ރާއްޖޭގެ ކަނޑުގެ ސަރަހައްދު މިއިން ޒަމާނަކު ބެލެހެއްޓިފައި ނުވާ ކަމަށާއި މަސްވެރިކަން ފުޅާކުރަންވެސް އެކަން ކުރަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ވޭމަންޑުއަށް ވަޑައިގެން މިރޭ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ރިޔާސީ ބަޔާން އިއްވަވަމުން ވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ވާހަކަ ފާހަގަކުރައްވާފައިވާނެ ކަމަށާއި ރަށްތައް ކުދިވިޔަސް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ވަރަށް ބޮޑު ކަމަށެވެ.

"974،000 އަކަކިލޯމީޓަރު ހުރޭ. މި ބިޔަ ބޮޑު ސަރަހައްދު މިއިން ޒަމާނަކު އަޅުގަނޑުމެންނަކަށް ނެތް ހަގީގަތުގައި ބެލެހެއްޓިފައެއް. އެ ސަރަހައްދު އެއީ އަޅުގަނޑުމެން ތިޔަ ލޮބުވެތި ރައްޔިތުން މިއަދުވެސް، މިރޭ ވެސް، މާދަމާ ވެސް ނުކުމެ އިގުތިސާދީ ފައިދާ ހޯދަން އޮތް ކަނޑުގެ ސަރަހައްދު. އެތަނަކުން އަޅުގަނޑުމެންނަކަށް އެކަށީގެންވާ ގޮތެއްގައި އަދި މަސްވެރިކަމެއް ނުކުރެވޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީއަކީ މިވަގުތު އެންމެ މުހިންމު އިންޑަސްޓްރީއަށް ކަމަށްވިޔަސް މަސްވެރިކަން ފުޅާކުރެވިއްޖެއްޔާ، އެތައް ގުނައެއް ޓޫރިޒަމް އިންޑަސްޓްރީއަށްވުރެ ބޮޑަށް މަސްވެރިކަމުން ފައިދާ ހޯދޭނެ ކަމަށާއި އެ އިގުތިސާދީ ސަރަހައްދު ފިޝަރީޒް އިންޑަސްޓްރީއަށް ބަަލައިގެން ކަންކަން ކުރަން ވިޔަސް، އެއީ ހިމާޔަތްކުރަން ޖެހޭ ސަރަހައްދެއް ކަމަށެވެ. އޭގެ އިތުރުން މިނިވަންކަމާއި އިސްތިގުލާލު ސަލާމާތްކުރުމަށްޓަކައި އަދި ސިޔާދަތީ ބާރުގެ ޔަގީންކަން ކަށަވަރުކުރުމަށްޓަކައި ވެސް އެ ސަރަހައްދު ބަލަހައްޓަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"އެކަމެއް އަޅުގަނޑުމެންނަށް މިއަދާ ހަމައަށް އައި އިރު ނުވޭ. އެކަން ކުރުމަށް އަޅުގަނޑުމެން ކުރަންވީ ކަމަކީ އެހެން ބައެއްގެ ކިބައިން އެހީތެރިކަމަށް އެދިގެން އެހެން ބަޔަކު ލައްވައި އެ ސަރަހައްދު ބެލެހެއްޓުންތޯ ރައްޔިތުން އެދޭނެ ގޮތަކީ، ޔަގީން އެހެނެއް ނޫން ބޭނުންވާނީ. އަޅުގަނޑުމެންގެ ގޯތީގެ ވަށާފާރުގެ، އިންފާރުގެ އެތެރެ ބަލަހައްޓަން ޖެހޭނީ އެހެން ބަޔަކު އައިސްތޯ ނޫނީ އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެން ކެޕޭސިޓީ ބިލްޑް ކުރުންތޯ އެއީ ސުވާލަކީ. އަޅުގަނޑު މި ދެންނެވީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމިއްލަ ބާރުގައި، އަމިއްލަ ކެޕޭސިޓީގައި އިރާދަކުރެއްވިއްޔާ މި ބިޔަބޮޑު ސަރަހައްދު ބެލެހެއްޓޭނެ ދާދި އަވަހަށް ހަމަޖެހިގެންދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަމިއްލައަށް ބެލެހެއްޓުމަށް އެކަމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރަން ފެށި، އެ ތައްޔާރީތައް ވަމުންދާ ކަމަށާއި ލަސްތަކެއް ނުވެ ދިވެހި ރައްޔިތުންގެ ކުރިމަތިން ފެނިގެންދާނީ އެކަން އަމަލީގޮތުން ކުރާ ތަން ކަމަށެވެ.