ކުރިޔަށް އޮތް ރޯދަމަހަށް ހާއްސަކޮށްގެން "ރޯދަމަހަށް ތައްޔާރު"ގެ ނަމުގައި ދިރާގުން ހާއްސަ ޕްރޮމޯޝަނެއް ކުރިޔަށް ގެންދަން ނިންމައިފިއެވެ.
ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރޯދަ ޕްރޮމޯޝަންތަކާ ގުޅޭ ގޮތުން މަލުމޫމާތު ހިއްސާ ކުރަމުން އެ ކުންފުނިން ބުނީ، "ރޯދަ މަހަށް ތައްޔާރު" މި ނަމުގައި މިއަދުން ފެށިގެން އަންނަ މާޗު މަހުގެ ދިހައެއްގެ ނިޔަލަށް ދިރާގުގެ ކޮންމެ ކަސްޓަމަރަކަށްވެސް އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ.
"އެހެން އަހަރުތަކަށް ވުރެން ތަފާތުކޮށް މިގެނެސްދެނީ، ރޯދަމަހަށް ތައްޔާރުވަނީ ރޯދަމަހުގެ ފުރަތަމަ ދުވަހުއެއް ނޫން އަޅުގަނޑުމެންގެ އާދަކާދައިގެ ތެރޭގައިވެސް ހިމެނޭކަމެއް އެއީ ގެ ސާފުކޮށް، ދޮންވެލިލައި ކުލަލުން. އެއީ އަޅުގަނޑުމެންގެ ކަށީގައި ހިފާފައި ހުރިކަމަކަށް ވުމާ އެކީގަ. އަޅުގަނޑުމެންނަކީ ދިވެހިންގެ ގުޅުމަށްވެފައި، ދިވެހިންގެ އާދަކާދަޔާއެއްގޮތަށް މި އަހަރުގެ ރޯދަމަހުގެ ޕްރޮމޯޝަން ކުރިޔަށް ގެންދަން މި ނިންމީ،" ދިރާގުން ބުންޏެވެ.
އެ ޕްރޮމޯޝަންގެ ދަށުން ކުރިޔަށްގެންދާ "ރޯދަރެޑީ ލަކީޑްރޯ" އަކީ، ދިރާގުގެ މިހާރުގެ ކަސްޓަމަރުންނާއި މިއަދުން ފެށިގެން އަންނަ މަހުގެ ދިހަ ވަނަ ދުވަހާ ހަމަޔަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ ލަކީޑްރޯއެއް ކަމަށް އެކުންފުނީގެ އެސިސްޓަންޓް މެނޭޖާ އެޑްވަޓައިޒިން ހަސަން ޝާރިހް ވިދާޅުވިއެވެ. ކޮންމެ ހަފުތާއަކު ލަކީޑްރޯއެއް ހޮވާނެއެވެ.
ދިރާގުން ބުނީ، ފުރަތަމަ ހަފުތާގައި އެކުންފުނިން ކަނޑައަޅާ ތަނަކުން އެއް މިނެޓް ތެރޭ ރޯދަމަހަށް ބޭނުން އެއްޗެހި ނެގޭ ފްރީ ސޮޕިންއެއް ކުރިޔަށް ގެންދާނެ ކަމަށެވެ. އެ ސޮޕިންގައި ނަގާ ހުރިހާ ތަކެއްޗެއްގެ ފައިސާ ދައްކާނީ ދިރާގުންނެވެ.
ދެވަނަ ލަކީ ޑްރޯޔަކަށް، ގޭތެރެ ސާފުކުރުން އަދި ކުލަލުން ހިމެނެއެވެ. ކުލަލުމުގެ ހިދުމަތާއި ގޭތެރެ ސާފުކުރުމުގެ ހިދުމަތް ދޭނީ އެކަމުގެ މާހިރުން ލައްވައެވެ. ކުލަ ލުމުގެ ހިދުމަތް ދިނުމުގައި ދެ ރޫމް ނުވަތަ ތިން ރޫމްގެ އެޕާޓްމަންޓަކަށް ބޭނުން ކުލައެއް ކަސްޓަމަރުންނަށް އިހްތިޔާރު ކުރެވޭނެއެވެ.
ފަހު އިނާމަކަށް އަދި ތިން ވަނަ ހަފުތާގެ އިނާމަކަށް އެ ޕްރޮމޯޝަންގެ ލަކީ ޑްރޯއިން ހޮވޭ ފަރާތަކަށް ބަދިގެޔަށް ބޭނުންވާ ސާމާނު ދިރާގުން ހޯދައިދޭނެއެވެ.
"މި ޕްރޮމޯޝަންތައް ކުރިޔަށް ގެންދަނީ ވަކި ޕެކޭޖަކަށް ތަފާތު ކުރުމެއްނެތި ދިރާގު ޕްރިޕޭޑް، ޕޯސްޓް ޕެއިޑް އަދި ދިރާގު ފައިބާ ބްރޯށްބޭންޑް ނަގާ ކޮންމެ ކަސްޓަމަރަކަށް ވެސް ބައިވެރިވެވޭނެ،" ޝާރިހް ވިދާޅުވިއެވެ.
ދިރާގުން ބުނީ ބައެއް ފަރާތްތަކަކީ ރޯދަމަހުގެ ހަރަދުތައް ބަލަހައްޓަން އެކަށިގެންވާ އާމްދަނީއެއް ނުލިބޭ ފަރާތްތައް ކަމަށްވާތީ، އެ އާއިލާތަކަށް ހާއްސަކޮށްގެން، އެ ހަރަދުތައް ދިރާގުން ކޮށްދެވޭނެ ގޮތަށް މިފަހަރު ދިރާގު ކަސްޓަމަރުންނަށް ރޯދައިގެ ކުރިން ޕްރޮމޯޝަނެއް ކުރިއަށްގެންދަން ނިންމީ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު