ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ނައިބު ރައީސް، ބޮޑުވަޒީރު، ޑިފެންސް މިނިސްޓަރު އަދި ދުބާއީގެ ވެރިޔާ ޝެއިހު މުހައްމަދު ބިން ރާޝިދު އަލް މަހްތޫމްއާ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުވުން ބާއްވާފައިވަނީ ދުބާއީގައި މިހާރު ކުރިއަށްދާ ވޯލްޑް ގަވަމަންޓްސް ސަމިޓް 2024ގެ ހަވާސާގައެވެ.

ރައީސް އޮފީހުން ބުނީ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ މަސްލަހަތު ހިމެނޭ އެކިއެކި ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައި ކަމަށެވެ. އެގޮތުން ރާއްޖެއާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ ދާއިރާއިންނާއި، ފަތުރުވެރިކަމާއި ތަރައްގީގެ އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އޭގެ އިތުރުން ބައިނަލްއަގުވާމީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ހަކަތައާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެ ބޭފުޅުން އުންމީދު ކުރައްވާ ކަމުގައި ވިދާޅުވި ކަމަށެވެ.