ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ވިޔަފާރިވެރިން، ރާއްޖޭގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގައި އިންވެސްޓުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ޔޫއޭއީގެ ދުބާއީގައި މިހާރު ކުރިއަށްދާ އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއަކީ އިންޑިއާގެ ކަނޑުގެ މުހިންމު ސަރަހަދެއްގައި އޮތް ގައުމެއް ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖެއަކީ މެރިޓައިމް ޓްރޭޑު ކުރުމަށް އެންމެ އެކަށީގެންވާ ގައުމު ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގެ ޖިއޯގްރަފީ ފައިދާތަކުން ދައުލަތަށް އާމްދަނީ ވަންނާނެ ގޮތްތައް ހެދުން ކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ގިނަ ބައެއްގެ ބައިވެރިވުމާއެކު ތަރައްގީގެ ރޮނގުން ކުރިއަށްދިއުން ކަމަށެވެ.

"ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ސަރުކާރުން ކަށަވަރުކޮށްދޭނެ. ސަރުކާރުން ވަނީ އެސްއީޒެޑް ގާނޫނަށް އިސްލާހުތަކެއް ގެނެސް ފަސޭހައިން ވިޔަފާރި ކުރެވޭނެ އިންތިޒާމުތަކެއް ހަމަޖައްސައިދީފަ. އަދި ފޮރިން އިންވެސްޓްމެންޓު ގާނޫނަށް ބަދަލުތަކެއް ގެންނާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޔޫއޭއީގެ ވިޔަފާރިވެރިން މިހާރު ވެސް ވަނީ ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާއިންނާއި ރިއަލް އެސްޓޭޓް ދާއިރާއިން އިންވެސްޓު ކޮށްފައި ކަމަށެވެ. ރާއްޖެއާއި ޔޫއޭއީގެ ދެމެދުގައި އެކުވެރި ވިޔަފާރިކަމުގެ ގުޅުމެއް މިހާރުވެސް އެބައޮތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން ދަނީ ރާއްޖޭގައި ފައިނޭންޝިއަލް ސާވިސަސް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުން ކަމަށާއި ޔޫއޭއީއަކީ އެ ދާއިރާއިން ކުރި އަރާފައިވާ ގައުމަކަށްވުމުން، އެކަމުގެ ތަޖުރިބާ ރާއްޖެއަށް މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.