ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ ގޮތުން 4600 އަށްވުރެ ގިނަ މީހުންގެ ވޯޓުގެ ސިއްރުކަން ގެއްލޭތީ އަލުން ރަޖިސްޓްރީވާން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފުރުސަތު ދީފިއެވެ.
އީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 4651 މީހެއްގެ ވޯޓުގެ ސިއްރުކަން ގެއްލޭތީ އަލުން ރަޖިސްޓްރީވާން، މިއަދުން ފެށިގެން މާދަމާ ހަވީރު 4:00ގެ ނިޔަލަށް ހުޅުވާލާ ކަމަށެވެ.
އެ ލިސްޓު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގައި އާންމުކޮށް ފެންނަން ހުންނާނެ ކަމަށާއި އަދި އެ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވެފައިވާ ތަން ބަދަލުކުރެވޭނީ، އެ އިއުލާނުގައިވާ ލިސްޓުގައިވާ ފަރާތްތަކަށް އެކަނި ކަމަށްވެސް އީސީގެ އިއުލާނުގައިވެއެވެ.
އީސީން މިއަދު ނެރުނު އިތުރު އިއުލާނެއްގައި ބުނީ، މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރި ނަމަވެސް، ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައެޅިފައިވާ އަދަދަށް މީހުން ހަމަނުވެގެން ރަޖިސްޓަރީ ބާތިލުވާ މީހުން އަލުން ރަޖިސްޓަރީކުރުން ކުރިއަށްދާނީ މިއަދު ހެނދުނު 8:30 އިން ފެށިގެން މާދަމާ ހަވީރު 4:00ގެ ނިޔަލަށް ކަމަށެވެ.
ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް https://form.elections.gov.mv އެ ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އެކަނިކަމަށް އީސީގެ އިއުލާނުގައިވެއެވެ.
ރީ-ރަޖިސްޓަރީ އަދި އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގައި ބަހައްޓިފައިވާ ކައުންޓަރުތަކުން އޮންލައިންކޮށް ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލެވިފައިވާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 3:00 އަށް ކަމަށްވެސް އީސީގެ އިއުލާނުގައިވެއެވެ.
އެ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ އެ ފަރާތްތަކަށް ވޯޓުލެވޭނީ ރަށްވެހިވެފައިވާ ރަށުގައި ކަމަށްވެސް އީސީގެ އިއުލާނުގައިވެއެވެ.
އަންނަ މަހުގެ 17 ގައި މަޖިލިސް އިންތިހާބު ބާއްވަން އީސީން މީގެ ކުރިން ނިންމާފައިވީ ނަމަވެސް އިންތިހާބާ ބެހޭ ގާނޫނަށް އެމްޑީޕީން ހުށަހަޅައިގެން މި ފަހުން މަޖިލީހުން އިސްލާހު ގެނެސްފައިވަނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބޭއްވުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު