ރައްޔިތުންގެ މަޖިލީހުގައި ހުސްވެފައިވާ ދާއިރާތައް ނުހިމަނައި، މަޖިލީހުގެ ކޯރަމް ގުނަން މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނަސްފައި ވަނީ ގާނޫނުއަސާސީއާ ހިލާފްތޯ ކަނޑަ ނާޅައި، އެ އިސްލާހަށް އަމަލުކުރުން ސުޕްރީމް ކޯޓުން ހުއްޓުވުމަކީ ކަންބޮޑުވެ ވަޑައިގަންނަވާކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް އަސްލަމް ވިދާޅުވީ، މަޖިލީހުގައި މެންބަރުން ހިމެނިވަޑައިނުގަންނަވާ ހުސްގޮނޑިތައް ނުހިމަނައި މަޖިލީހުގެ ކޯރަމް ގުނުމަށް މަޖިލިސް ގަވާއިދުގެ 49 މާއްދާއަށް ގެނަސްފައިވާ އިސްލާހުގައި ހިމެނޭ "މަޖިލީހުގެ ޖުމްލަ މެންބަރުން" މިލަފްޒަށް ދީފައިވާ މާނަ ކުރުމަކީ ގާނޫނުއަސާސީއާ ހިލާފަށް މަޖިލީހުން ނިންމާފައިވާ ނިންމުމެއްކަމަށާއި އެ އިސްލާހު ބާތިލްކަަމަށް ކަނޑައަޅައި ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް 29 ޖެނުއަރީގައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މައްސަލައިގެ މައުލޫއުގައި ގޮތެއް ކަނޑައަޅަންދެން ގަވާއިދަށް ގެނައި އެ އިސްލާހަށް އަމަލު ނުކުރުމަށް މިމަހުގެ އަށްވަނަ ދުވަހު ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފައެވެ.
ނަމަވެސް ސުޕްރީމް ކޯޓުގެ އެ އަމުރާބެހޭގޮތުން އަސްލަން ވަނީ ކަންބިޑުވުންތަކެއް ހާމަ ކުރައްވައިފައެވެ.
އަސްލަމް ވިދާޅުވީ، ގާނޫނުއަސާސީގެ ދަށުން މަޖިލީހުގެ ނިންމުންތަކާގުޅޭގޮތުން ސުޕްރީމްކޯޓަށް ބާރުތަކެއް ލިބިދީފައިވާ ކަމަށެވެ.
"އެގޮތުން މަޖިލީހުގެ މެންބަރުކަމާމެދު ސުވާލު އުފެދޭ ހާލަތުގައި ސުޕްރިމްކޯޓުން ގޮތެއް ކަނޑައެޅުން، މަޖިލީހުން ހަދާ ގާނޫނުގައި ކަންއޮތްގޮތާމެދު އުފެދޭ މުހިއްމު ސުވާލުތަކާމެދު ނުވަތަ ގާނޫނީގޮތުން ކަމެއް އޮތްގޮތާމެދު ސުޕްރީމްކޯޓުގެ ލަފައަކަށް އެދި މަޖިލީހުން ހުށަހަޅާ ކަންކަމުގައި ގޮތެއް ކަނޑައެޅުން، ރައިސާއި ނައިބު ރައީސް ކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު ފުރިހަމަވާކަމާމެދު، ނުވަތަ ރައީސުލްޖުމްހުއިއްޔާ އިންތިހާބު ކުރުމުގައި ދިިމާވާ ކަމަކާމެދު ނުވަތަ ރައީސް މަގާމުން ދުރުކުރުމަށް މަޖިލީހުން ނިންމާ ނިންމުމަކާމެދު ހިލާފެއް އުފެދޭ ހާލަތުގައި ގޮތެއް ކަނޑައެޅުން، މަޖިލީހުން ފާސްކުރާ ގާނޫނެއް ނުވަތަ ގާނުނަކުން ބައެއް ވިޔަސް ގާނޫނުއަސާސީއާ ހިލާފް ވޭތޯ ބެލުމާއި، އެފަދަ މައްސަލަތަ ތަކުގައި ގޮތެއްނިންމުން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާ ގަރާރުގެނުވަތަ އެ ގަރާރުން ބައެއް ސައްހަކަމާމެދު އަދި ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ހަދާ ގާނޫނަކާމެދު، ނުވަތަ ނެރޭއަމުރަކާމެދު ސުވާލު އުފެދިއްޖެނަމަ އެކަމާމެދު ގޮތެއް ކަނޑައެޅުން،"
އަސްލަމް ވިދާޅުވީ މީގެކުރިންވެސް މަޖިލީހުގެ ނިންމުންތަކާމެދު ސުލްރިމްކޯޓުން ގޮތް ކަނޑައަޅާފައިވާ ކަމަށެވެ.
"އެގޮތުން 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ބައެއް މާއްދާތައް ގާނޫނުއަސާސީއާ ހިލާފް ބާތިލް މާއްދާތަކެއް ކަމަށް ސުޕްރީމްކޯޓުން ވަނީ ނިންމައިފަ، އަދި މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކާބެހޭ ގާނޫނުގެ މާއްދާތައްވެސް ގާނޫނުއަސާސީއާހިލާފް ބާތިލް މާއްދާތަކެއް ކަަމަށް ސުޕްރީމްކޯޓުން ކަނޑައަޅާފައިވޭ،"
އަސްލަމް ވިދާޅުވީ، އެ މައްސަލަތަކުގައި މަޖިލީހުގެ ނިންމުންތައް ގާނޫނުއަސާސީއާ ހިލާފް ބާތިލް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ، މައްސަލަތައް ބައްލަވައި ނިންމެވުމަށްފަހުގައި ކަމަށެވެ. ނަމަވެސް ހުސްގޮޑި ނުހިމަނައި ކޯރަމް ގުނުމުގެ އިސްލާހަށް އަމަލު ކުރުން ހުއްޓާލުމަށް ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އަމުރު ނެރެފައިވަނީ، މައްސަލަ ބެއްލެވުމެއް ނެތި ކަމަށްވެސް ވިދާޅުވިއެވެ. އަދި އެއީ ގާނޫނުއަސާސީއާ ހިލާފްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމެއްނެތި ނެރެފއިވާ އަމުރަކަށްވާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު