އއ. ތޮއްޑޫ ސިއްހީ މަރުކަޒު އިމާރާތް ކުރުމަށް ހުށަހެޅި ބިޑުގެ މައްސަލައިގައި މުސްތަގިއްލު ރިވިއު ކޮމެޓީން ނިންމި ނިންމުން ހަތް ދުވަހުގެ ކުރިން އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް ސިވިލް ކޯޓުން މިނިސްޓްރީ އޮފް ފިނޭންސަށް އަމުރުކޮށްފިއެވެ.

މި މައްސަލައަކީ ތޮއްޑޫ ސިއްހީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ނޭޝަނަލް ޓެންޑަރިން ކޮށްފައިވާ އިއުލާނާ ގުޅިގެން ބިޑް ހުށަހެޅި ފަރާތުގެ ހައިސިއްޔަތުން އެސްޖޭގެ މަސްލަހަތު ހިމާޔަތް ކުރުމަށް، ޖުޑިޝަލް ރިވިއުގެ ދައުވާއެއް ސިވިލް ކޯޓަށް ހުށަހަޅަން އެސްޖޭއިން ބޭނުންވާ ލިޔުންތައް ނުލިބިގެން އެ ލިޔުންތައް ހޯދުމަށް އެދި އެސްޖޭގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގައި ތިން ލިޔުމެއް ހޯދުމަށް ކޯޓު އަމުރެއް ނެރެދިނުމަށް އެސްޖޭއިން ސިވިލްކޯޓުގައި ވަނީ އެދިފައެވެ.

އޭގެ ތެރޭގައި ބިޑާ ބެހޭގޮތުން އެސްޖޭއިން ހުށަހެޅި މައްސަލައާ ގުޅިގެން ފިނޭންސް މިނިސްޓްރީގެ ބީލަމުގެ މައްސަލަ ބަލާ މުސްތަގިއްލު ރިވިއު ކޮމެޓީގެ 2023 ވަނަ އަހަރުގެ 41 ވަނަ ބައްދަލުވުމުން ނިންމި ނިންމުމާއި، އެ ނިންމުމާ ގުޅިގެން އަލުން ޕްރޮޕޯސަލްތައް ބަލައި އިވެލުއޭޓްކޮށް ނެޝަނަލް ޓެންޑާ ބޯޑުން ނިންމި ނިންމުމުގެ އިތުރުން މުސްތަގިއްލު ރިވިއު ކޮމިޓީގެ ނިންމުމާ ގުޅިގެން ނޭޝަނަލް ޓެންޑަބޯޑުން އަލުން އިވެލުއޭޓްކޮށް ނިންމި ނިންމުމަށް ވާސިލްވުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ދީފައިވާ ލަފައެވެ.

މި މައްސަލަ ބެލުމަށްފަހު ސިވިލްކޯޓުން ކުރި ހުކުމުގައި ވަނީ، އެސްޖޭއިން އެދިފައިވާ ލިޔުންތަކުގެ ތެރެއިން، ބިޑާ ގުޅިގެން މުސްތަގިއްލު ރިވިއު ކޮމިޓީގެ ހުސްވި އަހަރުގެ 41 ވަނަ ބައްދަލުވުމުން ނިންމި ނިންމުން ހަތް ދުވަހުގެ ކުރިން އެސްޖޭއަށް ދިނުމަށް އަމުރު ކޮށްފައެވެ. އެ ލިޔުންތައް އެސްޖޭއިން ބޭނުން ކުރަންވާނީ އެސްޖޭއިން ހުށަހަޅަން ގަސްތުކުރާކަމަށް މި ގަޒިއްޔާގައި ބަޔާން ކޮށްފައިވާ ދައުވާއާ ގުޅޭގޮތުން އެކަނި ކަމަށް ކަނޑައަޅައި އެ ލިޔުންތައް އެހެން ފަރާތަކަށް ހާމަ ނުކުރުމަށް ވެސް އެސްޖޭގެ މައްޗަށް ވަނީ އަމުރު ކޮށްފައެވެ.