ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅާ މެންބަރުގެ މަގާމަށް އެ ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ބަދަލުގައި އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ހަމަޖައްސައިފިއެވެ.

ޖޭއެސްސީގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކު އިންނަވަން ޖެހެއެވެ.

ޖޭއެސްސީގެ މެންބަރަކަށް ސުޖޫން އައްޔަނުކުރެއްވީ، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ސުޖޫންގެ ދައުރު މި އަހަރުގެ ފަހުކޮޅުގައި ހަމަވާނެއެވެ.

ސްޕްރީމް ކޯޓުން މިއަދު ބުނި ގޮތުގައި، ޖޭއެސްސީއަށް ފަނޑިޔާރު ޝުޖޫންގެ ބަދަލުގައި ފަނޑިޔާރު ސުއޫދު އައްޔަން ކުރެއްވުމަށް އެ ކޯޓުން މިއަދު ވަނީ ނިންމައިފައެވެ. ނަމަވެސް އެކަމުގެ ސަބަބެއް ސާފެއް ނޫނެވެ.

ފަނޑިޔާރު ސުއޫދަކީ 2010 ވަނަ އަހަރު ބަންޑާރަ ނައިބުގެ ހައިސިއްޔަތުން ވެސް ޖޭއެސްސީގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ.