ރާއްޖޭގެ މިނިވަންކަން ދިވެހީންނަށް އަމިއްލައަށް ދެމެހެއްޓޭނެކަން ދިވެހި ރައްޔިތުންނާއި މުޅި ދުނިޔެއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދައްކަވައިފި ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ރައީސް ތ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މަޑިފުއްޓަށް އިއްޔެއް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި މިނިސްޓަރު ޒަމީރު ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް ކުރަން ޖެހޭ ކަންކަން ކުރެއްވުމަށް ކަމަށެވެ.
އެގޮތުން، ރާއްޖޭގެ އިގްތިސޯދީ ކަނޑުގެ ސަރަހައްދު އަމިއްލައަށް ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރަން މަސައްކަތްތަކެއް ކުރައްވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެއީ، މީގެ ކުރިން ވެރިކަން ކުރި އެއްވެސް ރައީސަކު ވިސްނަވާފައިވާ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެންނަށް ވިސްނިފައި އޮތީ އަޅުގަނޑުމެން އަބަދުވެސް ތިބެން ޖެހެނީ ކޮންމެވެސް ބަޔަކަށް ޑިޕެންޑުވެގެންނޭ. ރައީސްގެ ދުރުވިސްނުންފުޅާއެކު އަޅުގަނޑުމެންނަށް ދެ މަހެއްހާ ދުވަހު ކުރެވުނު މަސައްކަތުން އަޅުގަނޑަށް ފާހަގަކުރެވުނީ ރައީސް އެ ކާމިޔާބީ (އަމިއްލަ މިނިވަންކަން ދިފާއުކުރުމުގެ ކާމިޔާބީ) ހޯއްދެވި ގޮތް،" ޒަމީރު ވިދާޅުވި އެވެ.
ޒަމީރު އިތުރަށް ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ ހުރިހާ ގައުމަކާއެކުވެސް ޑިޕޮލޮމެޓިކް ގުޅުންތައް ގާއިމުކުރުން ކަމަށާއި ރައީސްގެ ދުރުވިސްނުންފުޅާއި ލަފާގެ މަތިން މިހާރު ރާއްޖޭގެ ޑިޕްލޮމެޓިކް ކަންކަން ހުރީ މިހާތަނަށް ދުވަހެއްގައި ނުދާހާ ކުރީގައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު