މިދިިޔަ ބުދަ ދުވަހު ގަލޮޅު ދަނޑުގައި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކުޑަހެންވޭރު ބައްދަލުކުރި ދެވަނަ ޑިވިޝަންގެ ކުއާޓާ ފައިނަލް މެޗުގައި ކުޑަހެންވޭރުގެ ސަޕޯޓަރުން ހިންގި މާރާމާރީއާ ގުޅިގެން އިތުރު ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ ވިކްޓަރީ އާއި ކުޑަހެންވޭރު ބައްދަލުކުރި މެޗުގެ ކުޅުން ކުރިއަށްދަނިކޮށް، ބަޔަކު މީހުން ދަނޑުމައްޗަށް އަރައި ހަމަނުޖެހުން ހިންގައި ވިކްޓަރީގެ ކުޅުންތެރިންނާއި އޮފިޝަލުންނާ މެދު މާރާމާރީ ހިންގި މައްސަލައިގައި މިހާތަނަށް ޖުމުލަ ދިހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން ބައެއް މީހުންނަށް މިހާރު ވަނީ ކޯޓުން ބަންދު މުއްދަތު ޖަހައިފައެވެ. އޭގެ ތެރޭގައި އިބްރާހިމް ނުއައިމް ޝަރުމީލް، 19އ އާއި އިބްރާހިމް އަލީފް ރައޫފް، 34އ އާއި ހ. ހިލްޓަން، ރިކްޒު އާދަމް، 21އ އާއި ފައިވްރޯސް/ގދ. ތިނަދޫ، އަބުދުއްރަހުމާން ބިން އަބްދުﷲ އަދި މއ. ފިއްލަދޫގެ، އިބްރާހިމް ލުބާން އަބުދުﷲ، 20އ ހިމެނެއެވެ.

އެ މެޗު ނިމެން ކައިރިވެފައިވަނިކޮށް ކުޑަހެންވޭރުގެ ސަޕޯޓަރުންތަކެއް ވަނީ ދަނޑަށް އަރައި ވިކްޓަރީގެ ބިދޭސީ ކުޅުންތެރިއަކަށާއި އެ ޓީމުގެ ކޯޗު ސޮބާހު މުހައްމަދަށްވެސް ހަމަލާ ދީފައެވެ.

ކުޑަހެންވޭރުގެ ސަޕޯޓަރުން ދަނޑަށް އެރީ މެޗުގެ ތެރޭގައި ކުޑަހެންވޭރުގެ ކުޅުންތެރިޔަކަށް ގަސްދުގައި ހަމަލާ ދިނުމުންނެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.