ކަންތައް ކުރަންވީ ގޮތް ސިކުނޑީގައި ރާވައި ނިމުމާއެކު ޔަޝްފީ އަމިއްލަ ނަފުސަށް ހިނިތުންވެލިއެވެ. އެކަމުން ނިކުމެދާނެ ނަތީޖާއަކާ މެދު ވިސްނުން ހިނގާލެވޭ ވަރަށް ވުރެ ބޮޑަށް ރުހައިމް އޭނާގެ ގާތަށް ގެންނަން ޔަޝްފީ ހުރީ ބޭނުން ވެފައެވެ. ކޮޓަރީގެ ދެކޮޅަށް ހިނގަން ހުރެފައި ވައިބާ އިން ރުހައިމްއަށް އޭނަ ގުޅާލިއެވެ. ޖަވާބެއް ނުލިބުނެވެ. ދިހަ ވަރަކަށް ފަހަރު ގުޅި އިރުވެސް ރުހައިމް ފޯނެއް ނުނެގިއެވެ. އެއާއެކު ޔަޝްފީގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ރުހައިމް ވާނީ ނާލާގެ ގާތުގައި ކަމަށްވުމުން ހިތަށް ތަދުވެސް ވެއްޖެއެވެ. އެ ދެމެދުގައި އޮތް ލޯތްބާ މެދު ހިތުގައި އުފެދިފައިވަނީ ހަސަދައިގެ ތޫފާނެކެވެ.

އައި ރުޅީގައި އަތުގެ ކޮޅަށް ޔަޝްފީއަށް ފޯނު ހޫރާލެވުނެވެ. ފޯނު ގޮސް އަލަމާރީގައި ޖެހުނު އަޑުފަށްގަނޑު ކޮޓަރީގައި ގުގުމާލިއެވެ. އެކަމަށް ސަމާލުކަން ދިނުމެއް ނެތި އެނދުގައި ޔަޝްފީ އިށީނެވެ. މޫނުގައި އޭނައަށް އަތް އަޅާލެވުނެވެ.

''ރުހައިމް ޖެހޭނީ އަހަރެންގެ ގާތަށް އަންނަން!...'' ޔަޝްފީ ގޮތް ދުލެއް ނުކުރިއެވެ. ތެދުވެގެން ގޮސް އަލަމާރީ ކައިރިއަށް ވެއްޓިފައި އޮތް ފޯނު އޭނަ ނެގިއެވެ. ސްކްރީނުގައި ރޮނު ހުރިކަމުގައި ވިޔަސް ޑިސްޕްލޭ ބަރާބަރަށް މަސައްކަތް ކުރެއެވެ. ހުއްޓާލުމެއް ނެތި ރުހައިމްއަށް ޔަޝްފީ ގުޅިއެވެ. އިންޒާރުދީ ފަންސާސް މެސެޖު ވެސް ފޮނުވައިފިއެވެ. އެވަރުން ވެސް ރުހައިމްގެ ހަބަރެއް ނުވިއެވެ.

"ފޯނު ނަގަން ދެން އުނދަގޫ ކުރާނަން...'' ޔަޝްފީ ހުރީ ރަނގަޅަށް ވެސް މޮޔަވެފައެވެ. ބައެއް ފަހަރު ރުޅިން ގޮސް ކުސްތަޅައިގަނެއެވެ. އަނެއްބައި ފަހަރު ރޯން ފަށައެވެ. ކޮޓަރީގެ ސޯފާއަށް ވެއްޓިގަނެގެން އޭނާ އޮތެވެ. އޭރު ވެސް ރުހައިމްއަށް މެސެޖެއް ލިޔަމުން ދިޔައެވެ.

*****

ނާލާއަށް ނިދިފައި އޮތް ވަގުތެވެ. ނާލާގެ މޫނަށް ބަލަން ރުހައިމް އިނެވެ. އެ ލޮލުގައި ރިހުމެއްގެ އަސަރު ވެއެވެ. ލުޔޫންގެ ފަރާތުން ނާލާގެ ބަލި ހާލަތުގެ ހުރިހާ ތަފުސީލެއް އޭނާއަށް އޮތީ ލިބިފައެވެ. ނާލާއާ ދެމެދުގައި އުފެދިފައި އޮތް މައްސަލައަށް ނިމުން އަޔަސް ރުހައިމްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. މީހާ ވަނީ ކަންބޮޑުވެފައެވެ. ނާލާގެ އަތްތިލައަށް ރުހައިމް ބޮސްދިނެވެ. ތަގުދީރުގެ ނިޔާ ނޭނގޭތީ ރުހައިމްގެ ނަފުސު ބިރުވެރިކަމުން ވަށާލައިފިއެވެ. ގޯސް ހިޔާލުތަކުގެ ޝިކާރައަކަށްވެ ނަފުސު ބަލިކަށިވުމުގެ ފުރުސަތު ދެވެން ނެތެވެ. ކޮންމެފަދަ ހާލެއްގައި ވިޔަސް ނާލާގެ އަތުގައި އޭނާ ހިފީ ސާބިތުކަމާއެކުގައެވެ. ނާލާގެ ހިތްވަރުކަމުގައި އޭނާ ވާނެއެވެ. ނާލާގެ ބައްޔަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި ދުއާ ދެންނެވުނެވެ.

''ރުހައިމް...'' އިވުނީ ނަދީމާގެ އަޑެވެ. ލޮލުގެ ހިމަކޮޅުން ލާފައި ފައިބައިގެން ދިޔަ ކަރުނަ ރުހައިމް އަވަސްއަވަހަށް ފޮހެލިއެވެ.

''އެއްޗެއް ކައިފިންތަ؟...'' ނަދީމާ ވާހަކަދެއްކިއެވެ. ރުހައިމްގެ ފަރާތުން އޭނާ މައާފަށް ވެސް އެދެފިއެވެ. އެ ދެމެދުގައި އޮތް ގުޅުން ރަނގަޅު ވާން ނަދީމާ ބޭނުންވިއެވެ. ނާލާގެ ހުރިހާ އުފަލަކާއި ގުޅިފައިވަނީ ރުހައިމްއެވެ. ރުހައިމްއާ ބައްދަލުވުމާއެކު ނާލާގެ ހިތުގެ އުދާސްތަކަށް ނިމުން އައި މަންޒަރު ފެނި ނަދީމާގެ ހިތަށް ހަމަޖެހުމެއް ވެސް ލިބިއްޖެއެވެ.

ނަދީމާގެ ސުވާލަށް ޖަވާބުދިނުމުގެ ގޮތުން ރުހައިމް ދެފަރާތަށް ބޯހޫރާލިއެވެ.

''ހިނގާބަ އެއްޗެއް ކާންދާން... ލުޔޫން މަޑުކުރާނެ...'' ނަދީމާ ބުންޏެވެ. ދެކޮޅު ހެދުމެއް ނެތި ރުހައިމް ގަބޫލުކުރިއެވެ.

ރުހައިމްއާއެކު ނަދީމާ ދިޔައީ ހޮސްޕިޓަލުގައި ހުރި ރެސްޓޯރެންޓަކަށެވެ. ކާއެއްޗިއްސަށް އޯޑަރު ދިނުމަށްފަހު ނަދީމާ އޭނާގެ ވާހަކަ ފެށިއެވެ.

''މަންމައަށް ރުހައިމްއާ މެދު ކަންތައް ކުރެވުނު ގޮތުން ވަރަށް ބޮޑަށް ދެރަވެފައި މި ހުންނަނީ... ވެދިޔަ ކަންތަކުގައި ރުހައިމްގެ އެއްވެސް ކުށެއް ނެތް، ޔަޝްފީ އެހާ ނުބައި މީހަކަށް ވެދާނެ ކަމަށް ހީކުރަނީ ވެސް ކާކުތަ؟... އޭނާގެ ސަބަބުން ތި ދެކުދިންނަށް ލިބުނީ ކޮންފަދަ ބޮޑު ދެރައެއް... އެފަދަ ނުބައި މީހުން އުޅޭތީ ދިރިއުޅުންތައް ހަލާކުވެ ދަނީ... ވަގުތު ފާއިތު ނުވަނީސް ހަގީގަތް އެނގުނުކަން ވެސް އެއީ ނަސީބެއް... މަންމަ މިއަދު ގުޅާފައި ސަކީނާއަށް ވެސް ހުރިހާ ކަމެއް ކިޔައިދީފިން، މަންމަ މަނާކޮށްގެން އުޅޭތީ ނާލާގެ ގާތަށް އަންނަން ސަކީނާއަށް ނުކެރިގެން އުޅުނީ... މިވަގުތު ނާލާއަށް ހުރިހާ އެންމެންގެ އެއްބާރުލުން ބޭނުންވާނެ... މަންމަ ވާނީ ސަކީނާއާއި ފާރޫގު އަންނަން ޓިކެޓު ހަމަޖައްސާލަދީފަ...'' ވެއިޓަރު ގެނެސްދިން ފިނި ފެންތަށިން ނަދީމާ ކޯވަރެއް ބޯލިއެވެ. ދެ އާއިލާގެ ދެމެދުގައި އޮތް ނުތަނަވަސްކަމަށް ވެސް ނިމުން އައީއެވެ.

ޝުކުރުގެ ހިނިތުންވުމެއް ރުހައިމް ދިނެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވި ނުތަނަވަސްކަން ނަގައިގަންނަން ނަދީމާއަށް އުނދަގުލެއް ނުވިއެވެ. އެ އިހުސާސްތައް އޭނަގެ ހިތުގައި ވެސް ވެއެވެ.

''ރުހައިމް ދެރަނުވޭ، އިރާދަކުރެއްވިއްޔާ ނާލާއަށް އަވަސް ޝިފާއެއް ލިބޭނެ... މަންމަ ދެންމެ ޑޮކްޓަރާ ވެސް ވާހަކަދައްކައިފިން... މާދަން މަންމައާއި ބައްޕަގެ އިތުރުން ލުޔޫންގެ ވެސް ޓެސްޓު ހަދާނެ... އެއަށްފަހު ފަރުވާގެ އިތުރު ކަންތައް ހަމަޖެހިގެން ދާނެ، ޑޮކްޓަރުން ވެސް ކުރިން ބުނި ނާލާ ހިތާމަކުރާތީ މީހާ ބަލިކަށިވަމުންދާ ކަމަށް، މިހާރު ތި ދެކުދިން ސުލްހަވުމުން މަންމަ އުއްމީދުކުރަނީ މިކަމާ ކުރިމަތިލާން ނާލާއަށް އިތުރު ހިތްވަރެއް ލިބޭނެކަމަށް، އެތައް ދުވަހަކަށް ފަހު ނާލާގެ ތުންފަތުން މަންމަ ހިނިތުންވުމެއް ދުށީ ވެސް ރުހައިމްގެ ސަބަބުން... ތި ދެކުދިންގެ ގުޅުމަށް ފުރަތަމަކޮޅު ދެކޮޅު ހެދުނީތީ ވެސް މަންމަ ވަރަށް ދެރަވޭ... ނާލާގެ ހުރިހާ އުފަލަކާއި ގުޅިފައިވަނީ ރުހައިމް...'' ނަދީމާ ބުންޏެވެ.

ނަދީމާއާ ވާހަކަދައްކާލެވުމުން ރުހައިމްގެ ސިކުނޑިއަށް ލުޔެއް ލިބުނެވެ. ފަރުވާގެ ހުރިހާ މައުލޫމާތެއް ލިބުމުން ހިތުގައި އޮތް އުންމީދަށް ދިރުން ލިބެން ފެށިއެވެ.

ކެއުމަށް އިންސާފުކުރަމުން ދަނިކޮށް ފޯނު މަތިން ރުހައިމް ހަނދާން ވިއެވެ. ޔަޝްފީގެ އުނދަގޫ ބޮޑުވެގެން އޭނާ ފޯނު ނިއްވާލީއެވެ. ފުލުފުލުން ޔަޝްފީ ފޮނުވި މެސެޖުތައް ވެސް އޭނަ ނުކިޔައެވެ. އައިސްފައި ހުރި ރުޅީގެ ސަބަބުންނެވެ. ޖިންސުގެ ޖީބުން ފޯނު ނަގައި ރުހައިމް ހުޅުވާލިއެވެ. ހައިރާންކަން ލިބުނީ ވައިބާގެ ނޮޓިފިކޭޝަންތައް ފެނިފައެވެ. ނުވަސަތޭކަ ނޮޓިފިކޭޝަން އައިސްފައި އިނެވެ. ރުހައިމްގެ ބޮލުގައި ވެސް ރިއްސާލިއެވެ. މަޑުމަޑުން ދެފަރާތަށް ބޯހޫރާލެވުނެވެ.

މެސެޖުތައް ކިޔަން އުޅެނިކޮށް ޔަޝްފީ ގުޅަން ފަށައިފިއެވެ. ނަދީމާއަށް ބަލައިލަމުން ރުހައިމް ކޮޅަށް ތެދުވުނެވެ. އަދި ދިއުމުގެ ހުއްދައަކަށް އެދުނެވެ. ރުހައިމްއަށް ނަދީމާ ބޯޖަހައިލިއެވެ. ރުހައިމް އަވަސްއަވަހަށް ތެދުވުނެވެ. ދުރަށް ހިނގައިގަންނަމުން އޭނާ ފޯނު ނެގިއެވެ.

ރުހައިމްއަށް އައި ބަދަލުތައް ނަދީމާއަށް ފާހަގަ ކުރެވުނެވެ. ގުޅީ ކާކުކަން ވެސް އޭނާއަށް ނަގައިގަނެވުނެވެ. އަދިވެސް ޔަޝްފީގެ އުނދަގުލުން ސަލާމަތްވެވެން ނެތޭ އޭނާގެ ހިތަށް އެރިއެވެ. ޔަޝްފީއާ މެދު ހިތުގައި ވަކިން ބޮޑަށް ރުޅިވެރިކަން އުފެދުނެވެ.

''އަހަރެން މަތިން ހަނދާންވީ އަދި ކިރިޔާދޯ؟... އޭނަގެ ހުރީ ކޮން ހާއްސަކަމެއްތަ؟... އޭނ!، ކީއްވެގެންތަ ރުހައިމްއަށް އަހަރެން ނުފެންނަނީ... އަހަރެން ލޯބިވާވަރު ރުހައިމްއަށް ނޭނގެތީތަ؟...'' ރޮވިފައިވާ އަޑަކުން ޔަޝްފީ ބުނެލިއެވެ.

''މޮޔަވެގެންތަ ތި އުޅެނީ؟... އަހަރެން ފޯނު ނުނެގީ ވާހަކަދައްކަން ބޭނުން ނުވާތީކަން ނޭނގޭތަ؟...'' ރުހައިމް ރުޅި އައެވެ.

''އާނ!، އަހަރެން މިހިރީ މޮޔަވެފަ!، ހަމަ މިހާރު އަހަރެންގެ ގާތަށް ރުހައިމް ޖެހޭނީ އަންނަން!، ރުހައިމްގެ ދަރިއަކަށް އަހަރެން ބަލިވެ އިންކަން ހަނދާން ނެތުނީތަ؟... އެދަރިފުޅަށް ދެރަގޮތެއް ވެއްޖެއްޔާ ވާނީ ކިހިނެއްތަ؟...'' އޭނަގެ އާދޭސްތަކަށް ރުހައިމް އިޖާބަނުދޭކަން އެނގުމުން ރުހައިމްއަށް ބިރުދައްކަން ޔަޝްފީ މަސައްކަތްކުރިއެވެ.

''ކީކޭ ބުނަންތަ ޔަޝްފީ ތި އުޅެނީ!...'' ރުހައިމްއަށް ނުތަނަވަސްކަން ލިބުނެވެ. ޔަޝްފީގެ މަގުސަދު ކޮންމެވެސް ވަރަކަށް އޭނާއަށް ނަގައިގަނެވުނެވެ. ހިތުގެ ހިނގުން ވެސް އަވަސް ވާން ފެށިއެވެ.

''ރުހައިމްއަށް ދޭނެ ފަހުގެ ފުރުސަތު މިއީ... ނާލާތަ ނޫނީ އަހަރުމެންގެ ދަރިފުޅުތަ ރުހައިމްއަށް މުހިންމީ؟... މިވަގުތު ގޮތެއް ނިންމާ!، ފަހުން ވެދާނެ ގޮތެއްގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ ރުހައިމް، އެކަމާ ރުހައިމްއަށް ކުރިމަތި ލެވޭނެތަ!، ދަރިފުޅަށް ދެރަގޮތެއް ވާ ހަބަރު އަޑުއަހަން ކެތްވާނެތަ؟...'' ރުޅިވެރިކަމާއެކުގައި ޔަޝްފީ ބުންޏެވެ. ރުހައިމްއަށް އިތުރު އެއްވެސް އެއްޗެއް ބުނުމުގެ ފުރުސަތެއް ވެސް އޭނަ ނުދިނެވެ. ރުހައިމް އިތުރަށް ތަޅުވަން ފޯނު ކަނޑާލިއެވެ.

ރުހައިމްއަށް ލިބުނީ ހާސްކަމެވެ. ދިގުވެފައިވި ތުނބުޅީގައި އަތްތިލަ ހިންގާލެވުނެވެ. ފުންނޭވާއެއް ދޫކުރަމުން ޔަޝްފީއަށް އޭނަ ގުޅިއެވެ. ނަމަވެސް ޖަވާބެއް ނުލިބުނެވެ. އެއާއެކު ރުހައިމްގެ ހިތް ބިރުގަންނަން ފެށިއެވެ. ޔަޝްފީއާ މެދު ކަންބޮޑުވެއްޖެއެވެ. ޔަޝްފީއާއި އޭނާއާ ދެމެދު ރުޅިވެރިކަން އޮތަސް ދަރިފުޅަށް އެކަމުގެ އަސަރުކުރާކަށް ރުހައިމް ބޭނުމެއް ނޫނެވެ. ދަރިފުޅަކީ އޭނާގެ ބަލިފައިކަން ރަނގަޅަށް ޔަޝްފީއަށް އެނގޭނެއެވެ. ދަރިފުޅޭ ކިޔައިގެން އޭނާއަށް ބިރުދައްކަނީ ވެސް އެހެންވެއެވެ.

ޔަޝްފީ ކަންތަައްކޮށްފާނެ ގޮތެއް ނޭނގި ރުހައިމް ހާސްވާން ފެށިއެވެ. ފޯނެއް ވެސް ނަގަނީކީ ނޫނެވެ. ގުޅަން ކުރަމުން ދިޔަ މަސައްކަތުގައި ކުރިއެރުން ނުލިބިގެން އުޅެނިކޮށް އައީ މެސެޖެކެވެ. ހޮޓެލެއްގެ ނަމާއި ކޮޓަރި ނަންބަރެވެ. ރުހައިމް އަވަސްވެގަތެވެ.

''މަންމާ، އަހަރެން ދާންވެއްޖެ...'' ނަދީމާ ކައިރިއަށް ހުއްޓިލަމުން ރުހައިމް ބުންޏެވެ. އަވަސްވެފައިވި ރުހައިމްގެ ހަރަކާތްތައް ފެނި ކަމެއް ގޯސްވެއްޖެކަން ނަދީމާއަށް ނަގައިގަނެވުނެވެ. އިތުރަށް ކެއުން ކުރިއަށްގެންދާ ހިތެއް ނުވިއެވެ. ހިތުގައި އެތައް ސުވާލެއް ވެސް އުފެދުނެވެ.

''ކަމެއް ގޯސްވީތަ؟... ކާކުތަ ގުޅީ؟... ޔަޝްފީތަ؟...'' ނަދީމާއަށް އަހާލެވުނެވެ. ޖާވާބު ދިނުމުގެ ގޮތުން ރުހައިމްއަށް ބޯޖަހާލެވުނީއެވެ.

''ނިކަން މަންމައަށް ކިޔައިދީބަލަ...'' ނަދީމާ ކޮޅަށް ތެދުވުނެވެ. ރުހައިމް ހާސްވެފައި ހުރިވަރުން އޭނާ ވެސް ބިރު ގަނެއްޖެއެވެ.

ޔަޝްފީއާ ދެމެދު ދެކެވުނު ވާހަކަތައް ނަދީމާއަށް ރުހައިމް ހިއްސާކުރިއެވެ. ނަދީމާއަށް ވެސް ދެލޯ ބޮޑުކޮށްލެވުނެވެ. މަޑުމަޑުން ދެފަރާތަށް ބޯހޫރާލެވުނެވެ.

''މަންމަ ވެސް ދާނަން...'' ރުހައިމް އެކަނި ދިއުމުގެ ފުރުސަތެއް ނަދީމާ ނުދިނެވެ. ޔަޝްފީއަކީ އޭނާގެ އަމިއްލަ ނަފުސުގެ އިތުރުން އެހެން މީހުންނަށް ވެސް ހުރި ބިރެއްކަން މިހާރު ޔަގީންވެއްޖެއެވެ. އިތުރު ފިތުނައެއް ވެސް އުފައްދަން މަސައްކަތްކޮށްފާނެއެވެ.

ނަދީމާގެ ހުށަހެޅުން ގަބޫލުކުރަން ރުހައިމްއަށް ފަސްޖެހެވުނެވެ. އޭނާއާއެކު ނަދީމާ ދިއުމުން ޔަޝްފީ ކަންތައްކޮށްފާނެ ގޮތެއް ނޭނގޭތީއެވެ. ޔަޝްފީގެ ވިސްނުން ހުރި ގޮތެއް ވެސް އެނގެނީކީ ނޫނެވެ.

''މަންމަވެސް ދާނަމޭ، ދަރިފުޅު ހަމަޖެހިބަލަ...'' ނަދީމާ ތަކުރާރުކޮށްލިއެވެ. ވިސްނަން ހުރުމަށްފަހު ރުހައިމް އެއްބަސްވީ ނަދީމާ އޭނާ ދެކެ ހިތްހަމަނުޖެހިދާނެތީއެވެ.

*****

ޓެކްސީގައި ކުރި ވިހި މިނެެޓްގެ ދަތުރުގައި ވެސް ޔަޝްފީއަށް ގުޅަން ރުހައިމް މަސައްކަތްކުރިއެވެ. ނަމަވެސް ޖަވާބެއް ލިބޭ ގޮތެއް ނުވިއެވެ. ރުހައިމް ތަޅުވަން ޔަޝްފީ މަސައްކަތްކުރާ ކަހަލައެވެ. މެސެޖް ކުރުމުން ސީންކޮށްފައި ބަހައްޓަނީއެވެ.

''ފޯނެއް ނުނަގާދޯ؟...'' ރުހައިމްއަށް ބަލާލަމުން ނަދީމާ އެހިއެވެ. ކަންފަތާއި ފޯނު ވަކިކޮށްލަމުން ރުހައިމް ބޯޖަހާލިއެވެ.

'' ޝީ އިޒް ނޮޓް ސްޓޭބަލް... މަންމައަށް ފެންނަނީ ކަމާބެހޭ އިދާރާތަކަށް އޭނަގެ ކަންތައް އަންގަން... އޭނަގެ ހުރި މައްސަލަތައް ވެސް އެނގޭނީ އޭރުންތާ... ދަރިފުޅު ވިހަންދެން ރައްކާތެރި މާހައުލެއްގައި ވެސް ބެހެއްޓޭނެތާ... މަޔަކާއި ދަރިފުޅު ވަކިކުރުން އެއީ ރަނގަޅު ވިސްނުމެއް ވެސް ނޫން، އެކަމަކު އޭނަގެ އަމަލުތަކުން މަންމައަށް ޔަގީން ރުހައިމްއަށް ބިރުދެއްކުން ހުއްޓައެއް ނުލާނެކަން... ދަރިފުޅަށް ވެސް އެންމެ ރަނގަޅުވާނީ އޭނައާއި ދުރުގައި ގެންގުޅުން...'' ނަދީމާ ހިޔާލު ދިނެވެ.

''ނާލާއަށް މީގެ އެއްވެސް ކަމެއް އެނގެން އަހަރެން ބޭނުމެއް ނޫން!...'' ރުހައިމް ބުނެލިއެވެ. އާދޭސް އެކުލެވިގެންވި ނަޒަރެއް އޭނަ ނަދީމާއަށް ދިނެވެ.

''އެއީ ރުހައިމް ބޭނުންވާ ގޮތްކަމުގައި ވަނީނަމަ އެންމެ ރަނގަޅު... އެކަމަކު މަންމަ މި ބުނި ވާހަކައާ މެދު ވިސްނާލާ...'' ރުހައިމްގެ ކޮނޑުގައި ފިރުމާލަމުން ނަދީމާ ބުނެލިއެވެ. އެވާހަކައާއި އެއްބަސްވެލުމުގެ ގޮތުން ރުހައިމް ބޯޖަހާލިއެވެ.

*****

ދިގު ފިޔަވަޅުތަކެއް އަޅަމުން ގޮސް ހޮޓެލްގެ ރިސެޕްޝަނަށް ރުހައިމް ހުއްޓުނެވެ. ރިސެޕްޝަންގައި އިން އަންހެން ކުއްޖާ ރުހައިމްއަށް ހިނިތުންވެލުމާއެކު، އޭނަ އައި ބޭނުން ރުހައިމް ހާމަކޮށްލިއެވެ. އެއާއެކު ރުހައިމް އަންނާނެ ވާހަކަ ޔަޝްފީ ރިސެޕްޝަނަށް އަންގާފައި އޮތް ވާހަކަ އެކުއްޖާ ބުންޏެވެ. އަދި ލިފްޓާ ހަމައަށް ރުހައިމް ގެންގޮސް ދިނެވެ.

ލިފްޓުން ނިކުމެވުމާއެކު ބާރު ހިނގުމެއްގައި ގޮސް ޔަޝްފީގެ ކޮޓަރީގެ ދޮރުގައި ރުހައިމް ޓަކި ޖަހާލިއެވެ. ރުހައިމްގެ ފަހަތުން އައިސް ނަދީމާ ވެސް މަޑުކޮށްލިއެވެ.

''ޔަޝްފީ...'' ޖަވާބެއް ނުލިބުމުން ރުހައިމްއަށް ބުނެވުނެވެ. ތަޅުގައި ހިފާ އަނބުރާލި އިރު ހުރީ ހުޅުވާފައެވެ. އަވަސްއަވަހަށް ރުހައިމް ދޮރު ހުޅުވާލިއެވެ. އެތެރެއަށް ވަން އިރު ޔަޝްފީ ފެންނާކަށް ނެތެވެ. ކޮޓަރީގެ ތަރުތީބު ގެއްލިފައި އޮތް މަންޒަރު ބަލަން ހުރެފައި ރުހައިމް ޔަޝްފީއަށް ގޮވާލިއެވެ. ފާހާނާގައިވީއޭ ހިތާ ފާހާނާއާއި ދިމާއަށް ހިނގައިގަނެވުނެވެ. ފިޔަވަޅުތައް މަޑުޖައްސާލެވުނީ ހުޅުވާފައި ހުރި ބެލްކަނީގެ ދޮރު ފެނުމުންނެވެ.

ބެލްކަންޏަށް ނިކުމެވުމާއެކު ފެނުނީ މޭގަނޑު އަނގަޔަށް އަންނަ ފަދަ މަންޒަރެކެވެ. ޔަޝްފީ ހުރީ ބެލްކަނީގެ ވަށައިގެން ރާނާފައި ހުރި ފާރުމަތީގައި އިށީނދެގެންނެވެ. ރުހައިމް ފެންނައިރަށް އޭނަ ކޮޅަށް ތެދުވެއްޖެއެވެ. އެއްފަހަރު އަރިއަޅާލަން ވެސް އުޅުނެވެ. ފިޔަވަޅުތައް ސާބިތުކުރެވުނީ ހަމަ ކިރިޔާއެވެ. އެވަގުތު އިވުނީ ޔަޝްފީގެ ހުނުމުގެ އަޑެވެ. ކާމިޔާބީގެ ފިނިކަން ހިތަށް ލިބުނެވެ. ދެންވެސް އޮތީ ރުހައިމްއަށް ބިރުދައްކައިގެން އޭނަގެ ގާތުގައި މަޑުކުރުމަށް މަޖުބޫރުކުރުމެވެ.

''އާދެވިއްޖެ ދޯ!...'' ރުހައިމް ފެނުމާއެކު ޔަޝްފީ ބުނެލިއެވެ. އެތުންފަތުގައިވި ހިނިތުންވުން ރުޅިވެރިކަމަށް ބަދަލުވީ ނަދީމާ ފެނުމުންނެވެ. ވަގުތުން ދެބުމަކޮށްޖަހާލަމުން މޫނު ހަދާލިއެވެ.

''ކަލޭ މިތަނަން އައީ ކީއްކުރަން!، ކާލޭގެ އަންހެން ދަރި ފޮނުވައިގެން ދޯ ތިއައީ... އަހަރެންގެ ދިރިއުޅުން ހަލާކުކޮށްގެން ނޫނީ ކަލޭމެން އެކަކަކަށް ވެސް ހަމަޖެހުމެއް ލިބުމެއް ނެތްދޯ...'' ނަފްރަތާއެކު ޔަޝްފީ ބުނެލިއެވެ. އޭނަ ރުހައިމްއަށް ބަލައިލީ ވެސް ރުޅިވެރިކަމާއެކުގައެވެ. ރުހައިމްގެ ފަރާތުން ފެންނަމުން ދިޔަ ބިރުވެރިކަމުން އިތުރަށް ރުހައިމް ތަޅުވާލަން އޭނަ ގަސްދުކުރިއެވެ. ބާޒީ އޮތީ އޭނަގެ އަތުގައެވެ. އޭނާގެ އަމުރަށް ރުހައިމް ކިޔަމަންކުރުވާނެއެވެ.

''ޔަޝްފީ...'' ރުހައިމް ކުރިއަށް ފިޔަވަޅެއް އަޅަން އުޅުނެވެ. އެވަގުތު އެކަން ޔަޝްފީ މަނާ ކުރިއެވެ.

''އައިސްގެން ނުވާނެ!، އަހަރެން މިތަނުން ފުންމާލާނަން!...'' ޔަޝްފީ ހަޅޭއްލަވައިގަތެވެ. ހިތް ތެޅިލުމާއެކު ރުހައިމް އަމާންކަން ދިނެވެ.

''ހަމަޖެހިލައިގެން ވާހަކަދައްކާނީ... ތިހެން އުޅެން ހަދައިގެން ޔަޝްފީއާއި ދަރިފުޅަށް ބޮޑު އަނިޔާއެއް ވެދާނެ...'' ނަދީމާ އުޅުނީ ޔަޝްފީއަށް ވިސްނައިދޭށެވެ. އެދަރަޖައަށް ޔަޝްފީގެ އަމަލުތައް ދިއުމުން ހަދާނެ ގޮތް އޭނައަށް ވެސް ހުސްވެއްޖެއެވެ. ނަދީމާގެ ވާހަކަތަކުން ޔަޝްފީއައީ ރުޅިއެވެ.

''ކަލޭ ހުރޭ މަޑުން، ދެމަފިރިއެއްގެ ދެމެދުގައި ދެކެވޭ ވާހަކައިގެ ތެރެއަށް ކަލޭ ނުވަދޭ...'' ޔަޝްފީ ދެލޯއަޅާލިއެވެ.

''ޕްލީޒް ކަމް ޑައުން...'' ރުހައިމްގެ އަޑުގައި ވަނީ އާދޭހެވެ. އެއީ ޔަޝްފީ ބޭނުންވި ގޮތެވެ.

''ރުހައިމް ޖެހޭނީ މިވަގުތު ނިންމަން، އަހަންނާއި ދަރިފުޅުތަ ބޭނުމީ؟... ނޫނީ ނާލާތަ؟...'' ބަނޑުގައި ހިފަހައްޓާލަމުން ޔަޝްފީ ބުންޏެވެ.

''ތިތަނުން ފައިބަން އުޅޭ...'' ހާސްކަމާއެކު ރުހައިމްއަށް އޭނަގެ ބޮލުގައި އަތްތިލަ ހިންގާލެވުނެވެ. އޭނަ ކުރިއަށް ފިޔަވަޅެއް އެޅުމާއެކު ޔަޝްފީ ހަޅޭއްލަވައިގަތެވެ.

''ނުފައިބާނަން، ރުހައިމް ޖެހޭނީ ޗޫޒް ކުރަން... ކޮން ގޮތެއްތަ ބޭނުމީ... ދަރިފުޅު ބޭނުންވާނަމަ ޖެހޭނީ އަހަރެން ގާތަށް އަންނަން، ނާލާ ކައިރިއަށް ގޮސްގެން ނުވާނެ... އެހެންނޫނަސް އޭނަގެ އަތުގައި ވަގުތެއް ނެތޭ!... ދެން ކީއްވެގެންތަ ރުހައިމްއަށް އޭނަ ނޫން މީހަކު ނުފެންނަނީ... ރުހައިމް... އަހަރެން ގާތަށް އާދޭ... ދަރިފުޅު ބޭނުން ނަމަ ޖެހޭނީ އަހަރެން ބުނި ގޮތަކަށް ހަދަން... އެހެން ނޫނީ އަހަރެން މިތަނުން ފުންމާލާނަން......'' ޔަޝްފީ ރޯންފެށިއެވެ. ކަރުނައާއި އިންޒާރުގެ ކަސްތަޅުތަކުގައި ރުހައިމް ހައްޔަރުކުރަން އޭނަ މަސައްކަތްކުރިއެވެ.

''ޔަޝްފީ ބޭނުން ގޮތަކަށް އަހަރެން ކަންތައް ކުރާނަން... ދެން ތިތަނުން ފައިބާ... ޕްލީޒް...'' ގޮތްހުސްވެފައިވާ ހާލު ރުހައިމް އަމާންކަން ދިނެވެ. ޔަޝްފީގެ އެދުމާއި ގަބޫލުވުން އެއީ މިވަގުތަށް އޮތް އެންމެ ރަނގަޅު ހައްލެވެ. މަސްރަހު ރަނގަޅުވުމުން ނާދީމާ ބުނި ފަދައިން ކަންތައް ކުރާނީއެވެ. ޔަޝްފީއަކީ ހުދު އޭނަގެ އަމިއްލަ ނަފުސަށް ވެސް ހުރި ބިރެކެވެ. ލޯކުރިމަތިން ތަމްސީލުވަމުން ދިޔަ މަންޒަރުތަކުން އެކަން ޔަގީންކުރެވިއްޖެއެވެ. ލޯބީގައި ޔަޝްފީ އެވަނީ ރަނގަޅަށް ވެސް ދުނިޔެއިން މޮޔަ ވެފައެވެ.

''ޕްރޮމިސް؟...'' ކަރުނައިގެ ތެރޭން ޔަޝްފީ ހިނިތުންވެލިއެވެ.

''ޔެސް...'' ގަދަކަމުން ރުހައިމް ބޯޖަހާލިއެވެ.

ދެލޯފޮހެލަމުން ޔަޝްފީ އަމިއްލަ ނަފުސަށް ހިނިތުންވެލިއެވެ. ރުހައިމްގެ ބަލިފައި އޭނަގެ މުހުތާދުތައް ހާސިލުކުރަން ކޮންމެ ވަގުތަކު ވެސް ބޭނުންކުރެވޭނެ ކަމުގެ ހިތްހަމަޖެހުން އޮތެވެ. ދަރިފުޅު ވިހަންދެން ރުހައިމް ޖެހޭނީ އޭނަ ޖެހިހާ ބެރަކަށް ނަށާށެވެ. އެދުވަސްކޮޅުގެ ތެރޭގައި ނާލާގެ ހިތުގައި ޖައްސަން ވެސް ރޭވުންތައް ރާވާލިއެވެ. ދަރިފުޅު ވިހަންވާއިރަށް ނާލާ މަރުވުން އެއީ އޭނައަށް އެންމެ ރަނގަޅު ގޮތެވެ. ރުހައިމްއާއެކު ދިރިއުޅުމެއް ލިބޭނެ ކަމަށް ޔަޝްފީ ހުރީ ޔަގީންކޮށްގެންނެވެ.

''ދެން ފައިބާ...'' ރުހައިމް ވިސްނައިދޭ ރާގަކަށް ބުންޏެވެ. ޔަޝްފީގެ ހިޔާލު ބަދަލުވެދާނެތީ ކުރިއަށް ދާން އޭނަ ހުރީ ޖެހިލުންވެފައެވެ.

ފައިބަން އުޅުމުގެ ތެރޭގައި ޔަޝްފީގެ ބެލެންސް ކަޓައިފިއެވެ. ހުރެވުނު ތަނާއި މީހާގެ ހާލު ވެސް ހަނދާނުން ކައްސާލައިފިއެވެ. ޔަޝްފީގެ ދުލުން ބާރު ހަޅޭކެއްގެ އަޑު ބޭރުވެގެން ދިޔައެވެ. ކަންތައް ވެގެން ދިޔައީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ބެލްކަނިން ބޭރަށް ޔަޝްފީ އަރިއަޅާލިއެވެ. އޭނަ ރުހައިމްއަށް އަތް ވެސް ދިއްކޮށްލިއެވެ. އެދެލޮލުގައި ވަނީ ބިރުވެރިކަމެވެ. މޭގަނޑުވެސް އޮތީ އަތަށް އައިސްފައެވެ.

''ރުހައިމް!...'' ޔަޝްފީއަށް ބާރުބާރަށް ބުނެވުނެވެ. ދުވެފައި އައި ރުހައިމްއަށް ޔަޝްފީގެ އަތުގައި ހިފޭ ގޮތެއް ނުވިއެވެ. ބެލްކަނިން އޭރު ޔަޝްފީ ވެއްޓިއްޖެއެވެ. ޔަޝްފީގެ ބިރުވެރި ހަޅޭކުގެ އަޑު މުޅި ފަޒާގައި ގުގުމަމުން ދިޔައެވެ. ބެލްކަނީގައި ބަނޑުއަޅައިގެން އޮތް ރުހައިމްއަށް މާނޭވާލެވެމުން ދިޔައެވެ. ލޮލަށް ފެންނަމުން ދިޔަ މަންޒަރުތައް ގަބޫލުކުރަން ދަތިވެފައިވާ ހާލު ޔަޝްފީގެ ނަން ކިޔާލެވުނެވެ. ނޭވާވެސް ލާން އުނދަގޫވެއްޖެއެވެ. ހިތް ބާރުބާރަށް ތެޅެމުން ދިޔަ ވަގުތު ރުހައިމްއަށް ދެފަރާތަށް ބޯހޫރާލެވުނެވެ.

ވައިކަފާލާފައި ބާރަށް ޔަޝްފީ ވެއްޓެމުން ދިޔައެވެ. އޭނައަށް ބަނޑުގައި ބާރަށް ހިފަހައްޓާލެވުނެވެ. އޭނަގެ އުފާތައް ހާސިލުވަމުން ދަނިކޮށް މިވީ ކިހިނެއް ހެއްޔެވެ؟ އެތައް ހިޔާލަކުން ޔަޝްފީގެ ނަފްސު އެވަގުތުކޮޅުގައި ވަށާލައިފިއެވެ. އޭނަގެ އަމަލުތަކާ މެދެގައިވެސް ފިކުރު ހިންގާލެވުނެވެ. ބިމާ ކައިރިވަމުން ދިޔަ ވަރަކަށް މީހާގެ ނިމުން ކައިރިވެއްޖެކަމުގެ ހިތި ހަގީގަތާ ކުރިމަތިލާން ޖެހުނެވެ. ބިރުވެރިކަން ހިތަށް ވަން ހިނދު މާތްﷲ މަތިން ވެސް އޭނަ ހަނދާން ވިއެވެ. ލޮލަށް ކަރުނަ ޖަމާވެގެން ދިޔައީ އޭނައަށް އުޅެވުނު ގޮތް ތަސައްވަރުކުރެވުމުންނެވެ. އޭރު ވަގުތު ފާއިތުވެ ނިމިއްޖެއެވެ. އޭނަގެ ހިތް ރޮމުން ދިޔައީ ދަރިފުޅާ މެދު ވިސްނުމުންނެވެ. އެދަރިފުޅަށް ދެރަގޮތެއް ވާން އޭނަ ބޭނުމެއް ނޫނެވެ.

ބާރު އަޑަކާއެކު ޔަޝްފީ ގޮސް ބިމުގައި ޖެހުނެވެ. ގެންފައި ހުރި ބިރުގެ ސަބަބުން ވޭނުގެ އަސަރެއް ވެސް ނުކުރެވުނެވެ. ބޯފަޅައިގެން ގޮސް ލޭފައިބަމުން ދިޔަ ކަން އިހުސާސް ވިއެވެ. ހަތަރެސްފައިގައި އެއްވެސް ހަރަކާތެއް ނެތެވެ. ހެޔަށް ގޮތްތަކެއްވެ ދެލޯ މެރެމުން ދިޔައެވެ. ލޮލުގެ ހިމަކޮޅުން ލާފައި ފޭބި ކަރުނަތަތައް ލެޔާ އެކުވެގެން ދިޔައީއެވެ. ލަސްލަހުން ދެލޯ މެރި ޔަޝްފީގެ ހުރިހާ ހަރަކާތެއް ވެސް ހުއްޓިއްޖެއެވެ.

(ނުނިމޭ)