މިސްރުގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ، ގައުމީ ޓީމުގެ ލެޖެންޑް ހޮސާމް ހަސަން، ފުޓުބޯޅައިގެ ޓެކްނިކަލް ޑިރެކްޓަރު ކަމާ ހަވާލުވެއްޖެއެވެ.
މިސްރުން ޓެކްނިކަލް ޑިރެކްޓަރަކު އައްޔަން ކޮށްފައި ވަނީ ކޯޗުކަމުގައި ހުރި ރުއި ވިޓޯރިއާ މަގާމުން ވަކިކުރުމަށްފަހުއެވެ. މިފަހަރުގެ އެފްކޯންގެ ގަދަ 16 އިން މިސްރު ކަޓައި، އެޓީމަށް ގްރޫޕް ސްޓޭޖުގައިވެސް މާ މޮޅު ކުޅުމެއް ދެއްކިފައި ނުވާ އިރު، ގަދަ 16 އިން ކެޓީ ކޮންގޯ ކައިރިން ޕެނަލްޓީ ޖަހައިގެންނެވެ.
ރެކޯޑު ހަތް ފަހަރު އެފްކޯން ހޯދާފައިވާ މިސްރުން 1986 ވަނަ އަހަރާއި 1998 ވަނަ އަހަރު އަދި 2006 ވަނަ އަހަރު އެފްކޯން ހޯދި އިރުވެސް ހޮސާމް ކުޅެފައިވެއެވެ. ޖުމުލަ 22 އަހަރު ހޮސާމް ގައުމީ ޓީމަށް ކުޅެފައިވާ އިރު، އޭނާ ވަނީ ޖުމުލަ 173 މެޗު ކުޅެފައެވެ. އެ މެޗުތަކުގައި 67 ގޯލު، ހޮސާމް ޖެހި އިރު، އޭނާގެ އުމުރުން މިހާރު ވަނީ 57 އަހަރު ފުރިފައެވެ. އޭނާ ވަނީ ކޯޗިން މަސައްކަތްތައްވެސް ފަހުން ކޮށްފައެވެ.
މިސްރުގެ ކްލަބުތަކުގެ އިތުރުން ޖޯޑަންގެ ގައުމީ ޓީމަށްވެސް ހޮސާމް ކޯޗުކަން ކޮށްދީފައިވާ އިރު، މިފަހަރު މިސްރު ކޯޗުކަމާ ހަވާލުވީ އޭނާއާ އެއްމާބަނޑު އިބްރާހީމް ހަސަނެވެ. އިބްރާހީމަކީވެސް މިސްރުގެ ގައުމީ ޓީމަށް 100 އަށްވުރެ ގިނަ މެޗު ކުޅެދީފައިވާ ކުރީގެ ކުޅުންތެރިއެކެވެ.
މިސްރު
މިސްރު
މިސްރު
މިސްރު