''ކީއްވެ؟...'' ނާލާގެ ދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. ރުޅިވެސް އަތުވެއްޖެއެވެ.

''ރުހައިމް ބޭނުންވާތީ...'' ޖެހުލުމެއް ނެތި ޔަޝްފީ ހާމަކޮށްލިއެވެ. އޭނަގެ މޫނުމަތިން ފާޅުވަމުން ދިޔައީ މަލާމާތެވެ. ކުރެވުނު ކަންތަކާ މެދު ފަހުރުވެރިވެފައިވާ ހާލު އޭނަ ނާލާއަށް ހިނިތުންވެލިއެވެ.

''ދެމަފިިރިއެއްގެ ދެމެދަށް ވަނުމަކީ ކޮންކަހަލަ ކަމެއްކަން ޔަޝްފީއަށް ނޭނގުނުތަ؟...'' ނާލާއަށް ބުނެވުނެވެ. އޭނަ ހުރީ ރުހައިމްގެ ކުށެއް ނެތްކަން އެނގުމުން ދެރަވެފައެވެ. ރުހައިމްއާއި މެދު ކަންތައް ކުރެވުނު ގޮތުންނެވެ. ރުހައިމްގެ ހިތުގައި އޭނައަށް ޖެއްސިފައިވާ މިންވަރު އަންދާޒާކުރަންވެސް ދައްޗެވެ.

ޔަޝްފީގެ ވާހަކަތަކުން ރުހައިމްގެ ކުށެއް ނެތްކަން ނާލާއަށް ޔަގީންކުރެވުނެވެ. އޭނައަށް އެކަމާ މެދު ކުރިން ވިސްނާނުލެވުނީ ކީއްވެގެން ހެއްޔެވެ؟ ނިންމުންތައް ނިންމުމުގެ ކުރިން ހުރިހާކަމެއްގެ ހަގީގަތް ހޯދަން މަަސައްކަތް ނުކުރެވުނީ ކީއްވެގެން ހެއްޔެވެ؟ ރުހައިމްއަށް އިތުބާރުނުކުރެވުނީ ކީއްވެހެން ހެއްޔެވެ؟ ޔަޝްފީގެ ރޭވުންތެރިކަން ވެސް މޮޅީއެވެ. އޭނަގެ ހިތުގައި ރުހައިމްއާއި މެދު ޝައްކުގެ އޮށް އިންދާފައި ވަނީ ވެސް ނިކަން ފުރިހަމައަށެވެ.

''އަހަރެން ބޭނުންވީ ރުހައިމް... އަހަރެންގެ މަގުސަދު ހާސިލް ވިޔަސް އަދިވެސް ރުހައިމްގެ ހިތެއް އަހަންނަކަށް ނުލިބޭ، އެވެސް ކަލެއާ ހެދި...'' ރުންކުރުކަމާއެކު ޔަޝްފީ ބުނެލިއެވެ. ނާލާގެ ބޮލުގައި އޮތް ފޮތިކޮޅުގައި ވެސް ހިފާ ދަމައިގަތެވެ. ''ކަލޭ ތިހުރި ސިފަ ލޯގަނޑުން ބަލައިލިންތަ!... ތި ހުތުރު ސިފައިގައި ހުއްޓާ ވެސް ރުހައިމްއަށް ކަލޭ ނޫން މީހަކު ނުފެންނަނީ ކީއްވެ!...''

ނާލާގެ ސިފައަށް މާލާމާތްކޮށް ބަދުބަސްތައް ބުނަމުން ޔަޝްފީ ދިޔައެވެ. އޭނަ ބެނުންވީ ނާލާއަށް އިތުރު ހިތްދަތިކަމެއް ދޭށެވެ. އެކަމުން އޭނަގެ ހިތަށް ފިނިކަން ލިބުނެވެ. ނާލާގެ ލޮލުން ފައިބަން ފެށި ކަރުނަތަކުން އޭނައަށް ހަމަޖެހުން ގެނެސްދިނެވެ.

''ކަލޭ ހީކުރާކަހަލަ ފުރިހަމަ ލޯތްބެއް ނެތް ތިދެމެދުގައެއް، އެހެން ނޫންނަމަ މިދުވަސް ދެކެން ވެސް ނުޖެހުނީސް، އަހަރެން ހީކުރީ ކަލޭ އެވާހަކަަތައް ގަބޫލުނުކޮށްފާނެކަމަށް، ފުރަތަމަ ނުތަނަވަސްކަން ވެސް އުފެދުނު، އެކަމަކު ކަލޭގެ ސިކުނޑިއާއި ކުޅެލުން އަހަންނަށް ވީ ފަސޭހަކަމަކަށް، ތިދެމެދުގައި އޮތް އިތުބާރު ވެސް ނަގާލެވުނީ ފަސޭހައިން... ކަލޭ ތީ މީހުން ބުނާ ކޮންމެ ވާހަކައެއް ގަބޫލުކުރާނެ ފަދަ މޮޔައެއް... ހެހެހެ.... ކަލޭ މިވާހަކަތައް ރުހައިމްއަށް ބުނެދިނަސް އަހަންނަށް ހެޔޮ!... ކަލޭގެ އަތުގައި ވަގުތެއް ވެސް ނެތް!...'' މަލާމާތުގެ ހިނިގަނޑެއް ޖަހާލަމުން ޔަޝްފީ ބުނެލިއެވެ. އަދި ނާލާ ފަހަތަށް ކޮށްޕާލިއެވެ.

ނާލާއަށް ހީވަނީ އޭނަ ވަށައިގެންވާހާ މަންޒަރެއް އެނބުރެމުންދަ ހެންނެވެ. ކަންފަތަށް އިވެމުން ދިޔައީ ޔަޝްފީގެ މަލާމާތުގެ ބަސްތަކެވެ. ހިމޭންކަމުގެ ދުލުން ރުހައިމްގެ ނަން ވެސް ނާލާއަށް ބުނެލެވުނެވެ. މޭގައި ނާލާއަށް ފިރުމާލެވުނެވެ.

*****

ނަރުސްކުއްޖަކާ އެކުގައި ކޮޓަރިއާއި ހަމައަށް ނަދީމާއަށް އާދެވުނު އިރު އެދިމާއަށް ދުވެފައި އައި ރުހައިމް ވެސް ލޮލުގައި އަޅައިގަތެވެ. ވަގުތުން ނަދީމާގެ މޫނު ބަނަވެއްޖެއެވެ. ނުރުހުމާއެކު ލުޔޫންއަށް ވެސް ބަލާލިއެވެ. ދަތްކުނޑިވިކައިގަނެވުނީ އައި ރުޅީގެ ސަބަބުންނެވެ. ރުހައިމްއަށް ހަޅޭއްލަވައިގަންނަން ބޭނުން ވިޔަސް މިވަގަތު ނަދީމާއަށް މުހިންމުވީ ދޮރު ހުޅުވުމެވެ. ނާލާގެ ގާތަށް ދިއުމަށެވެ. އެއަށްފަހު ރުހައިމްއާއި އޭނަ ކުރިމަތިލާނެއެވެ. ލުޔޫންއަށް އޭނަގެ ނިންމުންތަކަށް ގޮންޖެހުމުގެ އަދަބު ވެސް ދޭނެއެވެ.

ނަދީމާ ފެނި ރުހައިމް ފަސްޖެހޭ ގޮތް ވިއެވެ. ނަމަވެސް އޭނަ ބެނުންވީ ޔަޝްފީ ގޮވައިގެން އެތަނުން ދާށެވެ. ޔަޝްފީގެ ނަން މަނާލްގެ ދުލުން އިވުނީއްސުރެން އޭނަގެ ހިތުގައި އުފެދިފައިވަނީ ހައިޖާންގަނޑެކެވެ. ފަހަރެއްގައި ވެސް އޭނަގެ ފަހަތުން ޔަޝްފީ އައިސްދާނެ ކަމަކަށް އޭނަ ހިޔެއް ނުކުރެއެވެ. ޔަޝްފީއަށް އެތަނަނަށް އަންނަން އެނގުނު ގޮތަކާއި މެދުގައި ވެސް ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. އޭނަގެ ހިތް ހާސްކަމުން ވަށާލާފައިވަނީ ޔަޝްފީގެ ފަރާތުން ނާލާއަށް އަނިޔާއެއް ލިބިދާނެތީއެވެ. މަނާލްގެ ވާހަކަތަކުން އޭނަގެ ހިތް ތެޅިލީ ވެސް އެހެންވެއެވެ. ޔަޝްފީ އަންނަ ސިނގުރުޅިގަނޑު އޭނައަށް ވަނީ ފެނިފައެވެ.

*****

''ކަލޭ މަރުވާންވީ... އޭރަށް އަހަންނަށް ރުހައިމް ލިބެން އޮތީ...'' ރުޅިވެރިކަމާއެކުގައި ޔަޝްފީ ބުންޏެވެ. އެއަށްފަހު އޭނަ ހިފައިގަތީ ނާލާގެ ކަރުގައެވެ. ނާލާއަށް ތެޅިގަނެވުނެވެ. ޔަޝްފީގެ އަތުގައި ހިފަން އޭނަ މަސައްކަތްކުރިއެވެ. ކަރަށް އަރައިގެން ދިޔަ ވާން ކަމާއެކުގައި ނޭވާ އުފުރިގެން ދިޔަ ހެން ވެސް ހީވިއެވެ. ނާލާގެ ދެލޯ ބޮޑު ވެއްޖެއެވެ. އޭނައަށް މަޑުމަޑުން ޔަޝްފީއަށް ގޮވާ ލެވުނެވެ. އޭރު ނާލާގެ ނޭފަތުން ލޭ ފައިބަން ފަށައިފިއެވެ.

''ޔަޝްފީ!...'' އިވުނީ ރުހައިމްގެ ބާރު ހަޅޭކުގެ އަޑެވެ. މުޅި ތަންވެސް ގުޑައިގެން ދިޔަ ފަދައެވެ. ޔަޝްފީ ދިޔައީ ސިއްސައިގެންނެވެ. ފަސްއެނބުރި އޭނައަށް ބަލާލެވުނު ހިނދު، ބާރުބާރަށް ހިނގާފައި އައި ރުހައިމް އޭނަގެ އަތުގެ މުލައްދަނޑީގައި ހިފާ ލުއްކިއެއްޖަހައިފިއެވެ. ހަމަހޭވެރިކަން ޔަޝްފީއަށް ވީ ދެނެވެ. ހާސްކަން ނަފުސަށް ލިބިގެން ދިޔައެވެ. ރުޅީގައި އޭނަ މުޅިން ބޭޒާރު ވެއްޖެކަން ވެސް ރޭކާލީ ދެނެވެ. ތެޅިތެޅި އޮތް ހިތަކާއެކު އޭނައަށް ބަލާލެވުނީ ނާލާ އަށެވެ.

''ދަރިފުޅާ...'' ނަދީމާއަށް ނާލާގެ ގާތަށް ދެވުނެވެ. އޭނައަށް ނާލާގެ ގައިގައި ހިފަހައްޓާލެވުނެވެ. ނޭވާލާން އުނދަގޫވެފައި ހުރި ނާލާއަށް ބެލެމުން ދިޔައީ ރުހައިމް އަށެވެ. އެދެލޯ ވަނީ ފެންކަޅި ވެފައެވެ.

ނާލާގެ ނޭފަތުން ފައިބަމުން ދިޔަ ލޭ ފޮހެން ލުޔޫން ޓިޝޫއެއް ދިއްކޮށްލިއެވެ. އޭނަ ވެސް ހުރީ ޔަޝްފީގެ އަމަލުތައް ފެނި ސިހިފައެވެ.

''މި ދެން ކިހާ ދެރަވެއްޖެ ކަމެއް!، ކަލޭ ކައިރީ އަހަރެން ބުނިންދޯ ނާލާއާއި ބައްދަލުކުރުމުގެ ހައްގެއް ކަލެއަކަށް ނޯންނާނެޔޭ... ކަލޭގެ ފަރާތުން ސަލާމަތްވާން ވެގެން އުފަން ގައުމު ދޫކޮށް ދާން ޖެހުނީ ވެސް، އެވަރުން ވެސް ކަލެއަށް އެއްޗެއް ވިސްނުނު ކަމަކަށް ނުވިއެއްނު... ކަލޭގެ ބޭނުމަކީ ކޮބާތަ!، ނާލާ ދުނިޔޭގައި ހުރީތީ އުނދަގޫ ވާތީތަ އެ އަންހެނާ ފޮނުވީ!... ހަމަ މިހާރު މިތަނުން ނިކުމޭ...'' ނާލާ އެނދުގައި ބައިންދަމުން ރުހައިމްއާއި ނަދީމާ ކުރިމަތިލިއެވެ. އައިސްފައި ހުރި ރުޅީގެ ސަބަބުން އޭނަގެ ހަށިގަނޑުގައި މަޑު ތުރުތުރުލުމެއް އެކުލެވިފައި ވިއެވެ.

ނާލާއާ މެދު ކަންބޮޑުވެފައި ހުރުމުން ރުހައިމްއަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނެވެ. ނަމަވެސް އޭނަގެ ކުރި ބެއްދީ ނަދީމާ އެވެ.

''ކަލޭގެ ކޫޑި ގޮވައިގެން މިތަނުން ނިކުންނާށޭ މިބުނީ...'' ދޮރާ ދިމާއަށް އިޝާރާތްކުރަމުން ނަދީމާ އަމުރުކުރިއެވެ.

ކަންބޮޑުވުމާއެކު ނާލާއަށް ބަލަން ރުހެއިމްއަށް ހުރެވުނީއެވެ. އެވަގުތު އޭނަގެ ކަންފަތުގައި ގުގުމާލީ ޕާކުން ދިމާވެ ނާލާ ބުނި ޖުމްލައެވެ. އޭނައަށް އެތަނުގައި މަޑުކުރުމުގެ ހައިސިއްޔަތެއް ނެތެވެ. ނާލާ ވާނީ އެވަރު އޭނައަށް ބުނެދީފައެވެ. އޭނައަކީ ނާލާގެ ހަޔާތުން އިރުއޮއްސިފައިވާ ބާބަކަށްވެ ނިމިއްޖެއެވެ.

''މަންމާ...'' ނަދީމާގެ އަޑުގަދަވެގެން މީހުން އެތަނަށް އެއްވާން ފެށުމުން ލުޔޫން ކަންބޮޑުވެއްޖެއެވެ. އޭނަ ބޭނުންވީ މަންމަ ހަމައަކަށް އަޅުވާށެވެ.

''ލުޔޫން އަހަންނާ ވާހަކަ ނުދެއްކިޔާ ރަނގަޅީ... މިހުރިހާ ކަމެއްގެ ޒިންމާ ލުޔޫން ވެސް ނަގަން ޖެހޭނެ، އަހަރެން ބުނާ ގޮތަށް ކަންތައް ނުކުރެވެނީ ކީއްވެގެންތަ؟...'' އަތުގެ އިޝަރާތުން ވާހަކަނުދެއްކުމަށް ލުޔޫންއަށް ނަދީމާ އަމުރުކުރިއެވެ.

''ބަލަ އަދިވެސް ހުންނަނީތަ!، މިބުނީނު ނިކުންނާށޭ!!!...'' ނަދީމާ ހަޅޭއްލަވައިގަތެވެ.

ރުހައިމް ނާލާއަށް ފުރަގަސް ދިނެވެ. އަދި ޔަޝްފީގެ އަތުގައި އޭނަ ހިފިއެވެ. އޭނަ ޔަޝްފީއާއި ބަދަލުކޮށްލި ނަޒަރުގައި ވަނީ ރުޅިވެރިކަމެވެ. ޔަޝްފީ އޭރު ހުރީ ފިނިވެފައެވެ.

''ރުހައިމް!...'' ނާލާއަށް އަވަސްއަވަހަށް ބުނެވުނެވެ. ރުހައިމް ދިއުމުގެ ފުރުސަތެއް ނާލާ ނުދިނެވެ. ކޮޅަށް ތެދުވަމުން ގޮސް ރުހައިމްގެ އަތުގައި އޭނަ ހިފެހެއްޓިއެވެ. ރުހައިމް ދިއުމުގެ ފުރުސަތު ދީފިނަމަ އަމިއްލަ ނަފުސަށް ދުވަހަކު ވެސް މައާފެއް ނުކުރެވޭނެއެވެ. ރުހައިމް އޭނަދެކެ ވާ ލޯބި ނާލާއަށް ވަނީ އިހުސާސްކުރެވިފައވެ. ހަގީގަތް ހާމަވުމަށްފަހު އެލޯތްބަށް އޭނަ ފުރަގަސް ދޭނީ ވެސް ކިހިނެއް ހެއްޔެވެ؟ އެއީ އޭނަގެ ހިތުގެ ވިންދެވެ. ޖިސްމުގެ ދިރުމެވެ. އެލޯތްބާ ނުލާ ވޭތުކުރި ކޮންމެ ދުވަހަކީ ހިތްދަތިކަމުން ފުރިގެންވި ދުވަސްތަކެކެވެ. ދެނެއް ރުހައިމްއާއި ދުރުގައި އޭނައަކަށް ކެތެއްނުކުރެވޭނެއެވެ.

''ނާލާ...'' ނަދީމާ ރުންކުރު ވިއެވެ. އޭނަ ނާލާގެ އަތުގައި ހިފިއެވެ. އަދި ރުހެއިމްގެ އަތާއި ވަކިކޮށްލިއެވެ.

''ޕޮލިހަށް ނުގުޅަނީސް ނިކުންނަން އުޅޭ!...'' ނަދީމާ ފަހުގެ އިންޒާރު ދިނެވެ.

''މަންމާ...'' ނާލާއަށް އާދޭސްކުރިއެވެ. ''ރުހައިމްއާ ދިމާއަށް އެއްޗެހި ނުގޮވާ...''

''ނާލާއަށް ކިހިނެއް ވެފަތަ ތިހިރީ؟، އޭނަ ކަންތައް ކުރި ގޮތް އެހާ އަވަހަށް ހަނދާން ނައްތާލީތަ؟...'' ނަދީމާގެ ރުޅީގެ ރޯޅިތައް ނާލާއަށް ވެސް އަމާޒު ވިއެވެ. ހިތްހަމަނުޖެހުމާއެކު ނާލާ ދުރަށް ވެސް ގެންގޮސްފިއެވެ.

''މަންމާ، ވެދިޔަ ކަންތަކުގައި ރުހައިމްގެ ކުށެއް ނުވެޔޭ... ހުރިހާ ކަމެއް ކުރީ ޔަޝްފީއޭ...'' ނާލާ ބުންޏެވެ. އެއާއެކު އެންމެންގެ ނަޒަރު ހުއްޓިގެން ދިޔައީ ޔަޝްފީ އަށެވެ. މުޅި މީހާ ފިނިވެގެން ދިޔަ ވަގުތެކެވެ. ސުވާލުން ފުރިގެންވި ރުހައިމްގެ ނަޒަރު ހުއްޓުމުން ހިންދިރުވާލަން ވެސް ޔަޝްފީއަށް އުނދަގޫ ވެއްޖެއެވެ. އަތުގައި މަޑު ތުރުތުރުލުމެއް ވެސް އުފެދުނެވެ.

ކޮންމެ މީހެއްގެ ނަޒަރުގައި ވަނީ ސުވާލު މާކުތަކެވެ. މުޅި މާހައުލުގައި ވަނީ ހިމޭންކަމެވެ.

''ކީއްވެ އެއްޗެއް ނުބުނެ ތި ހުންނަނީ... އަހަންނަށް އޭރު ބިރުދެއްކި އިރު ހީވަނީ އެހެން މީހެއް ހެން!، މިހާރު ކިހިނެއް ވެފަ ތިހުރީ... މިހާރު ޖެހިލުންވަނީތަ؟...'' ޔަޝްފީގެ ކުރިމައްޗަށް ނާލާ ހުއްޓުނެވެ. އެހިތުގައި ޔަޝްފީއާ މެދު ވަނީ ރުޅިވެރިކަމެވެ. ޝަކުވާއެވެ.

''ކީ...ކޭ ތިކިޔަނީ!...'' އަޅައިގަންނަމުން ޔަޝްފީ ބުނެލިއެވެ. މޭގަނޑު ވަނީ ފިނިވެފައެވެ. މޫނުގައި ވަނީ ދަލުގެ އަސަރެވެ. ހުއްޓިފައިވާ ނަޒަރުތަކުން ބިރުން ގޮސް ހިތުގެ ތެޅުން ވެސް އަވަސް ވެއްޖެއެވެ. ބޭޒާރުވާން އުޅޭކަމުގެ ކޮޅުމަތި ފެންނަން ފެށިއެވެ. ހާއްސަކޮށް ރުހައިމްގެ ބެލުމުގައިވި ކުލަވަރުތަކުން އޭނައަށް ނޭވާ ހިފަހައްޓާލަން މަޖުބޫރު ވެއްޖެއެވެ.

''އަދިވެސް އޮޅުވާލެވޭތޯ ތިއުޅެނީ... އަހަރެން ބުނެދީފާނަން... ރުހައިމް...'' ނާލާ ރުހައިމްއަށް ގޮވާލިއެވެ. ދެޒުވާނުންގެ ހަތަރުކަޅި ބައްދަލުވިއެވެ.

''އެރޭ ތި ދެމެދުގައި ހިނގިކަމެއް ހިނގީ ޔަޝްފީގެ ނުބައި ރޭވުމުގެ ދަށުން، އޭނަ ބޭނުންވީ ރުހައިމްއާއި އަހަރެން ދުރުކުރަން...'' ނާލާ ބުނެލިއެވެ. ރުހައިމްގެ މޫނަށް ރުޅިވެރިކަން ވެރިވިއެވެ. އޭނަ ޔަޝްފީއަށް ނުރުހުމާއެކު ބަލާލިއެވެ. ވެދިޔަ ކަންތަކާ މެދު ކުރިން ވެސް ހިތުގައި ޝައްކު އޮތެވެ. ނަމަވެސް އަމިއްލަ ނަފުސަށް އޮތް އިތުބާރު ގެއްލުމުން ޔަޝްފީގެ ވާހަކަތަކަށް އިތުބާރުކުރެވުނީއެވެ.

''ޔަޝްފީ!...'' ރުހައިމް ބާރަށް ގޮވާލިއެވެ. ޔަޝްފީ ދިޔައީ ސިހިގެންނެވެ.

''އަހަރެން ކުރިކަމެއް ކުރީ ރުހައިމްގެ ލޯބި ހޯދަން...'' ޔަޝްފީ އެންމެފަހުން އެއްބަސްވެއްޖެއެވެ. ހުރިހާ ދިމާއަކުން ފިތި ބާރުވުމުން އޭނަ ކަންތައް ކުރި ގޮތް ވެސް އިސްޖަހައިގެން ހުރެ ކިޔައިދީފިއެވެ. އެދެލޮލުގައި ވަނީ ކަރުނައިގެ ވިދުމެވެ.

ޔަޝްފީއާއި ދިމާއަށް ރުހައިމްއަށް ފިޔަވަޅެއް އަޅާލެވުނެވެ. އެވަގުތު ރުހައިމްގެ އަތުގައި ހިފީ ނާލާ އެވެ. ރުހައިމް އައިސްފައި ހުރި ރުޅި ނާލާއަށް އަންދާޒާ ކުރެވުނެވެ. ރުޅިއަށް ތަބާވުމުގެ ފުރުސަތު ރުހައިމްއަށް ނާލާ ނުދިނެވެ.

ނަދީމާ ހުރީ ބުނާނެ އެއްޗެއް ނޭނގި ބަސްހުއްޓިފައެވެ. ލުޔޫން ވެސް އިނީ ކަންފަތަށް އިވުނު ވާހަކަތައް ގަބޫލުނުކުރެވިފައެވެ. ޔަޝްފީގެ ނުބައި ކަމާއެވެ. ލޯބިވާ ދެމަފިރިއެއްގެ ހަޔާތަށް ޒަހަރުލައިގެން ހުރި ނާގަ ހަރުފައެކެވެ.

''ރުހައިމް...'' ނާލާގެ ގާތަށް ދިޔަ ރުހައިމްގެ އަތުގައި ޔަޝްފީއަށް ހިފާލެވުނެވެ. ވަގުތުން ރުހައިމް އެއަތް ފޮޅުވާލައިފިއެވެ. ރުހައިމްގެ ނަޒަރުގައި ވަނީ އިންޒާރެވެ. ޔަޝްފީއަށް އިތުރަށް ރޮވުނެވެ. އޭނަ މުޅިން ބަދުނާމުވެއްޖެކަމުގެ އިހުސާސްކުރެވުނެވެ. އެއާއެކު ނާލާދެކެ އިތުރަށް ރުޅިއަންނަ ގޮތް ވިއެވެ. ހުރިހާ ކަމެއް ގޯސްވީ ނާލާގެ ސަބަބުންނެވެ. ރުޅި ކޮންޓްރޯލް ނުވެ ހަގީގަތް ބޭޒާރުވީވެސް ނާލާގެ ސަބަބުންނެވެ.

''ކަލޭ ވަރަށް އުފަލުން ދޯ ތިހިރީ!... ކަލޭ ކިތަންމެ ވަރެއް ވިޔަސް ރުހައިމްގެ ދަރިއެއް އަހަރެން ބަނޑުގައި މިވަނީ، އަހަރެންގެ ރޭވުމުގެ ދަށުން ހިނގި ގުޅުމަކަސް ދަރިފުޅުގެ ނަސްލު ކަލެއަށް ބަދަލެއް ނުކުރެވޭނެ... ރުހައިމް... ޕްލީޒް އަހަރެން ރުހައިމް ދެކެ ލޯބިވާތީއޭ އެހެން ކަންތައް ކުރީ... ކީއްވެތަ ރުހައިމްއަށް އަހަރެން ނުފެންނަނީ... ޕްލީޒް...'' ރުހައިމްގެ ލޯތްބަށް ޔަޝްފީ އެންމެފަހުން ސަލާންޖަހަން ފެށިއެވެ. އޭނަގެ ލޯތްބަށް ހިތި ނިމުމެއް އައުމުން ގަބޫލެއް ނުކުރެވުނެވެ. ނާލާއަށް ނަސްރު ލިބޭ މަންޒަރު ބަލަން އޭނައަށް ކެެތެއް ނުކުރެވުނެވެ.

''ހާދަ ގޮތެއް ފޮތެއް ނެތް އަންހެނެކޭ، ދެމަފިރިއެއްގެ ދިރިއުޅުން ބަރުބާދުކޮށްލައިގެން ކަލެއަށް އުފަލުގައި އުޅެވޭނެ ކަމަށްތަ ކަލޭ ހީކުރީ؟... ކަލޭ ހަމަ މިހާރު މިތަނުން ނިކުމޭ...'' ހަގީގަތް އެނގުމުން ޔަޝްފީ ދެކެ ނަދީމާ އައީ އަމަށަކު ރުޅިއެއް ނޫނެވެ. ރުހައިމްއަށް ހިތާހިތުން މައާފުވެސް ކޮށްލެވުނެވެ.

''ބަލަ އަދި ވެސް ހުންނަނީތަ... ނިކުންނާށޭ...'' ލުޔޫން ބުނެލިއެވެ. އަދި ޔަޝްފީގެ އަތުގައި ހިފަމުން ގަދަކަމުން ބޭރަށް ނެރުނެވެ.

ރުހައިމް ހުރީ ޔަޝްފީއަށް ފުރަގަސް ދީގެންނެވެ. ވެފައި ހުރި ދެރައިންނާއި ރުޅީގެ ސަބަބުން އޭނައަށް ޔަޝްފީއާއި ރީތިކޮށް ވާހަކަ ނުދެއްކިދާނެތީ ރުހައިމް ހުރީ ހިމޭނުންނެވެ. ޔަޝްފީއާއި ދައްކަން ހުރި ވާހަކަތައް ފަސްކޮށްލެވުނީ ވެސް އެހެންވެއެވެ. ރުޅި ފިނިވެލުމުން މެނުވީ އޭނައަށް ޔަޝްފީއާއި ކުރިމައްޗެއް ނުލެވޭނެއެވެ.

''ކޮންފަދަ ނުބައި ކުއްޖެއް...'' ޔަޝްފީ ބޭރަށް ނެރުމާއެކު ނަދީމާއަށް ބުނެވުނެވެ. ރުހައިމްއާ މެދު ކަންތައް ކުރެވުނު ގޮތުން ރުހައިމްއާ ކުރިމަތިލާން ނަދީމާ ލަދު ވެސް ގަތެވެ. ބުނެވިފައިވާ ބަސްތައް ހަނދާނަށް އަންނަން ފެށިއެވެ. ނާލާއާއި ރުހައިމްއަށް އެކަނިވުމުގެ ފުރުސަތު ދެމުން ނަދީމާ ހިނގައިގަތީ ބޭރަށް ނިކުތުމަށެވެ.

*****

''ޔަޝްފީ!...'' ބާރު ފިޔަވަޅުތަކުގައި ހިނގަމުން ދިޔަ ޔަޝްފީއަށް ހުއްޓެވުނީ މަނާލްގެ އަޑަށެވެ. ފަސްއެނބުރި ބަލައިލަމުން އޭނަ މޫނު ހަދާލިއެވެ.

''މުސީބާތެކޭ!... ކަލޭމެން މަގޭ ފަރާތުން ބޭނުންވަނީ ކޮންކަމެއްތަ؟...'' ޔަޝްފީގެ ހިތަށް ލިބިފައިވި ވޭން ޚިޔާރުކުރީ ރުޅިވެރިކަމެވެ. ނާކާމިޔާބީގެ ހިތިރަހަ ރަނގަޅަށް ވެސް އަރުގައި އަށަގެންފިއެވެ.

''ކުރެވުނު ކަންތަކާ މެދު ޔަޝްފީ ދެރަވެސް ނުވޭތަ؟...'' މަނާލް އެހިއެވެ.

''އަހަރެން ގޯސްކަމެއް ނުކުރަން، އަހަރެން މަސައްކަތް ކުރީ ލޯބި ހޯދަން، އެހެން ނޫނަސް އަހަންނާއި ތި ސުވާލުކުރަން ކަލޭ ތީ ކާކު، ނާލާގެ ޕަޕެޓެއްތަ؟... ދާން އުޅޭ މަގޭ ކުރިމަތިން...'' ދަތްކުނޑިވިކަމުން ޔަޝްފީ ބުނެލިއެވެ.

''ޔަޝްފީއަށް ދުވަހަކު ވެސް ރަނގަޅު ގޮތް ނުވިސްނޭނެކަން އަހަންނަށް ޔަގީންވެއްޖެ...'' ޔަޝްފީއާއި މެދު މަނާލްގެ ހިތް ހަމްދަރުދީއިން ފުރުނެވެ. ޔަޝްފީއަށް މަގު އޮޅިފައި އެވަނީ އަލިކަމާ ހަމައަށް ނާދެވެނެ ވަރަށެވެ. ޔަޝްފީ ހިތުގައި ވަނީ ކަޅުކަމެވެ. ނަސޭހަތަކުން ޔަޝްފީއަށް ލިބޭނެ އެއްވެސް މަންފާއެއް ނެތެވެ.

''ކަލޭ ދަރުސް ދޭން ދާންވީ އެހެން މީހެއްގެ ކައިރިއަށް...'' ލޯއަޅައިގެން ހުރެ ޔަޝްފީ ބުނެލިއެވެ.

''ގަދަކަމުން ލޯތްބެއް ނުލިބޭނެކަން ޔަޝްފީއަށް މިހާރު ވިސްނިއްޖެކަމަށް ހީކުރަން!...'' އިތުރަށް ވާހަކަ ދިގުކުރުމުގެ މަގުސަދެއް މަނާލްއަކަށް ނުފެނުނެވެ. އޭނަ ދާން ހިނގައިގަތެވެ. ހުއްޓެވުނީ އޭނައާ ދިމާއަށް ޔަޝްފީ ބަދުބަހެއް ބުނުމުންނެވެ. އަޅާލުމެއް ނެތި މަނާލް ދިޔައީއެވެ.

*****

''އާރ ޔޫ އޯކޭ...'' ހިމޭންކަމުގެ ސުކޫތަކަށް ފަހު ރުހައިމް ބުނެލިއެވެ. އޭނަ ހުރީ ނާލާއާ މެދު ކަންބޮޑުވެފައެވެ. ކަރުގައި ރަތްވެފައި ހުރި ނިޝާންތައް ފެނި ރުހައިމްއަށް ކުރިއަށް ޖެހިލެވުނެވެ. ކަންބޮޑުވުމާއެކު ނާލާގެ މޫނަށް ބަލާލިއެވެ.

''ނާލާ...'' ރުހައިމް އޭނަގެ އަތްތިލަ އުފުއްލާލިއެވެ. އެހަށިގަނޑުގައި ބީހުމުގެ ހުއްދައަކަށް އެދޭ ފަދައަކުންނެވެ. ނާލާ ބޯޖަހާލިއެވެ. ކަރުގައި ދިލަ ނަގަމުން ދިޔަ ހިސާބުން ރުހައިމްގެ އިނގިލިތަކުގެ ކުރި އިހުސާސްކުރެވުމާއެކު ނާލާގެ ހިނދުރީގައި ނޭވާ ތާށިވެއްޖެއެވެ. އިސްއުފުލައި ރުހައިމްގެ މޫނަށް އޭނަ ބަލައިލިއެވެ.

ނާލާއަށް ރުހައިމްގެ މޭގައި މޫނު ފޮރުވާލެވުނެވެ. އޭނަގެ ވޭނަށް ލުޔެއް ލިބިއްޖެކަމުގެ އިހުސާސް ނާލާއަށް ކުރެވުނެވެ. އެހިތުގައި ރުހައިމްއާއި މެދުވި ޝަކުވާތަކަށް ވެސް ނިމުން އަތުވެއްޖެއެވެ. ދެރަވީ ރުހައިމްގެ ލޯތްބަށް އޭނައަށް އިތުބާރުނުކުރެވުނީތީއެވެ. ޝައްކު ކުރެވުނީތީއެވެ. ނާލާގެ ދެލޯ ފުރެން ފެށިއެވެ.

ނާލާގެ ބުރަކަށީގައި ރުހައިމް ފިރުމާލިއެވެ. ރުހައިމްގެ އެސްފިޔަތަކުގައި ވެސް ވަނީ ކަރުނައެވެ. އެދެމެދުގައި ހިމޭންކަމުގެ ދުލުން އެތައް ވާހަކައެއް ދެކެވުނެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނައިން ދެހިތް އެކަކުއަނެކަކަށް ސާފުވެއްޖެކަން ހާމަކޮށްދިނެވެ.

''ރުހައިމް!... އަހަންނަށް މައާފުކުރާނަންތަ؟...'' ނާލާގެ އަޑު އިވުނެވެ.

''މައާފަށް އެދޭވަރުގެ ކަމެއް ނުވޭ... ޔަޝްފީއާ މެދު އަހަންނަށް ކުރިން ވިސްނާލެވުނުނަމައޭ ހިތަށް އަރަނީ...'' ރުހައިމް ބުންޏެވެ. ''މިހާރު ހަގީގަތް ވެސް ހާމްވީ... އަހަރެން މިހިރީއެއްނު ނާލާގެ ގާތުގައި...''

''އައި ލަވް ޔޫ...'' ރުހައިމްގެ މޭގައި ނާލާ މޫނު ފޮރުވާލިއެވެ. ރުހައިމްގެ މީރުވަހުން އޭނަގެ ޖިސްމަށް ދިރުން ލިބުނު ކަހަލައެވެ. އެތައް ދުވަހަކަށް ފަހު ނަފުސަށް ހަމަޖެހުމެއް ލިބުނުކަމުގެ އިހުސާސް ނާލާއަށް ކުރެވުނެވެ. ކުރިއަށްވުރެން ބޮޑަށް ނާލާގެ ހަށިގަނޑުގައި ރުހައިމް ބައްދާލިއެވެ. އަދި ލޯބިވާކަން ހާމަކޮށްދިނެވެ. އެދެހިތުގެ ސާފު ލޯބި ހާމަވެގެން ދިޔަ ވަގުތުކޮޅެކެވެ.

ނާލާ އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. ރުހައިމް ނާލާގެ ގާތުގައި އިނެވެ. އޭރު ނަދީމާ ވެސް ގެއަށް ގޮސްފިއެވެ. ބިލާލްއާއި ހަމައަށް ޚަބަރު ގެންގޮސް ދިނީ ނަދީމާއެވެ. ނާލާގެ މޫނުން އުފާވެރިކަމުގެ ހިނިތުންވުން ފެނުމުން ރުހައިމްއަށް ޝުކުރުގެ ހިނިތުންވުމެއް ބިލާލް ދިނެވެ. އެދަރިފުޅުގެ ހުރިހާ އުފަލަކާއި ގުޅިފައިވަނީ ރުހައިމްއެވެ. ކުރިމަތިވި އިމްތިހާނުތަކަށް ފަހުގައި ވެސް އެލޯތްބަށް ލިބުނު ނަސްރާ މެދު އޭނަ އުފާކުރިއެވެ.

ނާލާއާއި ރުހައިމްއަށް ވަގުތު ދޭން ލުޔޫން ވެސް ބޭރަށް ނިކުތެވެ. ނާލާއަށް އައިސްފައިވި ބަދަލުތަކުން އޭނަ ހުރީ ހިތްހަމަޖެހިފައެވެ. ނަމަވެސް ގޮންޖެހުންތައް އަދިވެސް އެބަހުއްޓެވެ. އުފާވެރިކަމުގެ ރާސްތާގައި ކަށިތައް ގިނައެވެ. އެކަމާމެދު ވިސްނާލެވުމާއެކު މާޔޫސްކަން ލުޔޫންއަށް ލިބުނެވެ. ނަމަވެސް ނާލާގެ ހިތްވަރުކަމުގައި ރުހައިމް ވަނެތީ ކުޑަ ވިޔަސް ހިތްހަމަޖެހުމެއް ހިތަށް ލިބުނެވެ.

ނާލާގެ އަތްތިލައިގައި ރުހައިމް ބޮސްދިނެވެ. ނާލާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ނަމަވެސް ރުހައިމްއާއި ހަތަރުކަޅި ހަމަކުރަން އޭނަ ޖެހިލުން ވިއެވެ. އޭނަގެ ސިފައާއި މެދު ޔަޝްފީ ބުނި ބަދުބަސްތަކުގެ އަސަރު ހިތަށް ކޮށްފައިވިއެވެ.

''ނާލާ...'' ރުހައިމް ގޮވާލިއެވެ. ''ކީއްވެ މޫނު ތިފޮރުވަނީ؟...''

''އަހަރެން މީ ކުރީގެ ނާލާއެއް ނޫނޭ...'' ދެރަވެފައި އޮވެ ނާލާ ބުނެލިއެވެ. ރުހައިމް ގޮނޑިން ތެދުވެލަމުން ނާލާގެ މަގަތުން އެނދުގައި އިށީށެވެ. އަދި ފުންނަޒަރަކުން ނާލާއަށް ބަލާލިއެވެ.

''ކޮންމެ ހާލެއްގައި ވިޔަސް ނާލާއާއެކުގައި ވާން އަހަރެން މިހިރީ ތައްޔާރަށް... އަދި ބުނަން އަހަންނަށް އަބަދުވެސް ނާލާ ރީތިވާނެ... ތި ލޯބި ފުރިހަމަވާނެ...'' އޯގާތެރިކަމާއެކު ނާލާގެ ކޯތާފަތުގައި ރުހައިމް ފިރުމާލިއެވެ. ނާލާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އޭނަ ލޮބުވެތިކަމާއެކު ރުހައިމްއަށް ބަލާލިއެވެ. އެއާއެކު ރުހައިމް ދިނީ އެފިރިހެންވަންތަ ހިނިތުންވުމެވެ. ނާލާގެ ހިތް ބާރުބާރަށް ތެޅިލިއެވެ.

*****

ހޮޓެލްއަށް ވަދެވުމާއެކު ބާރުބާރަށް ހިނގައިފައި ގޮސް ލިފްޓަށް ޔަޝްފީ އެރިއެވެ. ދުވަހުގެ ސަލާން އޭނައާއި ބައްދަލުކޮށްލި ހޮޓެލްގެ މުވައްޒަފަށް ވެސް ދެއްކީ ފުސް މޫނެކެވެ. ލިފްޓް ގޮސް ތިންވަނަ ފަންގިފިލާއަށް ހުއްޓުމާއެކު ޔަޝްފީ ބޭރަށް ނިކުތެވެ. ބާރުބާރަށް ހިނގާފައި ގޮސް ސަރައްކާލީގެ އެންމެ ކޮޅުގައި ހުރި ކޮޓަރިއަށް ވަނެވެ.

ކޮޓަރިއަށް ވަދެވުމާއެކު ފުރަތަމަ ވެސް އަތުގައި އޮތް އަތްދަބަސް އަތުގެ ކޮޅަށް ހޫރާލައިފިއެވެ. އެއަށްފަހު އެނދުގައި ހުރި ބާލީސްތައް ވެސް ކޮޅުކޮޅަށް ހޫރަން ފެށިއެވެ. ބަނާތުގައި ހިފާ ދެމީނުން ބިންމައްޗަށް ވައްޓާލިއެވެ. ރުޅިން ގޮސް މީހާ ހުރީ ހަމައިން ނެއްޓިފައެވެ. ރުހައިމް ގެއްލިއްޖެކަމުގެ ހިތި ހަގީގަތުން ލޮލުން ކަރުނަ އަންނަމުން ދިޔައެވެ.

''ނޫން!...'' ރުޅިވެރިކަމާއެކު ކަރުނަތައް ޔަޝްފީ ފޮހެލިއެވެ. އެހާ ފަސޭހައިން ބަލި ގަބޫލުކުރަން ޔަޝްފީގެ ނަފްސު ދެކޮޅުހެދިއެވެ. ރުހައިމްގެ ކުރިމަތީގައި އޭނަ ބޭޒާރުވެފައި ވިޔަސް ތަފާތު އުކުޅުތައް ބޭނުންކޮށްގެން ރުހައިމް އޭނަގެ މީހަކަށް ހެދުމުގެ ގަސްދު ހިތުގައި އޮތެވެ. ޔަޝްފީއަށް އޭނަގެ ބަނޑުގައި ފިރުމާލެވުނެވެ. ނުބައި ރޭވުމެއް ސިކުނޑީގައި ރާވާލިއެވެ.

(ނުނިމޭ)