ކަނޑުގެ އަޑީގައިވާ ފަރުބަދަތަކުގެ ތެރެއިން މީގެކުރިން އެނގިފައި ނެތް ބިޔަ ހަތަރު ފަރުބަދައެއް ސައެންސްވެރިންގެ ޓީމަކުން ހޯދައިފިއެވެ. މި ފަރުބަދަތައް ފެނުނީ ދެކުނު އެމެރިކާ ބައްރުގެ ހުޅަނގު ބިތުން ޕެސިފިކް ކަނޑުގެ އަޑި ބަލައި ދިރާސާކުރުމުގެ ތެރޭގައެވެ.

އަލަށް ފެނުނު ފަރުބަދަތަކަކީ 5200 ފޫޓާއި 8800 ފޫޓާއި ދެމެދުގެ އުސްމިން ލިބިފައިވާ ފަރުބަދަ ތަކެކެވެ. ޕެސިފިކް ކަނޑުގެ އެވަރެޖް ފުންމިނަކީ 13000 ފޫޓު ކަމަށްވެފައި އެކަނޑުގެ އަޑީގައި މިހާ އުސް ފަރުބަދަތަކެއް ހުއްޓަސް ދެންވެސް އެއީ ތިލައެއްކަން އެނގޭ ވަރަށްވުރެ މި ފަރުބަދަތައް ހުރީ ފުނުގައެވެ. އަލަށް ފެނުނު ބައެއް ފަރުބަދަތަކުގެ އުސްމިން ސްރީލަންކާގައި ހުންނަ އާދަމުގެފާނު ފަރުބަދަޔާ އެއްވަރެވެ. ނުވަތަ އެއަށްވުރެވެސް އުހެވެ.

ޝްމިޓް އޯޝަން އިންސްޓިޓިއުޓްގެ ސައިންސްވެރިންގެ ޓީމުތަކުން ވަނީ މީގެ ކުރިންވެސް ކަނޑުގެ އަޑިން އެތައް އެތައް ފަރުބަދައެއް ހޯދައިފައެވެ. ދުނިޔޭގެ ބޮޑުބަޔަކީ ކަނޑު ކަމަށްވެފައި ކަނޑުތަކުގެ އަޑީގެ 80 އިންސައްތަޔަށްވުރެ ބޮޑު ބައެއް އަދިވެސް އޮތީ އެކަށީގެންވާ ގޮތަށް ނުބެލިފައެވެ. ޗާޓުނުކުރެވިއެވެ. ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ވިހިހާހަށްވުރެ ގިނަ ފަރުބަދަ އަދިވެސް ހުރީ ނުހޯދިފައެވެ. ހުރިކަންވެސް ނޭނގިފައެވެ.

ކަނޑުގެ އަޑީގެ ފަރުބަދަތައް ދުނިޔޭގެ އެންމެ ބިޔަ ތިން އޯޝަނުގައިވެސްވެއެވެ. އެންމެ ގިނައިން ފެނިފައިވަނީ ޕެސިފިކް ކަނޑުގެ އަޑިންނެވެ. ދިވެހިރާއްޖެ ހިމެނޭ އިންޑިއާ ކަނޑުގައި އެފަދަ ފަރުބަދަތައް ހުރީ މައިގަނޑު ގޮތެއްގައި ރިޔުނިއަނާއި ސީޝެލްސްއާ ދޭތެރޭގައެވެ. އެފަދަ ބައެއް ފަރުބަދަތައް ކަނޑުގެ އަޑިން ފެށިގެން 3300 ފޫޓް މައްޗަށް އުފުލިފައިވެއެވެ.