ސޮވަރިން ފަންޑަށް އަލުމް ޑޮލަރު ޖަމާކުރަން ފަށާފައިވާ ކަމަށާއި ބޭރު ފައިސާ ހިފެހެއްޓޭނެ އާ ގޮތްތައް ވެސް ހޯދަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން މިއަދު ހެނދުނު ރައީސް ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވީ، އިގުތިސޯދީ ތަދު ހާލަތުން ގައުމު ސަލާމަތްކުރުމަށް ރެއާއި ދުވާލު މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި ދައުލަތުގެ މާލިއްޔާއަށް ބުރަ އުފުލަން ނުޖެހޭ ގޮތަށް އާ މަޝްރޫއުތައް ފެށޭތޯ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ، ދައުލަތުގެ ކުންފުނިތައް އަރަނިވާނެ ގޮތްތަކެއް ހޯއްދަވަމުން އަންނަ ކަމަށާއި ދައުލަތުގެ ދަރަނި ކުޑަކޮށް، ލުއިކުރެވޭތޯވެސް ބައްލަވަމުން އަންނަ ކަމަށެވެ.

"އެއްވެސް ހަމަޔެއް ލަމަޔެއް ނެތި، ދައުލަތުގެ ހަޒާނާއިން އެކި ފަރާތްތަކަށް ބަދަލުދޭން އުފައްދާފައި އޮތް ސެޓްލްމަންޓް ކޮމެޓީ މިހާރު ވާނީ އުވާލާފައި. ސޮވަރިން ފަންޑަށް އަލުން ޑޮލަރު ޖަމާކުރަން ވެސް ފަށައިފީމު،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ބޭރު ފައިސާ ގައުމުގައި ހިފެހެއްޓޭނެ އާ ގޮތްތައްވެސް ހޯއްދަވަމުން އަންނަ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު، އަންދާޒާކުރި މިންވަރަށް ވުރެ ވެސް ރާއްޖޭގެ ފިސްކަލް އަދި ދަރަނި ހާލަތު ދަށް ކަމަށެވެ. އެގޮތުން އެކިއެކި ކަންކަމަށް ބަދަލުދިނުމުގެ ނަމުގައި ދައުލަތުގެ ހަޒާނާއިން އެއް ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާ ފައިސާ އެކި ފަރާތްތަކަށް ބަހާލައިފައިވާ ކަމަށާއި ދައުލަތުގެ ދަރަނި އަދާކުރަން ދުރާލާ ތައްޔާރުވާން އުފެއްދި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑްގައި ހުރި ބޭރު ފައިސާވެސް ވަނީ ނަގައި މާރުކޮށްލާފައި ކަމަށް ރައީސް ވިދާޅުވިއެވެ.