އިންޑިއާގައި މިސްކިތެއް ތަޅާލުމުން ހިނގި ހަމަނުޖެހުންތަކެއްގައި ހަތަރު މީހަކު މަރުވެއްޖެއެވެ.

އިންޑިއާގެ އުއްތަރަކަންޑްގެ ހަލްދްވަނީ ޓައުންގައި ގަވާއިދާ ހިލާފަށް އިމާރާތްކޮށްފައި ހުރި ކަމަށް ބުނެ އެ ގައުމުގެ ސަރުކާރުން ތަޅާލި މިސްކިތެއްގެ މައްސަލަ ހޫނުވެ އެ ޓައުންގައި ފުލުހުންނާއި އާންމުންނާ ދެމެދު ގިނަ ހަމަނުޖެހުންތަކެއް ވަނީ ހިނގާފައެވެ.

އިންޑިއާ ސަރުކާރުގެ އޮފިޝަލުން ވަނީ ގަވާއިދާ ހިލާފަށް އިމާރާތްކޮށްފައިވާ މިސްކިތެއްގެ އިތުރުން މަދަރުސާއެއްވެސް ތަޅާލާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެ އަވަށުގެ މުސްލިމުން ވަނީ އެއީ މުސްލިމުންނާ ދެކޮޅަށް ސަރުކާރުން ހިންގި އަމަލެއް ކަމަށް ތުހުމަތުކޮށް ބޮޑެތި މުޒާހަރާތައް ފަށާފައެވެ.

ފުލުހުންނާއި މުޒާހަރާ ކުރާ މީހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި އެތައް ބަޔަކަށް އަނިޔާވެފައިވާއިރު އެ އަވަށުގެ ސަރުކާރުން ބޭނުންކުރާ ވެހިކަލްތައް ރޯކޮށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ފުލުހުން ވަނީ މުޒާހަރާކުރާ ފަރާތްތަކާ ދެކޮޅަށް ބާރުގެ ބޭނުންކޮށް ކަރުނަގޭސް ޖަހާފައެވެ.