އެ މަނިކުފާނުގެ އަމާޒަކީ އީޖާދީ ވިސްނުންތަކުން އިގުތިސޯދީ ތަރައްގީއާއި އުމްރާނީ ތަރައްގީ އާ މިސްރާބަކަށް ގެންދިއުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޔުނައިޓެޑް އަރަބިސް އެމިރޭޓްސްގެ (ޔޫއޭއީ)ގެ ދުބާއީގައި ކުރިއަށްދާ ވޯލްޑް ގަވަންމަންޓްސް ފޯރަމްގައި މިއަދު ދެއްވި ތަގުރީރެއްގައި ރައީސް ވިދާޅުވީ ރާއްޖޭގެ އިގުތިސޯދު ހަމައެކަނި ޓޫރިޒަމް އިންޑަސްޓްރީގެ މައްޗަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނާނެ ކަމަށެވެ. އިގުތިސޯދު އެހެން ދާއިރާތަކަށް ޑައިވާސިފައި ކުރުމުގެ ގޮތުން ޓްރާންޝިޕްމެންޓު ބަނދަރެއްގެ މަސައްކަތުގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުގެ ސަރުކާރުގެ ތަރައްގީގެ އެޖެންޑާ ބިނާވެފައިވަނީ އީޖާދީ ވިސްނުންތަކުގެ މައްޗަށް. އީޖާދީ ވިސްނުންތަކުގެ އަލީގައި ސްޓްރެޖެޓިކް އިންފްރާސްޓްރަކްޗާ ޑިވެލޮޕްކުރުމަކީ މައިގަނޑު މަސައްކަތެއް. އެކި ހިސާބުތަކުގައި އާބަން ސެންޓަރުންތައް ގާއިމުކުރުމަށް ވަނީ ނިންމާފަ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އާބަން ސެންޓަރެއްގެ ގޮތުގައި އެންމެ ފުރަތަމަ ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވަނީ މާލެ ކައިރިން ރަސްމާލެ ކަމަށެވެ. އިގުތިސޯދީ ގޮތުން ރާއްޖެ ބަދަލުކޮށްލާނެ ފަދަ މަޝްރޫއުތަކަށް ޔޫއޭއީ ކަހަލަ ގައުމުތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އަދި ވިދާޅުވީ މި ޒަމާނުގައި އެފިޝެންސީ އިތުރުކުރުމަށްޓަކައި އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ހިފަން ޖެހޭނެ ކަމަށެވެ. އެ މަނިކުފާނުގެ އަމާޒަކީ ޒަމާނީ އެފަދަ ޓެކްނޮލޮޖީތަކުގެ އެހީގައި ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރުވައި، އިންވެސްޓަރުން ގަޔާވާ މަންޒިލެއްގެ ގޮތުގައި ރާއްޖެ ހެދުން ކަމަށް ވެސް ވިދާޅުވިއެވެ.