ހައްޖު ކޯޕަރޭޝަންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމަށް މަސައްކަތްކުރަމުންދާތީ ސަމާލުވުމަށް އެދިއްޖެއެވެ.
ހައްޖު ކޯޕަރޭޝަނުން މިއަދު ނެރުނު މެސެޖެއްގައި ބުނީ މިއަހަރުގެ ހައްޖުގެ އަޅުކަމަށް ޖާގަ ކަށަވަރުކުރުމަށް ކަމަށްބުނެ އަމިއްލަ ފަރުދުންތަކެއްގެ އެކައުންޓުތަކަށް ފައިސާ ޖަމާކުރުމަށް އެދި އެ ކޯޕަރޭޝަންގެ ނަމުގައި ފޯނު ކޯލުތައް ކުރަމުންދާ ކަމަށެވެ.
އެ ފޯނު ކޯލުތަކަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށާއި އެ ކޯޕަރޭޝަންގެ ހިދުމަތްތަކަށް ފައިސާ ދައްކާނީ "މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓުތަކަށް ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.
ހައްޖު ކޯޕަރޭޝަނުން ބުނެފައިވާ ގޮތުގައި އަމިއްލަ ފަރުދެއްގެ އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް އެ ކޯޕަރޭޝަނުން ނާންގާނެއެވެ.
ދާދި ފަހުން ވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން، ފުލެޓެއް ލިބުނު ކަމަށްބުނެ މީހެއްގެ އަތުން އޮޅުވާލައިގެން ދެ ލައްކަ ރުފިޔާ ހޯދައިފައެވެ. ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
އެނގިފައިވާ ގޮތުގައި ގއ. ވިލިނގިއްޔަށް ނިސްބަތްވާ އެ މީހާގެ އަތުން އޮޅުވާލައިގެން ހޯދި ފައިސާއަކީ އޭނާގެ ދަރީގެ ސްޓޫޑަންޓް ލޯނުގެ ގޮތުގައި ލިބުނު ފައިސާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު