ދުބާއީން: މުހައްމަދު ސިމާއު - ވަން އޮންލައިން

"އެ ގައުމެއްގައި ސިޔާސީ ހަމަޖެހުން ގާއިމުވެފައި އޮތުން ކަށަވަރު ކުރަން ޖެހޭނެ. އެ ގައުމަކަށް އަންނަ އަދި ފުރައިގެންދާ މީހަކަށް އެ ގައުމުގެ އިސްވެރިޔާ ކޮންމެ ދުވަހަކު ވެސް ދޭ ޔަގީންކަމެއް އޮންނަންވާނެ,"

މިއީ މި ސިޓީގެ ބުރުޖް އަލް އަރަބުގައި އިއްޔެ ބޭއްވި އިންވެސްޓްމަންޓް ފޯރަމުގައި ކުރިއަށްދިޔަ ޕެނަލް ޑިސްކަޝްގައި ބައިވެރިވެވަޑައިގެންނެވި މަރްވާން އަލް ސަރްކާލް ދެއްކެވި ވާހަކައިން ތަންކޮޅެކެވެ.

ޔޫއޭއީގެ އިނޮވޭޓިވް ޕްރޮޕަޓީ އިންވެސްޓްމަންޓް އެންޑް ޑިވެލޮޕްމަންޓް ގުރޫޕެއް ކަމަށްވާ ޗެޕްޓާ ތްރީގެ ފައުންޑަރު އަދި މެނޭޖިން ޕާޓްނަރު އެކަން ފާހަގަކުރެއްވީ އިންވެސްޓަރުން ގެންދިއުމަށް ގައުމަކުން ކުރަން ޖެހޭ ކަންކަން ފާހަގަކުރައްވަމުންނެވެ.

މި ސިޓީގައި ހުންނަވައި މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުވެސް ދެއްކެވީ ހަމަ އެ ވާހަކައެވެ. ގައުމުގެ ހަމަޖެހުމާއި އިގުތިސާދީ އާދި މާލީ ދާއިރާގެ އިތުބާރަކީ އާންމު މަސްލަހަތާއި ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ އުފަން ހައްގެއްކަމެވެ.

"ގައުމު އޮވެގެން ޕޮލިޓިކްސް ވެސް އޮންނާނީ. ގައުމު އޮވެގެން ޕާޓީތައް ވެސް އޮންނާނީ. އެހެންވީމަ ގައުމުގެ ފައިނޭންޝަލް ސިސްޓަމާއި އިގުތިސާދަކީ ހުރިހާ ބޭފުޅުން އޭގެ ޒިންމާ ނަގަން ޖެހޭ ކަމެއް. އަޅުގަނޑުގެ އިލްތިމާސަކީ މި ހާލަތު ރާއްޖެެއަށް އައިސްފައި މިއޮތީ ފައިނޭންޝިއަލީ ވަރަށް ކްރިޓިކަލް ސްޓޭޖެއްގައި އޮއްވައޭ،"

"މިކަމުން ސަލާމަތްވެގެން, ބައެއްގެ އުނގަށް ނުވެއްޓި މި ކުރިއަރައިދާ ދިއުމުގައި ކޮންމެ ޕޮލިޓިކަލް ފިކުރެއްގައި ހުންނެވި ނަމަވެސް އެއަށް ސަޕޯޓިން ރޯލެއް އަދާކޮށްދޭށޭ. ސަޕޯޓް ކޮށްދޭށޭ. މިހާލަތުން ސަލާމަތްވާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެބަ އޮތް," ސައީދު ވިދާޅުވިއެވެ.