މި ދައުރުގައި ތ. އަތޮޅުގައި ގިނަ ރިސޯޓުތަކެއް ތަރައްގީކޮށްދެއްވާނެ ކަމަށާއި މިއަހަރުގެ ތެރޭގައި އެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ސޯޝަލް މީޑިއާގައި ގެނެސްދޭ "ރައީސްގެ ޖަވާބު" ސިލްސިލާގައި މިއަދު ކުރި ޕޯސްޓުގައި ވަނީ ރައީސް މިހާރު ތ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ވޭމަންޑޫ ޒުވާނަކާ ބައްދަލުކުރައްވައި ސުވާލު ކުރުމުގެ ފުރުސަތު ދެއްވާފައިވާ ވީޑިއޯއެކެވެ. އޭނާ ވަނީ އެ އަތޮޅުގައި ރިސޯޓްތައް މަދުވުމުގެ ކަންބޮޑުވުން ރައީސާ ހިއްސާކޮށް، އެކަމަށް މި ސަރުކާރުން މަސައްކަތް ކުރާނެތޯ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ޒުވާނުންނަށް އާމްދަނީގެ ފުރުސަތު ފަހިކޮށްދިނުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި ހާއްސަކޮށް ޓޫރިޒަމް ދާއިރާއިން އެފުރުސަތު ފަހިކޮށްދިނުމަށް މި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.

"މިހާރު މި އޮންނަނީ އެންމެ ރިސޯޓެއް. ވަރަށް ގިނަ ރިސޯޓުތަކެއް މި ދައުރުގެ ތެރޭގައި ގެންނާނަން. ވަރަށް ޔަގީންކަން ދެން. ދެން މިއޮތީ އެއާޕޯޓް. ދެ އެއާޕޯޓް ހެދިގެން ދާނެ. އެއީ ގުރައިދޫ އާއި ވިލުފުށީގައި،" ރައީސް ވިދާޅުވިއެވެ.

"ތިން އެއާޕޯޓު އައުމުން ކަނެކްޓިވިޓީ އިތުރުވެގެން އެބަދޭ. މުޅި އިގުތިސާދަށް ގެންނަން މި މަސައްކަތްކުރާ ކުރިއެރުމުގެ ސަބަބުން އިންވެސްޓަރުން ރާއްޖެ އަންނަވަރު ގިނަވާނެ،" ރައީސް ވިދާޅުވިއެވެ.

މިހާރު ކުރިއަށްދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ނިންމުމުން ފަތުރުވެރިން އަންނަ މިންވަރު އިތުރުވާނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

"ވަރަށް ޔަގީން މިއަހަރުވެސް ފެށޭވަރު ވާނެ. މި ފަސް އަހަރު ތެރެއަށް ބަހާލައިގެން ހަމަ ގިނަ ރިސޯޓުތަކެއް މުޅި އަތޮޅުގެ އެކި ހިސާބަށް، އެކި ދާއިރާތައް ކަވަރުވާ ގޮތަށް ގެނެސްދޭނަން،" ރައީސް ވިދާޅުވިއެވެ.

ތ. އަތޮޅުގެ ޒުވާނުންނަށް ރަށާ ކައިރި ރިސޯޓުތަކަށް ވަޒީފާއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށާއި އެ މަންޒަރު ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.