ބައިނަލްއަގުވާމީ ގުޅުންތަކުގެ މައްޗަށް ކޮފީމޭޒުދޮށުގައި އިންޑިއާގެ ޕްރޮފެޝަނަލް ގިންތީގެ ބައެއް މީހުންނާ ދޭތެރެއަކުން އަޅުގަނޑު ބަހުސް ކުރަމެވެ. އެންމެފަހުން އެންމެ ބޮޑު ބަހުސެއް ހިނގީ ޗާގޯސްގެ މައްސަލަޔާ ބެހޭގޮތުންނެވެ. ޗާގޯސްގެ މައްސަލައިގައި މޮރިޝަސްގެ ފަހަތުގައިވާ ބޮޑު ބާރަކީ އިންޑިއާއެވެ. ޗާގޯސްގެ ވަށައިގެން ދުއިސައްތަ މޭލުގެ އިގްތިސާދީ ސަރަހައްދެއް މޮރިޝަސްއަށް ހޯދައިދޭން އެންމެ ބޮޑަށް މަސައްކަތްކުރި އަދި ކުރާ ގައުމަކީވެސް އިންޑިއާއެވެ. މިއީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. ހުސްވި ދެހާސް ތޭވީސްވަނަ އަހަރުގެ ތެރޭގައި މާލޭގައި އެފަދަ މީހަކާ ބައްދަލުވެގެން ބަހުސަކަށްދާން ޖެހުނެވެ. ދިވެހިންނާ ޗާގޯސްއަކާ ކޮންކީކީއެއްހޭ އަހައި މީނާ ސުވާލުކުރީމާ އެތަނުގެ ތާރީޚު ކިޔައިދީފައި ބުނީމެވެ. އިންޑިއާގެ އެންމެގާތް އަވައްޓެރިއަކީ ދިވެހިރާއްޖެ ކަމަށްވާއިރު އެތައްހާސް މޭލެއްގެ ދުރުގައިވާ މޮރިޝަސްއަށް ކަލޭމެން ތާއީދުކުރަނީ ކީއްވެގެން ހެއްޔެވެ.
މާބޮޑު ވިސްނުމަކާނުލައި އޭނާ ޖަވާބުދިނެވެ. މޮރިޝަސްގެ އާބާދީގެ 68 އިންސައްތަ މީހުންނަކީ އިންޑިއާ ދަރިކޮޅުގެ މީހުންނެވެ. ސަބަބަކީ އެއީއެވެ. ރައްދުގައި އަޅުގަނޑު ބުނީމެވެ. ދިވެހިރާއްޖޭގައި މިއުޅެނީވެސް ސައްތައިން ސައްތަ ދެކުނު އޭޝިއާ ދަރިކޮޅުގެ މީހުންނެވެ. އޭނާ ބުންޏެވެ. ތަފާތެވެ. މޮރިޝަސްގައި އެތިބީ ހިންދޫންނެވެ. މިރާއްޖޭގައި މިތިބީ މުސްލިމުންނެވެ. އަޅުގަނޑު ބުނީމެވެ. އެހެންހެއްޔެވެ. އެހެންވިއްޔާ އިންޑިއާގައި އެތިބަ ދުއިސައްތަ މިލިއަނަށްވުރެ ގިނަ މުސްލިމުން އިންޑިއާގެ ރައްޔިތުންނަށްވެސް ނުވަނީބާވައެވެ. ދުލުން ބޭރުވާން ނުޖެހޭ އެއްޗެއް ބޭރުވެއްޖެކަން އޭނާއަށް ރޭކާލީ އެހިސާބުންނެވެ. މިއީ އެންމެ މީހެއްގެ ޚިޔާލު ބާވައެވެ. އެގޮތްވެސް އަޅުގަނޑު ކަށަވަރު ކުރީމެވެ. ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ބެލުމަށްޓަކައި ހުސްވި 2023 ވަނަ އަހަރުގެ ޖޫންމަހު ބެންގަލޫރަށް ގޮސްހުރިއިރު ފުޓްބޯޅައިން ބޭރަށް ޖެހިލަން ލިބޭ ކޮންމެ ފުރުސަތެއްގައި މިކަން ބެލީމެވެ. ސުވާލުކޮށްގެންނެވެ.
އެންމެންވެސް ބުންޏެވެ. ތާއީދުކުރަނީ މޮރިޝަސްއަށެވެ. އަޚުންނަކީ އެއީއެވެ. މޮރިޝަސްގެ އަންހެނުން އަޅާ ސާޅީގެ ވާހަކަޔާއި ނިތްކުރީގައި ޖަހާފައި ހުންނަ ސިންދޫރުގެ ވާހަކަވެސް ބައެއް މީހުން ބުންޏެވެ. ކޮންމެއަކަސް ޗާގޯސްގެ މައްސަލައަކީ ރާއްޖޭގެ ފަހުގެ ތާރީޚުގައި ރާއްޖޭގެ ސަރަހައްދީ ކަރާމާތަށް ކުރިމަތިވި އެންމެ ބޮޑު ގެެއްލުމެވެ. ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގެ ބައެއް ގެއްލިގެން ދިޔައީއެވެ. މިކަން މިމަގުން ހިނގީ އިންޑިއާގެ ތާއީދާއި މަދަދާއި ބައިވެރިވުން އޮވެގެންނެވެ. އަވަށްޓެރި ދިވެހިރާއްޖޭގެ މަސްލަހަތަށް ކުރެވުނު އިހުތިރާމެއް ނެތެވެ. ސިންދޫރު ނުޖަހާތީ ތޯއްޗެކެވެ. ކޮންމެއަކަސް ޗާގޯސްއަކާ ޖެހިގެންގޮސް ގެއްލިގެން އެދިޔައީ ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގެ އެންމެ ދެކުނުގައި އޮތްބައެވެ. ދެންއޮތީ އެންމެ އުތުރުގައި އޮތްބައިގެ ވާހަކައެވެ. މިހިނގާ ފެބްރުއަރީ މަހުގެ ތެރޭގައި މިދެންނެވި ބައިގެ ތެރޭގައި އިންޑިއާގެ ސިފައިންވަނީ އެއްފަހަރަށްވުރެ ގިނަ ފަހަރު ދިވެހި މަސްދޯނިފަހަރަށް އަރައި ބިރުދައްކައި ގޯނާކޮށްފައެވެ.
ބައެއް މީހުން ބުނުން އެކަށީގެންވެއެވެ. މިއީ ދިވެހިން އިސްވެ އިންޑިއާ ރުޅިއަރުވައިލުމުގެ ދެރަ ނަތީޖާއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ބަދުބަސްބުނުމުގެ ނަތީޖާއެވެ. ދެންވެސް އަވަހަށް މައާފަށް އެދި އާދޭސްކުރާށެވެ. މިއީ އަނެއްކާވެސް ވަރަށް ބޮޑު އޮޅުމެކެވެ. ނުވަތަ އޮޅުވައިލުމެކެވެ. ބޮޑުވަޒީރު މޯދީ ލަކްޝަދީބަށް ވަޑައިގެން ކުރެއްވި ޕޯސްޓަކާއި ގުޅިގެން އިސްވެ ދިވެހިން ދިން ރައްދެއް ނެތެވެ. ރައްދު ދިނީ މޯދީގެ ޕޯސްޓާއި ގުޅުވައިގެން އިންޑިއާގެ މީސްމީޑިއާގެ ބައެއް އެކްޓިވިސްޓުން ދިވެހިންނަށް ފުރައްސާރަކޮށް ދެން މިވެނިކަމެއް ކުރާށޭ އެވެނިކަމެއް ކުރާށޭ ކިޔައިފައި ލިޔުނު ތަކެއްޗަށެވެ. އެވާހަކަ އެއްވެސްބަޔަކު ނުދައްކައެވެ. ރާއްޖޭގެ ޑެޕިއުޓީ މިނިސްޓަރުންގެ ދެ މީހަކު ދިން ރައްދެއް ދިނީވެސް މިބާވަތުގެ ތަކެއްޗަށެވެ. އެމީހުން އިމުން ބޭރުނުވެއެކޭ ނޫނެވެ. ކިތަންމެ ރަގަޅަކަށްވެސް އިމުން ބޭރުވިއެވެ. އެކަން ދިފާއުކުރާކަށް ނެތީމެވެ. އެކަމަކު ސުވާލެއް އެބައޮތެވެ.
މީސްމީޑިއާގައި އެތައް މިލިޔަން ބަޔަކު ފޮލޯކުރާ ބޮލީވުޑްގެ މެގަސްޓާރުން ތިބެނީ ދިވެހި ސަރުކާރަށް ނިސްބަތްވާ މީހުން ލިޔާތަކެތި ބަލަން ފާރަވެރިވެގެން ބާވައެވެ. އަކްޝޭ ކުމާރަކާއި އަމީތާބަކާއި ޓުވިންކަލް ކަންނާއަކު ހޭލައި ތިބެނީ މިކަމަށް ހެއްޔެވެ. ނޫނެކެވެ. ސިޔާސީ ޖަމާއަތްތަކުން ބޭނުންވާ ކަންކަން ހިލުވައިލުމަށްޓަކައި ސެލެބްރިޓީން ބޭނުންކުރުމަކީ އިންޑިއާގައި އާއްމު އުކުޅެކެވެ. ސިޔާސީ ކޮންމެވެސް ބަޔަކު އަޑީގައި ތިބެގެން ޕޯސްޓްތަކެއް އެއްތަންކޮށް މިވެނިހެން އެވެނިހެން ލިޔެފައި މިކަން ހިލުވައިލާށޭ ބުނީމާ ކުރަނީއެވެ. މިއީ އައުކަމެއް ނޫނެވެ. ކަންކަން ހިލުވައިލުމަށް ސެލެބްރިޓީން ބޭނުންކުރަނީ އެމީހުންގެ ފޮލޯވަރުން ގިނަކަމުންނެވެ. މީސްމީޑިއާގައި އެއްޗެއް ވައިރަލްކޮށްލަން އެންމެ ފަސޭހައީ ސެލެބްރިޓީންނަށް ކަމަށްވާތީއެވެ. އަކްޝޭ ކުމާރުގެ ބޭނުން ހިފާފައިމިވަނީވެސް ބައެއްގެ ކަރަށް ފިތައިލުމަށް މަގުކޮށުމަށްޓަކައެވެ. ކޮންބައެއް ބާވައެވެ. ދިވެހިންނެވެ. އެކަން ވަރަށްވެސް ސާފެވެ.
މިސާލުބަހެއްގައި ބުނެވެއެވެ. ތިޔައޮތީ ބުޅާ ގޯނިން ބޭރުވެފައެވެ. ބުޅާ ގޯނިން ބޭރުވުމަކީ ކޮބައިބާވައެވެ. އެއީ ބޭޒާރުވުމެވެ. ކަމުގެ އަސްލު ފޮރުވާންވެގެން މަތިއޮމާންކޮށްގެން އުޅެނިކޮށް ހަގީގަތް ފާޅުވުމެވެ. ދިވެހިރާއްޖެއަށް އިންޑިޔާއިން ހެޔޮއެދޭ މިންވަރާއި ދިވެހީންނަށް ކަމޭހިތާ މިންވަރާއި އަވައްޓެރިކަމުގެ ކުލުނުއޮތް މިންވަރުގެ ހަގީގަތަކީވެސް މިހާތަނަށް ފޮރުވި ވަންހަނާވެފައި ވަނިކޮށް ކުރިން ދެންނެވި ބީދައިން ބޭރުވެ ބޭޒާރުވެފައިވާ އެއްޗެކެވެ. މަސްރަހަށްއައި ކުޑަވަރެއްގެ އުދަބާންޏެއްގެ ތެރޭގައި އޮޑިއަށް ހިސާބެއްގެ ލޮޅުންތަކެއް އެރީމާ ބޭރުވީއެވެ. ގޯނީގެ ތުން ކޮންމެވެސް ގޮތަކުން މޮހެވިގެންނެވެ. ތުން މޮހެވުނުއިރު ކަންއޮތް ގޮތުގެ ހަގީގަތް މަތީގައި ބަޔާން ކުރެވުނީއެވެ. އެކަން އެހެންވިޔަސް މި ދިވެހިރާއްޖެ ދެންވެސް އޮންނާނީ އިންޑިއަން އޯޝަނުގައެވެ. އިންޑިއާގެ އަވަށްޓެރިއެއްގެ ގޮތުގައެވެ. އެހެންވީމާ ބުއްދިވެރި ގޮތަކީ ދެބައިމީހުންވެސް އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމްކޮށްގެން ކުރިއަށް ދިއުމެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ