ޗައިނާގައި އެއްދުވަސްތެރޭ 273 މިލިއަން މީހުން ދަތުރުކޮށްފިއެވެ.

ޗައިނާގައި ފާހަގަކުރާ ޗައިނީސް ލޫނާ ނިއުއިޔާގެ ހަރަކާތްތަކުގައި ބައިވެރިވުމަށްފަހު އާ އަހަރުގެ ދެވަނަ ދުވަހު އެ ގައުމުގެ އެކި ކަންކޮޅުތަކުން އާންމު ދަތުރުފަތުރުގައި 273 މިލިއަނަށްވުރެ ގިނަ މީހުން ދަތުރުކޮށްފައިވާ ކަމަށް އެގައުމުގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

ޗައިނާގެ އޮފިޝަލުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރާ އަޅައިބަލާއިރު މިއަހަރުގެ އާ އަހަރުގެ ދެވަނަ ދުވަހު ދަތުރުފަތުރު ކުރި ނިސްބަތް 22.6 އިންސައްތަ އިތުރުވެގެން ގޮސްފައިވެއެވެ.

އާ އަހަރުގެ ދެވަނަ ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޗައިނާގެ ރޭލުތަކުގައި 8.97 މިލިއަން މީހުން ދަތުރު ކޮށްފައިވާއިރު ވައިގެ މަގުން 2.17 މިލިއަން މީހުން ދަތުރުކޮށްފައިވެއެވެ. މީގެ އިތުރުން ކަނޑުމަގުން 9 ލައްކައަށްވުރެން ގިނަ މީހުން ދަތުރުކޮށްފައިވާކަމަށް ހިސާބުތަކުން ދައްކައެވެ.

ޗައިނާގައި ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ފާހަގަކުރާ ޗައިނީޒް ނިއުއިޔާ ނުވަތަ ސްޕްރިންގް ފެސްޓިވަލަކީ އެ ގައުމުގައި ކުލަގަދަކޮށް ފާހަގަކުރާ ހަރަކާތެކެވެ. ފުރަތަމަ ދުވަހުގެ އުފާފާޅުކުރުމަށްފަހު ޗައިނާގެ އެތައްހާސް މިލިއަން މީހުން ކޮންމެ އަހަރަކުވެސް ދަތުރުފަތުރުކޮށް އެގައުމުގެ އެކި ސަރަހައްދުތަކަށް ދަތުރުކުރެއެވެ.