ފާއިތުވި 10 އަހަރުގެ ތެރޭގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ މިސްރަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި މިއަދު އެ ގައުމުގެ ވެރިރަށް ގާހިރާއަށް ވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 70 އަހަރު ފުރުމާ ދިމާކޮށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެކެވެ.
ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އިގުތިސާދީ އަދި އަސްކަރީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ. މީގެ ތެރޭގައި، މިސްރުގެ ދަރަނީގެ ބައެއް ޗައިނާގެ އިންވެސްޓްމަންޓްތަކަށް ބަދަލުކުރުމާއި، ޗައިނާގެ ޓެކްނޮލޮޖީ ކުންފުނި ހުއާވޭ މެދުވެރިކޮށް މިސްރުގެ ސަރުކާރަށް ބޭނުންވާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޑޭޓާ ސެންޓަރުތަކެއް ގާއިމުކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ. ފާއިތުވ އަހަރު ދެ ގައުމުގެ ދެމެދުގައި ކުރެވުނު ވިޔަފާރީގެ އަގު ވަނީ 20.8 ބިލިއަން ޑޮލަރަށް އަރާފައެވެ.
މި ދަތުރުފުޅާ ގުޅިގެން މިސްރުގެ 'އަލް-އަހްރާމް' ނޫހުގައި ޝީ ލިޔުއްވި ލިޔުމެއްގައި ވިދާޅުވި ގޮތުގައި، ޗައިނާއާއި މިސްރަކީ އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް އެކުގައި މަސައްކަތްކުރާ ގާތް ދެ އަހުންނެވެ. ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ޗައިނާއިން ތާއީދުކުރާ ކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ. ހަމައެހެންމެ، މިސްރުގެ ރައީސް އަބްދުލްފައްތާހު އައްސީސީ ވިދާޅުވި ގޮތުގައި، ބައިނަލްއަގުވާމީ މައިދާނުގައި 'ގްލޯބަލް ސައުތު' ގެ ދައުރު ފުޅާކުރުމަށް ދެ ގައުމުން ގުޅިގެން އަންނަނީ މަސައްކަތްކުރަމުންނެވެ.
ޝީ މިސްރަށް ވަޑައިގެންފައި މިވަނީ، ކިރްގިސްތާންގައި އޮތް ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަންގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ފަހުގައެވެ. މި ދަތުރުފުޅުގެ ކުރިން، މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ޗައިނާއާއި މިސްރުގެ ވައިގެ އަސްކަރިއްޔާއިން ވަނީ 'އީގަލްސް އޮފް ސިވިލައިޒޭޝަން 2026' ގެ ނަމުގައި ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައެވެ.
ޗައިނާ
ޗައިނާ
ޗައިނާ
ޗައިނާ
ކޮމެންޓް