ދަ ޑިމޮކްރެޓްސްގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާއަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު (ޝިއްޕެ) ވާދަކުރައްވަން ނިންމަވައިފިއެވެ.

ޝިފާޒު "ވަން" އަށް މިރޭ ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ މަޖިލިސް ޓިކެޓު އޭނާއަށް ކަށަވަރުވީ މިއަދު ކަމަށެވެ.

"އެހެންވެ މިއަދު އަޅުގަނޑުވާނެ އީސީއަށް ފޯމު ހުށަހަޅާފަ،" ޝިފާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަމުގެ ދުވަސްވަރު ފެށުނު އިސްލާހީ ހަރަކާތްތަކުގެ ތެރެއިން އާ ގާނޫނުއަސާސީއެއް ލިބި ހައްގުތަކެއް ކަށަވަރުކުރެވިގެން ދިޔަ ކަމަށެވެ. އެގޮތުން ނޫސްވެރިކަމުގެ މިނިވަންކަމާއި، މިނިވަން މުއައްސަސާތަކާއި ލިބިދީފައިވާ ހައްގުތަކާއި ވެރިން ޖަވާބުދާރީ ކުރެވޭނެ ނިޒާމުތަކެއް، އާ ގާނޫނުއަސާސީގެ ދަށުން ލިބިގެން ދިޔަ ކަމަށެވެ.

"ނަމަވެސް ފެނިގެން ދިޔައީ ސަރުކާރުތަކުން މުއައްސަސާތައް އެބިއުޒް ކުރާތަން. ސްޓަޑީ ލޯންތައް ލިބެނީ ކޮންމެވެސް މީހަކަށް ގުޅައިގެން، އާސަންދަ ވެސް ހަމަޖެހެނީ އެކަހަލަ ގޮތަކަށް،" ޝިފާޒު ވިދާޅުވިއެވެ.

ޝިފާޒު ވިދާޅުވީ އެގޮތަކީ ގާނޫނުއަސާސީ ބައްޓަން ކުރެވިގެން ދިޔަ ގޮތެއް ނޫން ކަމަށާއި އޭނާ މަޖިލީހަށް ވާދަކުރަން ނިންމީ އެކަންކަން ރަނގަޅުކޮށް ސަރުކާރު ޖަވާބުދާރީ ކުރުވަން ކަމަށެވެ.

އަދި ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް ނިސްބަތްވާ ކޮންމެވެސް އެއް އާއިލާއެއް ވިލިމިލާގައި ދިރިއުޅެމުންދާ ކަމަށެވެ. އެ މީހުން ތިބީ ދަފުތަރުގެ ގޮތުގައި ނުވަތަ އެއިރަކު ސަރުކާރަކުން ކަނޑައަޅާ ނަމެއްގެ މަތީގައި ކަމަށެވެ. ވިލިމާލޭގައި މީހުން ދިރިއުޅެމުންދާ ހާލަކީ އެއީ މުޅި ރާއްޖޭގެ އާބާދީގައި ވެސް މީހުން ދިރިއުޅެމުންދާ ހާލަތު ކަމަށާއި ވިލިމާލެއިން ފެންނަނީ މުޅި ރާއްޖޭގެ ހާލަތު ކަމަށް ޝިފާޒު ވިދާޅުވިއެވެ.

އޭނާ މަސައްކަތް ކުރައްވާނީ ވިލިމާލޭގެ ރައްޔިތުންގެ ހާލަތު ރަނގަޅުކުރަން ކަމަށް ޝިފާޒު ވިދާޅުވިއެވެ. ސިޔާސީ ހަޔާތް ފެށީއްސުރެ އޭނާއަކީ އެއް ފިކުރެއްގައި އެއް ކަމަކަށް ވަކާލާތުކުރައްވަން ދެމި ހުންނެވި މީހެއް ކަމަށްވުމުން، ރައްޔިތުންގެ އިތުބާރު ލިބޭނެ ކަމަށް ޝިފާޒު ވިދާޅުވިއެވެ.

ޝިފާޒް ވަނީ 17 ވަނަ މަޖިލީހުގައި ބާރަށު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވައިފައެވެ. 18 ވަނަ މަޖިލީހުގެ ހަމަ އެ ދާއިރާއަށް ޝިފާޒު ވާދަކުރެއްވިއެވެ. ނަމަވެސް އެފަހަރު އިންތިހާބުވެފައެއް ނުވެއެވެ.