ގެދޮރުވެރިޔާ ސްކީމުގެ ފްލެޓްތަކަށް ޝަރުތު ހަމަވި މީހުންގެ ނަންތައް ހިމެނޭ ލިސްޓެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީއަށް ފޮނުވައިފިއެވެ.
ހައުސިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓްތަކާ ގުޅޭގޮތުން އޭސީސީން ކުރި ތަހުގީގަށް ފަހު، ޝަރުތު ހަމަވެ، އިތުރު މައްސަލައެއް ހުރިކަން ފާހަގަނުވާ ފޯމުތަކުގެ ލިސްޓެއް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ލިބިފައިވާ ކަމަށެވެ.
"އޭސީސީން ފޮނުވާފައިވާ ލިސްޓުގައި ހިމެނޭ ފޯމުތަކަކީ ހަމައެކަނި ތަހުގީގުގެ ބޭނުމަށް ހޯދާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ލިސްޓެއް ކަމަށް ވާތީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގެ އިންތިޒާމުތައް މި މިނިސްޓްރީން ކުރަމުންދާ ވާހަކަ ދެންނެވީމެވެ" އެ ބަޔާނުގައި ބުންޏެވެ.
"ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން ދޫކުރާ ފްލެޓްތަކަށް ޝަރުތު ހަމަވާ މީހުންގެ ފްލެޓްތައް ވީ އެންމެ އަވަހަކަށް ހަވާލުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވަނީ ވިދާޅުވެފައެވެ.
ގެދޮރުވެރިޔާ ފްލެޓްތައް ދޫކުރުމުގައި ކުރީ ސަރުކާރުން އޮޅުވާލިކަމަށް ތުހުމަތުކުރެވޭ މައްސަލަތައް ފެންމަތިވުމުން އެ ފްލެޓްތައް ދޫކުރުން މަޑު ޖައްސާލަން އަންގައި އޭސީސީން ތަހުގީގެއް ފެށިއެވެ. އެ ތަހުގީގަށް ފަހު، އެ ކޮމިޝަނުން ބުނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޭ ފުރަތަމަ 4،000 ފްލެޓް ލިބޭ ކަމަށް ކަނޑައެޅި މީހުންގެ ތެރެއިން 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 2،400 ފްލެޓެވެ. އެއްވެސް މައްސަލައެއް ނޫޅެނީ 20.7 ޕަސެންޓް ފޯމުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު