޔަ ކަމަށެވެ.
ކޮވިޑުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަމުންދިޔައީ ޗައިނާ އިންނެވެ. ނަމަވެސް އޭގެ ފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަމުންދިޔައީ އިންޑިއާ އިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު