ދަ ޑިމޮކްރެޓްސް ޕާޓީގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރަން 40 ކެންޑިޑޭޓަކު ފޯމު ހުށަހަޅައިފިއެވެ.

މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު މެންދުރު 2:00ގެ ނިޔަލަށް ވަނީ ހަމަވެފައެވެ.

ޑިމޮކްރެޓްސްގައި އިސްކޮށް ހަރަކާތްތެރިވާ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) "ވަން" އަށް މިއަދު ވިދާޅުވީ، ޑިމޮކްރެޓްސްއިން މަޖިލީހަށް ވާދަކުރަން ފޯމު ހުށަހެޅުއްވީ 40 ކެންޑިޑޭޓުން ކަމަށެވެ.

އޭގެ ތެރޭގައި މިހާރު ވެސް މަޖިލީހުގައި ތިއްބަވާ މެންބަރުން ހިމެނެއެވެ.

"އަމިއްލަ ގޮތުންވެސް އެބައުޅޭ ބައެއް ބޭފުޅުން ފޯމު ލައްވައިގެން، ޑިމޮކްރެޓްސްގެ ބޭފުޅުން ކަމަށް ދެއްކުމުގެ ގޮތުން،" ބޮންޑޭ ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީ އާއި ޕީޕީއެމް/ޕީއެންސީ އިން ވެސް ވަނީ ކެންޑިޑެންސީ ފޯމުތައް ހުށަހަޅައިފައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާއެކުވެސް ބައެއް ބޭފުޅުން ވަނީ ފޯމު ހުށަހަޅުއްވައިފައެވެ.

އަންނަ މަހުގެ 17 ގައި މަޖިލިސް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ނިންމާފައިވީ ނަމަވެސް އިންތިހާބާ ބެހޭ ގާނޫނަށް އެމްޑީޕީން ހުށަހަޅައިގެން މި ފަހުން މަޖިލީހުން އިސްލާހު ގެނެސްފައި ވަނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބޭއްވުމަށެވެ.