ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ތަމްސީލްކުރާ ދާއިރާތަކުގެ ތެރެއިން މިހާރު ހުސްވެފައިވާ ދާއިރާތަކުގެ ގޮނޑި ނުހިމަނައި މަޖިލީހުގެ ކޯރަމް ގުނަން، މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަށް އަމަލު ކުރުން ހުއްޓުވުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، މަޖިލީހުން ގޮތެއް ނިންމަން ރައްޔިތުންގެ މަޖިލީހުގެ މިއަދު ބަހުސް ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން އިސްލާހު ގެނަސްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުން ހިމެނޭ، މަޖިލިސް ގަވާއިދުގެ 202 ވަނަ މާއްދާ އާއި ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުމުގެ މައްސަލަ ދިރާސާކުރާ ކޮމިޓީގެ ބައި ހިމެނޭ، ގަވާއިދުގެ 203 ވަނަ މާއްދާގެ އިތުރުން މަޖިލީހުގެ ގާނޫނީ އަދަދު ކަނޑައަޅާފައިވާ 49 ވަނަ މާއްދާއަށެވެ.

ގަވާއިދުގެ 49 ވަނަ މާއްދާއަށް އިސްލާހުގައި ވަނީ، މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި ބަލާނީ މެންބަރުންގެ ގޮތުގައި އެވަގުތު ދެމިތިބި މެންބަރުންގެ ޖުމްލަ އަދަދަށް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމުގެ ސަބަބުން ނޫން ގޮތަކަށް އެއްވެސް އިންތިހާބީ ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެނަމަ، އެ އިންތިހާބީ ދާއިރާއެއްގެ ގޮޑިއަށް މެންބަރަކު އިންތިހާބު ކުރުމާ ހަމައަށް، މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ އިންތިހާބީ ދާއިރާއެއް ނުގުނޭނެ ކަމަށާއި ހިނގަމުންދާ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަށް އެއްވެސް ބަދަލެއް އައިސްފިނަމަ، އެ ބަދަލެއް އަންނަ ތާރީހާ ވިދިގެން އެންމެ އަވަހަށް ބާއްވާ މަޖިލީހުގެ ޖަލްސާއެއްގައި އެކަން މަޖިލީހުގެ ރައީސް އިއުލާން ކުރަންވާނެ ކަމަށްވެސް އެ އިސްލާހުގައި ވެއެވެ.

ގަވާއިދަށް މި އިސްލާހު ގެނައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނައިބު ރައީސްގެ ގޮތުގައި ހުސެއިން މުހައްމަދު ލަތީފް އިންތިހާބު ވުމާއި، ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ވަޑައިގެންނެވުމަށް ހަ މެންބަރަކު މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ދާއިރާތައް ހުސްވުމުންނެވެ.

އެ ބޭފުޅުންނަކީ ނައިބު ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންނެވި، ކުރީގެ ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް އާއި ބަންޑާރަނައިބު ކަމުގެ މަގާމުގައި ހުންނެވި، ވިލިމާލޭ ދާއިރާގެ މެންބަރުކަން ކުރެއްވި އަހުމަދު އުޝާމް އާއި މިހާރު ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވާކްސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު އާދަމް ޝަރީފް އާއި ނައިފަރު ދާއިރާގެ ގޮޑި ފުރުއްވަމުން ގެންދެވި މިހާރުގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި މިހާރުގެ ޑިފެންސް މިނިސްޓަރު ކުރީގެ ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ގައްސާން މައުމޫނާއި ފެލިދޫ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި މިހާރުގެ އެޗްޑީސީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދެވެ.

ގާނޫނު އޮތް ގޮތުން ދެން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކުރިން އެ ދާއިރާތަކަށް މެންބަރުން އިންތިހާބުވެސް ނުކުރެވޭނެތީއެވެ. ގާނޫނު ބުނާގޮތުން ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވާން ހަ މަސް ދުވަހުގެ މުއްދަތެއް އޮތްނަމަ، އެ ގޮނޑިތަކުގެ ބައި އިލެކްޝަނެއް ބާއްވާކަށް ނުޖެހޭނެއެވެ. އެހެންކަމުން އެ ހަތް ގޮނޑީގެ ބައި އިލެކްޝަން ނުބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ.

މިހާރު އޮތް ގޮތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނީ އަންނަ މާޗް މަހުގެ 17 ގައެވެ. ނަމަވެސް ރޯދައިގެ ފަހުން އިންތިހާބު ބާއްވަން މަޖިލީހަށް ހުށަހަޅާފައި ވާތީ އެއަށްވުރެ މަހެއްހާ ދުވަސް ފަސްވުން އެކަށީގެންވެއެވެ.

އެހެންކަމުން މަޖިލިސް ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން މަޖިލީހުގެ މެންބަރުން ގުނަމުން ގެންދަނީ ހުސްވި ގޮނޑިތައް ނުހިނަމައެވެ. އެގޮތަށް ގުނާއިރު މިހާރު މަޖިލީހުގައި ތިއްބެވީ 80 މެންބަރުންނެވެ. އެ އަދަދަށް ބަލާއިރު މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ އަދަދަކީ 54 މެންބަރުންނެވެ. އެހެންކަމުން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ 41 މެންބަރުންގެ ވޯޓާއި ދަ ޑިމޮކްރެޓްސްގެ 13 މެމްބަރުންގެ ވޯޓުން ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް އަޒުލު ކުރެވޭނެއެވެ.

ގަވާއިދު ކުރިން އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް މަގާމުން އަޒުލު ކުރެވޭނީ މަޖިލީހުގެ ތިންބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ.

ގަވާއިދުގެ 202 ވަނަ މާއްދާ އާއި މަޖލިސް ގަވާއިދުގެ 203 ވަނަ މާއްދާއަށް އިސްލާހު ގެނެސްފައިވަނީ އަޒުލު ކުރުމުގެ މަރުހަލާ އަވަސް ކުރުމަށެވެ. އެގޮތުން ރައީސާއި ނައިބު ރައީސް ވަކިކުރުމަށް ގަރާރެއް ލިބިއްޖެ ނަމަ، ދެ ދުވަސް ތެރޭގައި ނޯޓިސް ފޮނުވައި، 14 ދުވަސް ދިނުމަށް ފަހު މައްސަލަ ކުރިއަށްގެންދަން ޖަލްސާއެއް ބާއްވަން ޖެހޭނެއެވެ.

ނަމަވެސް އެކަމުގެ ބަހުސް ދެ ގަޑިއިރަށް ކުރިއަށްގެންދަން ޖެހޭނެ ކަމަށް މިހާރު ކަނޑައަޅާފައި އޮތް ގޮތް ބަދަލުކޮށް އިސްލާހުގައި ވަނީ ބަހުސް ތިން ގަޑިއިރަށް އިތުރުކޮށްފައެވެ. ރައީސާއި ނައިބު ރައީސަށް ދިފާއުގައި ވާހަކަދެއްކެވުމަށް 30 މިނެޓު ކަނޑައަޅާފައިވާ އިރު، ކުރެވޭ ތުހުމަތުތަކުން ދިފާއުވެވަޑައިގަތުމަށް ތިން ވަކީލުން ބޭނުންކުރެވޭނެ ކަމަށާއި އެ މައްސަލަ ކޮމިޓީގައި ކުރިއަށްދާ އިރުވެސް ހާޒިރުވެވަޑައިގެން ޖަވާބުދާރީވާން ފުރުސަތު ލިބޭނެ ކަމަށް ވަނީ ހިމަނައިފައެވެ.

އެ އިސްލާހުތައް މަޖިލީހުގެ ގަވާއިދަށް ގެނަސްފައި ވަނީ، ގާނޫނުއަސާސިއާ ހިލާފަށް ކަމަށްބުނެ ބަންޑާރަ ނާއިބުގެ ފަރާތުން އެ މައްސަލަ، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އެއީ ހުސްވި ޖެނުއަރީ މަހުގެ 28 ގައެވެ. ނަމަވެސް އެ މައްސަލައިގައި މައުލޫއީގޮތުން ގޮތެއް ކަނޑައަޅަންދެން، ހުސް ގޮނޑި ނުހިމަނައި މަޖިލީހުގެ ކޯރަމް ގުނަން މަޖިލިސް ގަވާއިދަށް ގެނައި އިސްލާހަށް އަމަލު ނުކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ވަގުތީގެ އަމުރުގެ ރައުޔުގައި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ވޯޓަކުން ގޮތެއް ނިންމައި، އެ ނިންމުމެއް ތަންފީޒުކުރެވިއްޖެނަމަ، އެކަމުގެ ސަބަބުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ މައުލޫއަށް ގޮތް ކަނޑައެޅުމުގެ ކުރިން، މައުލޫއުގައި ހިމެނޭ ކަމުގެ މުއާމަލާތް ކެނޑިގެން ދިއުމުގެ އިހުތިމާލު ފާޅުކަން ބޮޑުގޮތެއްގައި އޮތް ކަމަށް އެޓާނީ ޖެނެރަލްގެ ފަރާތުން ބަޔާންކޮށްފައިވާ ކަމަށެވެ.

އެޓާނީ ޖެނެރަލްގެ ފަރާތުން މައްސަލަ ހުށަހެޅި ފޯމުގައި ހިމަނާފައިވާ ތާވަލުގައި ހަވާލާދީފައިވަނީ ހުސޫމާތް އުފެދިފައިވާ "މަޖިލީހުގެ ޖުމުލަ މެމްބަރުން" ގެ ވޯޓަށް ބިނާކޮށް ފާސްވާންޖެހޭ ކަންކަމަށް އެކަނި ނޫންކަން ފާހަގަވާ ކަމަށާއި މައްސަލަ ހުށަހެޅި ފޯމުގައި ހިމަނާފައިވާ ތާވަލުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން މަޖިލީހުގެ ޖުމުލަ މެމްބަރުންގެ އަދަދުގެ މައްޗަށް ބިނާކޮށް ވޯޓުން ފާސްވާންޖެހޭ ކަންކަމުގެ ތެރެއިން އެއްވެސް ކަމަކާ ގުޅޭ މައްސަލައެއް މަޖިލީހަށް ހުށަހެޅިފައިވާކަން ބަންޑާރަނައިބުގެ ފަރާތުން ފާހަގަކޮށްފައި ނެތް ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ.

ފަނޑިޔާރު ޝުޖޫން ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް މައްސަލައިގައި ފާހަގަކޮށްފައިވާ އިސްލާހުތައް ގެނެސްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައި ކަމަށެވެ. މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް ގެނެވުނު އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމުގައި ބުނެ ބަންޑާރަނައިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ލިބިފައިވަނީ އެ އިސްލާހު ފާސްކުރިތާ އެއް މަސް ދުވަސް ފަހުން މިއަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ.

"މިއީ މުސްތަގުބަލުގައި ގާނޫނުއަސާސީއާ ހިލާފުވެދާނެ ހާލަތްތަކެއް އުފަންވެދާނެ ކަމަށް ބަލައި، އެ އިހުތިމާލުތަކުގެ މައްޗަށް ބިނާކޮށްގެން ހުށަހަޅާފައިވާ ހުށަހެޅުމެއް ކަމުގައި ބެލެވޭތީ އާއި މިފަދަ ހުށަހެޅުމަކާ ގުޅިގެން މައްސަލަ ރައްދުވާ ފަރާތަށް ބަސްބުނުމުގެ ފުރުސަތެއް ދިނުމަކާ ނުލައި، މިއީ މައްސަލައިގައި ފައިސަލާ ކުރަނިވި ހުކުމެއް ކުރުމުގެ ކުރިން ވަގުތީ އަމުރެއް ނުނެރެފިނަމަ، މައްސަލައިގެ މައުޟޫއުގައި ހިމެނޭ ކަންކަމުގެ މުއާލާތް ކެނޑިގެން ހިނގައިދާނެ ފަދަ، އަދި ވަގުތީ ފިޔަވަޅު އަޅަންޖެހޭ ފަދަ ހާލަތެއް ކަމުގައި ބަލައިގަންނަން އަހުރެންނަށް ދައްޗެވެ،" ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ.

އެހެންވެ ފަނޑިޔާރު ޝުޖޫންގެ ރައުޔަކަށްވީ މައްސަލައިގައި ވަގުތީ އަމުރެއް ނެރެ ނުދިނުމަށެވެ. ފަނޑިޔާރުގެ ޝުޖޫންގެ ރައުޔަށް ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ވަނީ ތާއީދު ކުރައްވައިފައެވެ.

އެ މައްސަލައިގައި ރައުޔު ތަފާތުވި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ ރައުޔުގައި ވިދާޅުވީ ބަންޑާރަނައިބުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ ދުސްތޫރީ ބަހުސެއް އުފެދޭ މައްސަލައެއް ކަމަށާއި ސިޔާސީ ސުވާލުގެ މައްޗަށް ބިނާވާ ނިންމުންތަކަކީ އެކަންކަމުގެ މައްޗަށް ކޯޓުތަކުގެ އިހުތިސޯސް ނުހިނގާ ކަންކަން ކަމަށެވެ. މަޖިލިހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އަށް ގެނެސްފައިވާ އިސްލާހުތަކުގައިވާ ގޮތުގެ މަތިން ނިންމާ ނިންމުންތަކަށް ފަހުން ފައިސަލާކުރުމުގެ ފުރުސަތު ކޯޓުތަކަށް ނެތް ކަމަށް ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވިއެވެ.

"ނަމަވެސް ރައްޔިތުންގެ މަޖިލިހުގެ ގަވާއިދަކުން ވިޔަސް ގާނޫނުއަސާސީއާ ހިލާފަށް އަމަލު ނުކުރެވޭނެ ހިނދު، މި މައްސަލައިގައި ފައިސަލާ ކުރަނިވި ހުކުމެއް ކުރުމުގެ ކުރިން ވަގުތީ އަމުރެއް ނުނެރެފިނަމަ، މައްސަލައިގެ މައުޟޫއުގައި ހިމެނޭ ކަންކަމުގެ މުއާލާތް ކެނޑުމުގެ އިހުތިމާލު އެބައޮތެވެ،" ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވިއެވެ.

ގާނޫނުއަސާސީއަށް، 2008 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށުނީއްސުރެ، ފާއިތުވި 15 އަހަރަށްވުރެ ދިގު މުއްދަތުގައި މަޖިލިހުގެ މެންބަރުންގެ އަދަދު ކަނޑައަޅާފައިވަނީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައިވާ ގޮތުގެ މަތިންކަމަށް ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވިއެވެ. ގާނޫނުއަސާސީގެ 86 ވަނަ މާއްދާގައި މަޖިލިހުގެ ޖަލްސާއެއްގެ ގާނޫނީ އަދަދު ކަނޑައަޅާފައިވާ އިރު، އަދި 87 ވަނަ މާއްދާގައި މަޖިލީހުގެ މެންބަރުންނަށް ނިންމުންތައް ނިންމޭނެ އަދަދާ ބެހޭ އިރުޝާދު ދީފައިވާ އިރު، އެތައް އަހަރެއް ފާއިތުވެގެން ދިޔައިރު މަޖިލީހުގައި ކޮންމެ ދުވަހަކު ބާއްވާ ޖަލްސާތަކުގެ ކޯރަމް ބިނާ ވަނީ އެ މާއްދާތަކުގެ މައްޗަށް ކަމަށް ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވިއެވެ.

ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އަށް އިސްލާހު ގެނެސްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ތުހުމަތުކޮށް ބަންޑާރަނައިބުގެ ފަރާތުން މައްސަލަ ހުށަހަޅާފައިވާތީ، އެ އިސްލާހުތަކަށް އަމަލުކުރުން މަޑުޖައްސާލަން ޖެހޭ ކަމަށެވެ.

"އެހެނ،ީ ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ(ކ)، (އ) އަދި (ވ) ގެ ދަށުން ބާއްވާ ކޮންމެ ޖަލްސާއެއް ބާއްވައި ނިންމުންތައް ނިންމަނީ ގާނޫނުއަސާސީގެ 86 ވަނަ މާއްދާ އާއި 87 ވަނަ މާއްދާގައި ބުނާ ގޮތުގެ މަތިންކަމާ މެދު ސުވާލު އުފައްދާފައިވާ ހާލަތެއްގައި، ހުށަހެޅިފައި އޮތް މައްސަލައިގައި ގޮތެއް ކަނޑައެޅުމާ ހަމައަށް ނުވަތަ ކޯޓުން އެނޫން ގޮތަކަށް އަންގަންދެން، ފެށުނީއްސުރެ ރައްޔިތުންގެ މަޖިލިހުން އަމަލުކުރަމުންދިޔަ ގޮތް ދެމި އޮންނަންޖެހޭ ކަމުގައި ދެކޭތީއެވެ. މިއީ އާންމު މަސްލަހަތު ދެމެހެއްޓުމަށްޓަކައި ވަގުތީ އަމުރެއް ނެރެންޖެހޭ ހާލަތެކެވެ،" ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވިއެވެ.

ވަގުތީ އަމުރަކަށް އެދި ހުށަހަޅާ އެންމެ އާދައިގެ އެހެނިހެން މައްސަލަތަކުގައި ވެސް އެ އަމުރަކީ އަވަހަށް ނެރެންޖެހޭ އަމުރެއް ކަމަށް މައްސަލަ ބަލާ ފަނޑިޔާރުންނަށް ބުރަވެވޭނަމަ، ވަގުތީ އަމުރުގެ ޖަވާބު ހުށަހެޅުން ލާޒިމެއް ނޫން ކަމަށް ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވިއެވެ.

ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ ރައުޔަށް، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ތާއީދު ކުރައްވައިފައެވެ.

އެހެންވެ ފަނޑިޔާރު އަޒްމިރަދާ ވަނީ ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އަށް ގެނެސްފައިވާ އިސްލާހުތަކަށް މިވަގުތަށް އަމަލު ނުކުރުމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ރައްޔިތުންގެ މަޖިލިހަށް އަންގާ ކަމަށް އަމުރުކުރައްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވީ، ހުސްގޮނޑި ހިމަނައިގެން މަޖިލިސް ކޯރަމް ގުނަން ކޯޓުން ނިންމި ނިންމުމާމެދު މަޖިލީހުން ގޮތެއް ނިންމަންޖެހޭ ކަަމަށެވެ. މަޖިލީހުގެ މިއަދު ބަހުސް ހުޅުވާލާފައިވަނީ އެކަމަށެވެ.