މޫނު ދޮންނަ ތަށީގެ އިސްކުރަށް ބާރުކޮށްލަމުން، ލޯގަނޑުން ފެންނަމުން ދިޔަ އަމިއްލަ ސޫރައަށް ނާލާ ނަޒަރު ހުއްޓާލިއެވެ. މޫނުގައިވި ފެނުގެ އަސަރު އަތުގައި އޮތް ތުވާލި ކޮޅުން ފޮހެލިއެވެ. އަދި ލޯގަނޑާއި މޫނު ކައިރިކޮށްލަމުން ފުން ނަޒަރެއް އަމިއްލަ ނަފުސަށް ދިނެވެ. ބޮލުގައި އޮޅާފައި ފޮތިކޮޅު ނާލާ ނެގިއެވެ. އޭނަގެ ސިފަ ވަކިކުރަން ވެސް އޭނައަށް ނޭނގުނެވެ. ލަސްލަހުން ބޮލުގައި އޭނައަށް ފިރުމާލެވުނެވެ. އޭނަގެ ރީތި އިސްތަށިގަނޑު މާޒީއަށްވެ ނިމިއްޖެއެވެ. ބުމައިގެ އިސްތަށިތައް ވެސް ފައިބާފައި ވުމުން އައިބުކަމެއް ހުއްޓެވެ. ލޯވެސް ވަޅުވަދެފައި ވުމުން ކުރިއަށްވުރެން ބޮޑުކަމަށް ދައްކައެވެ. އެހާލުގައި ރުހައިމްގެ ކުރިމައްޗަށް ދާން ނާލާ ހުރީ ފަސްޖެހިފައެވެ.
ނާލާގެ ހިތުގައި ތޫނު ތަދެއް އުފެދުނެވެ. ރުހައިމްއާއި ބައްދަލުކުރަން އެއްބަސްވި ކަމުގައި ވިޔަސް އެއީ ރަނގަޅު ނިންމުމެއް ބާވައޭ ނަފުސާއި ސުވާލުކުރެވުނެވެ. އެދެމެދުގައި އޮތް ލޯތްބަށް ނިމުން އައިސްފިއެވެ. ރުހައިމްއާއި މެދު އެހިތުގައި ވަނީ މުޅިން ވެސް ޝަކުވާތަކެވެ. މަނާލް ބުނިހެން އެހިތަށް ލުޔެއް ލިބެން އޮތީ ހިތުގެ އުދާސްތައް ރުހައިމްއަށް ބަންޑުންކޮށްލައިގެންނެވެ. މިހުރިހާ ދުވަހު ހިތުގެ ރިހުން ސިއްރުކުރެވިއްޖެއެވެ. އެކަމުން ލިބުނީ އިތުރު ތަކުލީފެވެ.
''ނާލާ!...'' މަނާލްގެ އަޑަށް ނާލާ ދިޔައީ ސިއްސައިގެންނެވެ. ޚިޔާލީ ދުނިޔެއިން އޭނައަށް ނިކުމެވުނީ ދެނެވެ.
''މި ނިކުންނަނީ...'' ބޮލުގައި އަނެއްކާ ވެސް ތޮފިކޮޅު އޮޅަމުން، އަތުގައި އޮތް ތުވާލީ ފާޚަނާގައި ހުރި ވަށިގަނޑަށް އަޅާލިއެވެ.
''ރުހައިމް އެބަހުރި ތިރީގަ... އިފް ޔޫ އާރ ނޮޓް ކޮންފޮޓަބްލް ޔޫ ޑޯންޑް ނީޑް ޓު ޑޫ ދިސް ޓުޑޭ...'' މަނާލްގެ އަޑުގައި ކަންބޮޑުވުން އެކުލެވިގެންވިއެވެ. ރުހައިމް ބައްދަލުކުރަން އައިސް ހުރިކަން އެނގުނީއްސުރެން ނާލާ ހުންނަނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ދެލޮލުން ފާޅުވަނީ ޖެހިލުންވުމެވެ.
''އައިމް ރެޑީ... މަނާލް ބުނިހެން އަހަރެންގެ ހިތުގައިވާ ބިރާއި ވެސް ކުރިމަތިލާން ޖެހެނޭ... ކުރިއަށް ދެވެނީ މާޒީ އިން ނިކުމެވިގެން... އަހަރެންގެ ހިތުގައިވާ ޝަކުވާތައް ރުހައިމްއަށް ބަންޑުން ކުރަން ބޭނުން... އަހަރެން ހީކުރީ ރުހައިމްއާއި ދުރަށް ދިއުމުން އަހަރެންގެ ހިތަށް ލުޔެއް ލިބޭނެކަމަށް، އެކަމަކު އެހެނެއް ނުވި... އަހަރެންގެ ހިތުގައިވާ ސުވާލުތަކަށް ވެސް ޖަވާބެއް ނުލިބުނު... މިއަދު އަހަރެން ބޭނުންވަނީ ހުރިހާ ކަމަކާ ކުރިމަތިލާން، އައު ފެށުމަކުން ފަށަން އަހަންނަށް ފަސޭހަވާނީ އޭރުން...'' ނާލާ ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނަގެ ނަފުސު ކުރިއަށް އޮތް އިމްތިހާނަށް ތައްޔާރުކޮށްލަމުން މަނާލްއާއެކު ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.
''ނާލާ ދޭ... އަހަރެން މިތާ މަޑުކުރާނަން...'' ޕާކަށް ވަދެވެން ހުރި ބިއްލޫރި ދޮރާއި ގާތަށް އާދެވުމުން މަނާލް ބުންޏެވެ. އަދި ނާލާގެ ބުރަކަށީގައި ފިރުމާލިއެވެ.
މަނާލްއަށް ބަލައިލަމުން ނާލާ ބޯޖަހާލިއެވެ. ދޮރުގެ އަތްގަނޑުގައި އިރުކޮޅެއް ވަންދެން ހިފަހައްޓައިގެން އޭނައަށް ހުރެވުނެވެ. ދެފައިގައި ނުފެންނަ އަތަކުން ހިފަހައްޓާފައިވާ ކަހަލައެވެ. މޭގައި އޮތް ހިތްވެސް ހިފެހެއްޓުމެއް ނެތި ތެޅެމުން ދިޔައެވެ.
ހަވީރުގެ ވަގުތުކަމުން ޕާކަށް އޮތީ ހިޔާ ދީފައެވެ. ޖެހިލާ ރޯޅިތަކުގައި ވެސް އެކުލެވިގެންވަނީ އަރާމު ފިނިކަމެކެވެ. ވަގުތުގެ ގޮތުން ޕާކުގައި މީހުން ގިނަ އެވެ. ނާލާއަށް ވަށައިގެން ހޯދާލެވުނެވެ. އޭރު ވެސް ހިތް ބާރުބާރަށް ތެޅެމުން ދިޔަ އެވެ. ބޮލަށް އެނބުރުން އަރައިފާނެ ހެން ހީވެއެވެ. ނާލާއަށް އޭނަގެ ދެއަތްތިލަ ޖޯޑުކޮށްލެވުނެވެ. ތަންކޮޅެއް ދުރުގައި ހުރި ބެންޗްގައި އިން ޒުވާނާ އޭނަގެ ލޮލުގައި އަޅައިގަތެވެ.
''ރުހައިމް!...'' ނާލާއަށް ހިތުގެ ދުލުން ބުނެވުނެވެ. ފުރަގަސްދީގެން އިންކަމުގައި ވިޔަސް އެއީ ރުހައިމްކަން ދެނެގެނަންނަން ނާލާއަށް އުނދަގުލެއް ނުވިއެވެ. ބާރުވެގެން ދިޔަ ހިތާއެކު ނާލާއަށް މޭގައި ފިރުމާލެވުނެވެ. ނޭވާވެސް ފުންވެއްޖެއެވެ. ހުއްޓުން އަރާފައި އޭނައަށް ހުރެވުނީއެވެ.
ގަބުއަރާފައި ނާލާ ހުއްޓާ ފަސްއެނބުރި ރުހައިމް ބަލާލިއެވެ. ނާލާއަށް ޖެހިލުންވުމާއެކު ފަހަތަށް ޖެހިލެވުނީއެވެ. ރުހައިމްއާއި ހަތަރުކަޅި ބައްދަލުވި ވަގުތު ވަށައިގެންވި ވުޖޫދު ވެސް ނާލާގެ ލޮލަށް އައިބުވެގެން ދިޔަ ފަދައެވެ. އޭނައަށް ހަމައެކަނި ފެންނަނީ ރުހައިމް އެވެ. ރުހައިމްއަށް އައިސްފައި ހުރި ބަދަލުތަކެވެ. ހިތުގެ ފުންމިނަށް ވޭނުގެ އަސަރު ވެރިވެގެން ދިޔައީ ރުހައިމްގެ ދެލޮލުގައިވި ރިހުން ފެނިފައެވެ. ނާލާއަށް ނެވާ ހިފަހައްޓާލެވުނެވެ. ދެލޯ ފުރިގެން އައީ ކަރުނުންނެވެ. ހިތަށް ކުޅާދާނަ ނުވާން ފެށުމުން ނާލާއަށް ފުރަގަސް ދެވުނެވެ. އަދި މޫނުގައި އަތް އަޅާލެވުނެވެ. ހިމަހޯލި އިނގިލިތަކުގެ ތެރޭން ފޭދިގެން އޭރު ކަރުނަ ފައިބަމުން ދިޔައެވެ.
''ނާލާ...'' އިވުނީ ރުހައިމްގެ ބަރު އަޑަށެވެ. ހަށިގަނޑުގެ ލޯލިތައް ވެސް ކޮޅަށް ޖެހިގެން ދިޔަ ފަދަ އިހުސާސެއް ނާލާއަށް ކުރެވުނެވެ. ޖެހިލި ރޯޅިތަކުން ވެސް ނޭފަތާ ކުޅޭލީ ރުހައިމްގެ ވަހެވެ. ރުހައިމް އޭނަގެ ފަހަތުގައި ހުއްޓި ހުރިކަން ވެސް ނާލާއަށް އިހުސާސް ކުރެވުނެވެ. ރުހައިމްއަށް އެހިތް ބޭނުންވެފައިވާ މިންވަރު ނާލާއަށް އަންދާޒާ ކުރެވުނީ ދެނެވެ. ކިތަންމެ ފުން ޒަހަމްތަކެއް ލިބުނުކަމުގައި ވިޔަސް އަދިވެސް އެހިތުގެ މިލްކުވެރިޔަކީ ރުހައިމް އެވެ. އެމޮޔަ ހިތް ހަގީގަތާ ކުރިމަތި ލާނީ ކޮން ދުވަހަކުން ހެއްޔެވެ؟
''ނާލާ...'' ކުރިއަށް ފިޔަވަޅެއް އަޅަމުން ރުހައިމް ގޮވާލިއެވެ. އަސަރާއެކުގައެވެ. ހިތުގައި ޖެހި ރޮމުން ދިޔަ ނާލާ ފެނުމުން ދުރުގައި ހުންނަން ރުހައިމްއަށް ނިކަން އުނދަގޫވިއެވެ. ނާލާ ގެނެސް އެއަތުގެ ތެރެއަށް ލާން ބޭނުންވި އެވެ. ހިމާޔަތް ދޭން ބޭނުން ވިއެވެ. ނަމަވެސް އަފަދައިން އޭނަ އަމަލުކުރާނީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ އެދެމެދަށް ވެރިވެފައި އޮތް ހިމޭންކަމުން ވެސް ސާބިތުކޮށްދެމުން ދިޔައީ ދުރުކަމެވެ.
އުފުލާލީ އަތްތިލަ ރުހައިމްއަށް ތިރިކޮށްލެވުނެވެ. އަދި މުށްބާރުކޮށްލިއެވެ. ''ޕްލީޒް ޑޯންޓް ކްރައި...''
ނާލާގެ ކުރިމައްޗަށް ރުހައިމް ހުއްޓެވެ. އެހިތުގައި ދިލަ ވޭނެއް އުފެދުނެވެ. ނާލާއަށް އައިސްފައިވާ ބަދަލުތައް ފެނި ރުހައިމްގެ ދެލޯ ކަރުނުން ފުރިގެން ދިޔައެވެ. އެސްފިޔަތަކަށް ބަރުވެ ކަރުނަ ފައިބަން ފެށީ އިހްތިޔާރަކާ ނުލައެވެ.
ރުހައިމްއަށް އިތުރަށް ކެތެއް ނުކުރެވުނެވެ. ކުރިއަށް ޖެހިލަމުން ނާލާ ގެނެސް މޭގައި ބޮޑިކޮށްލިއެވެ. އެފަދަ ގާތްކަމަކަށް ބޭގަރާރުވެފައިވި ނާލާއަށް ވެސް ދެކޮޅެއް ނުހެދުނެވެ. ރުހައިމްގެ ހިތުގެ ތެޅުމާއި އެޖިސްމުގެ ހޫނުކަން އިހުސާސްކުރެވުމާއެކު ނާލާއަށް އިތުރަށް ރޮވުނީއެވެ. ރުހައިމްގެ ގަމީސް އަތުގެ ތެރޭގައި އޭނައަށް ބޮޑިކޮށްލެވުނެވެ. އަދި އިތުރަށް އެމޭގައި މޫނު ފޮރުވާލިއެވެ.
ރުހައިމްގެ ހިތުގެ ތެޅުން އަޑުއިވި ނާލާގެ ނަފުސަށް ވަގުތީ ލުޔެއް ލިބުނެވެ. ރުހައިމްގެ އަތުގެ ފިރުމުންތަކުން ހަށިގަނޑުގައި ދުވެލީ ރާހަތުގެ ބާނީތަކެކެވެ.
ނާލާ ހަމައަކަށް އެޅެން ވަގުތުކޮޅެއް ނެގިއެވެ. އެއާއެކު އަވަސްއަވަހަށް ރުހައިމްއާއި ދުރަށް އޭނަ ޖެހުނެވެ. އަދި ކަރުނަތައް ފޮހެލެވުނެވެ. އަމިއްލަ ނަފުސުގެ ނިކަމެތިކަން އިހުސާސްކުރެވުނީ ދެނެވެ. އެހިތުގެ މައްޗަށް އޭނަގެ ބާރެއް ނެތެވެ.
ނާލާ ގޮސް ބެންޗްގައި އިށީނެވެ. އިރުކޮޅެއް ވަންދެން ނާލާގެ ހަރަކާތްތަކަށް ބަލަން ރުހެއިމް ހުއްޓެވެ. ފުން ނޭވާއަކަށް ފަހު އޭނަ ވެސް ގޮސް ބެންޗްގައި އިށީނެވެ. އެދެމެދުގައި އިތުރު މީހަކު އިށީންނާނެ ޖާގަ ހުރިކަމުގައި ވިޔަސް، ރުހައިމް އިށީނުމާއެކު ނާލާ އިހުނަށް ވުރެން ދުރަށް ޖެހިލިއެވެ. ބެންޗްގެ އަތްގަޑާ ޖެހި ފިތިފައި ނާލާ އިނެވެ.
ނާލާގެ ނާޒުކުކަން ފެނި ރުހައިމް އިނީ މާޔޫސްވެފައެވެ. އަމިއްލަ ނަފުސު ކުށްވެރި ކުރެވުނު އަދަދެއް ނޭނގެއެވެ. ބައިވެރިޔަކަށް ނާލާ އެންމެ ބޭނުންވާނެ ދުވަހު އެނަސީބުން ވެސް މަހުރޫމުވީ އޭނަގެ ސަބަބުންނެވެ. އެފުރިހަމަ ލޯތްބަށް ނިމުން އައީ ވެސް އޭނަގެ ވިޔާނުދާ އަމަލުތަކުގެ ސަބަބުންނެވެ. މަޢާފަށް އެދެން ބޭނުންވިކަމުގައި ވިޔަސް އެހިތްވަރެއް ރުހައިމްއަކަށް ނުލިބުނެވެ.
އިސްވެ އެކަކު ވެސް ވާހަކައެއް ނުދެއްކިއެވެ. ކުރިން އަބަދުމެ ރުހައިމްއާއި ވާހަކަދައްކަން ލޯބިކުރާ ނާލާ ވަނީ ފުން ހިމޭންކަމެއްގެ ތެރޭގައެވެ. ނާލާއާއި ސަމާސާކުރަން ލޯބިކުރާ ރުހައިމްގެ ފަރާތުން ފެންނަނީ ބީރައްޓެހިކަމެވެ.
''ކީއްކުރަން ރުހައިމް ތިއައީ؟... އަހަންނާ ބައްދަލުކުރުމުގެ ބޭނުމަކީ ކޮބާތަ؟...'' ނާލާއަށް އިތުރަށް ކެތެއް ނުކުރެވުނެވެ. ރުހައިމްއަށް ބަލަން ބޭނުން ވިޔަސް އެހިތްވަރެއް ނާލާއަކަށް ނުލިބުނެވެ. އިސްތިރިކޮށްލަމުން އަތުގެ އިނގިލިތަކާ ގުޅެން އޭނަ ފެށިއެވެ. ހިތުގެ ރިހުން ބަރުދާސްތުކުރަން ދަތިވެއްޖެއެވެ. ރުހައިމްގެ ގާތުގައި ހުރުން އެއީ އޭނަ ހީކުރި ވަރަށް ވުރެން އުނދަގޫ ކަމެކެވެ. ރުހައިމްއާއި ބައްދަލުވުމުން ހިތުގެ ޒަހަމްތަކުގައި ތޫނު ރިހުމެއް އުފަން ވެއްޖެއެވެ. އެދެމެދަށް ވެރިވެފައި އޮތް ދުރުކަމުން ވެސް އިތުރު ތަކުލީފެއް ނޫނީ ނުލިބުނެވެ.
''ނާލާ...'' ރުހައިމް ގޮވާލިއެވެ. ނާލާ އިނީ ބަސްމަދުވެފައެވެ. ހަރަކާތެއް ވެސް ކޮށްލުމެއް ނެތެވެ.
''އަހަރެން... އަހަރެން ކުރި ކަންތަކުގައި ނާލާގެ އެއްވެސް ކުށެއް ނުވޭ... އަހަންނަށް ނޭނގޭ އެފަދަ ދަރަޖައަކަށް އަހަރެންގެ އަމަލުތައް ދާން ޖެހުނީ ކީއްވެގެންކަމެއް ވެސް... ފަހަރެއްގައި ވެސް ހީނުކުރާތި ނާލާގެ އުނިކަމެއް ހުރީޔޭ... ހުރިހާ ނުބައެއް ހެދި މީހަކީ އަހަރެން... ނާލާއަށް ހަގީގަތް ހާމަކުރުމުގެ ފުރުސަތު ވެސް އަހަންނަށް ލިބުނު، އެކަމަކު އަހަންނަށް ފަސްޖެހެވުނީ... ބިރުގަތީ... އޭރު ވިސްނާނުލެވުނު ހަގީގަތް އެނގުމުން ނާލާއަށް ލިބޭނެ ހިތްދަތިކަމާމެދުގައެއް... ކައިވެންޏަށް ވެސް ނިމުންއައީ އަހަރެންގެ ސަބަބުން... ނާލާގެ ކޮންމެ ނިންމުމަކަށް އަހަރެން ގަދަރުކުރާނަން... އަހަންނަށް ނާލާގެ ހާލު އެނގުމުން ބޭނުންވީ މަޢާފަށް އެދެން، ވެދިޔަ ކަންތަކުގައި ނާލާގެ ކުށެއް ނުވާކަން ހާމަކޮށްދޭން...'' ރުހައިމް ނާލާއަށް ބަލާލިއެވެ.
މޫނުގެ އަސަރުތައް ސިއްރުކުރަން ނާލާ އިނީ އިސްއޮބާލައިގެންނެވެ. އޭރުވެސް އެކޯތާފަތުން ކަރުނައިގެ އަސަރު ފެންނަން ހުއްޓެވެ.
''މަޢާފަށް އެދުމުން ހުރިހާކަމެއް ބަދަލުވާނެތަ؟... ރުހައިމްއަށް އަހަރެންގެ ހިތުގައި ޖެއްސިފައިވާ މިންވަރެއް ނޭނގޭތަ؟...'' ނާލާގެ ދުލުން ވޭނީ އާހެއް ބޭރުވިއެވެ. ކެކުޅުންތައް އޮއްބާލަން ނާލައަށް ތުންފަތުގައި ބާރަށް ދަތްއަޅާލެވުނެވެ.
ރުހައިމްއަށް ނާލާގެ ސުވާލަށް ޖަވާބެއް ނުދެވުނެވެ. އެހިނދު ނާލާއަށް ގިސްލެވިއްޖެއެވެ.
''ކީއްވެގެންތަ ރުހައިމް އެފަދައިން ކަންތައް ކުރީ؟... އަހަރެންވި ލޯތްބާއި އިތުބާރުގެ ނާޖާއިޒް ފައިދާ ނެގީ ކީއްވެގެންތަ؟... އޮޅުވާލަން މަސައްކަތް ކުރީ ކީއްވެގެންތަ؟... އޭރު އަހަރެންގެ ހުރިހާ ވެސް މީހަކީ ރުހައިމް... އަހަންނަށް ލޯބި ދަސްކޮށް ދިނީ ވެސް ރުހައިމް... ދެން ކީއްވެ އަހަންނާ މެދު އެފަދައިން ކަންތައް ކުރީ؟... އަހަރެންގެ ހިތުގައި ޖެއްސީ ކީއްވެގެންތަ؟...'' ނާލާގެ އަރުބެދި އިތުރަށް ވާހަކަދައްކަން އުނދަގޫވިއެވެ. ލޮލުން ފޭބި ކަރުނަތައް ފޮހެލަމުން އޭނަ ރުހައިމްއާއި ހަތަރުކަޅި ހަމަކޮށްލިއެވެ.
ރުހައިމްގެ ދެލޮލުން ވެސް ފެންނަނީ ކަރުނައެވެ. ދެހިތުގައި އޮތް ލޯބި ބަޔާންކޮށްދެމުން ދިޔައީ ވޭނާއި ކެކުޅުން އެކުލެވިގެންވި ކަރުނައިންނެވެ.
''އެރޭ ކަންތައް ވެދިޔަ ގޮތެއް އަހަންނަކަށް ނޭނގޭ... މީޓިންގް ނިންމާލުމަށްފަހު ޔަޝްފީއާއެކު ރެސްޓޯރެންޓަކަށް ދިޔަކަން އެނގޭ... އެއަށްފަހު ކަންތައް ވެދިޔަ ގޮތެއް ރަނގަޅަކަށް ނޭނގޭ، ހަނދާންތައް ހުންނަނީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި... ހޮޓެލްއާ ހަމައަށް ދެވުނުހެން ވެސް ހީވޭ... ހެނދުނު ހޭލެވުނު އިރު ފެނުނު މަންޒަރު އަހަންނަށް ގަބޫލުކުރަން ދަތިވި... އަހަރެން ފުރަތަމަ ވެސް ގަތީ ބިރު...'' ހަނދާނުގައި ހުރި މިންވަރަކުން ރުހައިމް ކިޔައިދިނެވެ. ނާލާ ގަބޫލުނުކޮށްފާނެތީ ވެސް ހިތުގައި ވަނީ ނުތަނަވަސްކަމެވެ. ޚުދު އޭނައަށް ވެސް އެހާދިސާ ގަބޫލުކުރަން ދައްޗެވެ. އަމިއްލަ ނަފުސަށް އޮތް އިތުބާރު ގެއްލިގެން ދިޔައީ އެދުވަހަށް ފަހުގައެވެ. އަމިއްލަ ނަފުސުގެ އަމަލުތަކާ މެދު ޝައްކު އުފެދެން ފެށީ ވެސް އޭގެ ފަހުންނެވެ.
''ކިހިނެއް އަހަރެން ތިވާހަކަތައް ގަބޫލުކުރާނީ؟..'' ނާލާ އެހި އެވެ. ރުހައިމްއަށް ޚިޔާރުކުރެވުނީ ހިމޭންކަމެވެ. އަމިއްލަ ނަފުސުގެ ދިފާއުގައި އިތުރަށް ދައްކާނެ ވާހަކައެއް އޭނައަކަށް ނޭނގުނެވެ.
''ރުހައިމް އަހަރެންގެ މަޢާފް ބޭނުންވާނަމަ އެކަން ކުރުން އެއީ އަހަންނަށް ފަސޭހަ ކަމެއް ނޫން، އަކަމަށް އަހަންނަށް ވަގުތު ބޭނުންވާނެ... މިދެމެދުގައި ކުރިން އޮތް ލޯތްބެއް މިހާރަކު ނެތް... ދެން އެލޯތްބެއް ނުވެސް އޮތްނާނެ... އަހަރެން ބޭނުންވަނީ މާޒީ ހަނދާން ނައްތާލަން... އެއީ ރުހައިމްއަށް ވެސް ދެން އެންމެ ރަނގަޅު ގޮތް ކަމުގައި އަހަންނަށް ފެންނަނީ، ރުހައިމްގެ ކުއްޖަކަށް ޔަޝްފީ އިނީ ބަލިވެ، އަހަރެން އުއްމީދުކުރަން އެދަރިފުޅަށް އެއްވެސް ކަމެއް އުނިވުމުގެ ފުރުސަތު ރުހައިމް ނުދޭނެކަމަށް... އަހަރެން ދެން ރުހައިމްއާއި ބައްދަލުކުރާކަށް ބޭނުމެއް ނޫން...'' ހިތުގެ އިހްސާސްތައް ވަންހަނާ ކުރަމުން ނާލާ ކޮޅަށް ތެދުވުނެވެ. ރުހައިމްއާއި ބައްދަލުކުރަން އެއްބަސްވުން އެއީ އޭނައަށް އެޅުނު ތަކި ފިޔަވަޅެކެވެ. އޭނައަށް އެންމެ ރަނގަޅު ގޮތަކީ ރުހައިމްގެ ލޯބި ހިތުގައި ކަފުން ކުރުމެވެ. އެހަނދާންތަކާއި ދުރަށް ދިއުމެވެ. އެކަމުން ވޭން ލިބޭނެކަން ގައިމެވެ. ނަމަވެސް އޭނަ މާތްﷲއަށް ދުޢާ ދަންނަވާނެއެވެ. އެހިތަށް އަވަސް ޝިފާއެއް މިންވަރުކޮށްދެވުމަށެވެ. އަޑިގުޑަން ގިނަ ރާސްތާ އޭނައަށް ފަސޭހަކޮށްދެއްވުމަށެވެ.
''ގުޑް ބާއި ރުހައިމް...'' ނާލާ ބުނެލިއެވެ. އިސްއުފުލާނެ ހިތްވަރެއް ވެސް ރުހައިމްއަކަށް ނުލިބުނެވެ. ނާލާގެ ހިތުގައި އޭނައަށް ޖެއްސިފައިވަނީ މަޢާފް ލިބުން ހައްގުނުވާނެ މިންވަރަކަށެވެ.
ނާލާ ކުރިއަށް ހިނގައިގަތެވެ. ރުހައިމްއަކީ އޭނަގެ މާޒީއަށް ވުމަށް އެދޭ ހާލުގައެވެ. ކުރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއެކު ހިތަށް ވެރިވަމުން ދިޔައީ ގިލަންވެރިކަމެވެ. އޭނައަށް އަނގަމަތީ އަތްއަޅާލެވުނީ ބަޑިފަޅައިގެން ދިއުމުންވެ. ދެލޮލުން ފައިބަމުން އައި ކަރުނަތަކަށް ނިމުމެއް ނުވާ ފަދައެވެ.
ހިތްވަރުކޮށްލަމުން ރުހައިމް އިސްއުފުލާލިއެވެ. އޭރު އޭނަގެ ލޯމަތިން ނާލާ ގެއްލެނީއެވެ. މޭގެތެރޭގައި އޮތް ހިތް ޒަހަމްވެގެން ދިޔަ ކަމުގެ އިހުސާސްކުރެވުނެވެ. އޭނަގެ މުޅި ޖިސްމުގައި ވަނީ ބަޔާންކުރަން ދަތި ރިހުމެކެވެ. ލޮލަށް ޖަމާވެފައިވި ކަރުނަތައް ފައިބައިގަތެވެ. ނާލާ މުޅިއުމުރަށް ގެއްލިއްޖެކަމުގެ ހިތި ހަގީގަތް އޭނަ ވަށާލައި ހާސްކުރުވިއެވެ.
''ނާލާ...'' ދުވެފައި ދިޔަ ނާލާ ފެނި މަނާލްއަށް ބުނެވުނެވެ. ކަންބޮޑުވެފައިވާ ހާލުގައި އޭނަ ނާލާގެ ފަހަތުން ހިނގައިގަތެވެ. ބާރަށް ހިނގަން ހަދައިގެން ބޮލަށް އެނބުރުން އަރަން ފެށުމުން އޭނައަށް ގޮނޑިއެއްގައި އިށީނދެވުނެވެ. އޭރު އެހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. ރުހައިމްއާއި ނާލާ ބައްދަލުކުރުމުގެ ފުރުސަތު ދިނުން އެއީ ހެދުނު ގޯހެއް ބާވައޭ ވެސް ހިތާ ސުވާލުކޮށްލެވުނެވެ.
*****
ކޮޓަރިއަށް ވަދެވުމާއެކު ނާލާއަށް އެނދުމައްޗަށް ވެއްޓިގަނެވުނެވެ. އޭނައަށް ބާރުބާރަށް ރޮވުނެވެ. ކޮޓަރީގެ ހަތަރު ފާރުވެސް ނާލާގެ ވޭނުގައި ބައިވެރިވާ ފަދައެވެ.
ކޮޓަރީގެ ދޮރުހުޅުވަނު އަޑުއިވުމުން ނާލާއަށް އޭނަގެ މޫނުގައި ބާލީސްއަޅައި ފޮރުވާލެވުނެވެ. ހިތުގެ ވޭން ސިއްރުކުރަން އުޅޭ ކަހަލައެވެ.
''އަހަރެން ބެނުމީ އެކަނިވެލަން...'' ނާލާ ހީކުރީ ކޮޓަރިއަށް ވަނީ މަނާލް ކަމަށެވެ. ނަމަވެސް މަނާލްގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. ދެން އިވިގެން ދިޔައީ ދޮރު ތަޅުލި އަޑެވެ. ހައިރާންކަން ލިބުނު ނާލާއަށް ބާލީސް ދުރުކޮށްލަމުން ދޮރާއި ދިމާއަށް ބަލައިލެވުނެވެ.
ނާލާއަށް ލިބުނު ހައިރާންކަމުގައި ދެލޯ ބޮޑުކޮށްލެވުނެވެ. ކޮޓަރީގައި ހުރީ ޔަޝްފީއެވެ. ރުޅި އައިސް ރަތްވެފައި ހުރި ދެލޯ ފެނި އޭނަގެ މެޔަށް ވެސް ފިނިވެލިއެވެ.
''ޔަޝްފީ؟...'' ނާލާއަށް އެނދުން ތެދުވެވުނެވެ. ނާލާގެ ނަޒަރު ބޮޑުވެފައިވި ޔަޝްފީގެ ބަނޑަށް ހުއްޓުނެވެ. އެއާއެކު ހިތުގައި ތަފާތު ވޭނެއް އުފެދިގެން އައެވެ. ރުހައިމްއައީ ޔަޝްފީ ގޮވައިގެން ހެއްޔެވެ؟ ރުހައިމްގެ ހަގީގީ ބޭނުމަކީ ކޮބާ ހެއްޔެވެ؟ އޭނަ އިތުރަށް ދެރަކޮށް ހިތުގައި ޖެއްސުން ހެއްޔެވެ؟
''ޔަޝްފީއޭ ކިޔާނެ ކަމެއް ނެތް!...'' ޔަޝްފީ ހަޅޭއްލަވައިގަތެވެ. އެއީ މަނާލްއަށް ވެސް އާދެވުނު ވަގުތެވެ. ދޮރުގައި ހިފާލުމުން އޭނައަށް ހައިރާންކަން ލިބުނީ ތަޅުލާފައި ހުރުމުންނެވެ. ދޮރުގައި ހުރި ބިއްލޫރިގަނޑުން އޭނަ އެތެރެ ބަލައިލިއެވެ. ސުވާލު އުފެދުނީ ދޮރަށް ފުރަގަސްދީގެން ހުރި އަންހެނަކު ފެނުމުންނެވެ. ވަމުން ދިޔަ ގޮތެއް ނޭނގި މަނާލްއަށް ދޮރުގައި ޓަކި ޖަހާލެވުނެވެ.
''ކަލެއާ ހެދި ހަމަޖެހިގެން ދުނިޔޭގައި ވެސް އުޅެން ދަތިވެއްޖެ!... މީހެއްގެ ފިރިއެއްގެ މައްޗަށް ބާރުފޯރުވަން ކަލޭ ލަދެއް ވެސް ނުގަނޭތަ؟... އޭނ!... ޖަވާބު ދީބަލަ... ރުހައިމްއާއި ބައްދަލުކުރަން ކަލޭ ދިޔައީ ކީއްވެގެން!... އަހަރެން ދުށީމޭ ކަލޭ ރުހައިމް ގައިގަ ބައްދައިގެން ހުރި ތަން... ކަލޭ ލަދެއްވެސް ނުގަނޭތަ... މަގޭ ފިރިމީހާ ނޫން ފިރިހެނަކު ކަލެއަށް މިދުނިޔެމަތިން ނުފެނުނީތަ؟...'' ނާލާގެ ކުރިމައްޗަށް ހުއްޓިލަމުން ޔަޝްފީ ބާރަށް ބުންޏެވެ. އޭނަ ހުރީ ހޭބުއްދި ފިލާ ހިސާބުގައެވެ. ރުހައިމް ނާލާއާއި ބައްދަލުކުރަން އާދޭތޯ އޭނަ ދިޔައީ ސިއްރުން ފާރަލަމުންނެވެ. މިއަދު އެމަންޒަރުތައް ލޮލަށް ފެނި އޭނަގެ ރުޅި ވަނީ ކޮންޓްރޯލުން ނެއްޓިފައެވެ. އަތުންފައިން ގޯހެއް ހެދުނަސް އޭނައަށް މިއަދު ވަރިހަމައެވެ. ނާލާގެ ފަރާތުން އޭނަ ބަދަލު ހިފާނެއެވެ.
ޔަޝްފީގެ ދުލުން ބޭރުވި ބަސްތަކުން ނާލާއަށް އިތުރު ވޭނެއް ނޫނީ ނުލިބުނެވެ. ރުހައިމްއާއި ޔަޝްފީގެ ކައިވެނި ކުރެވިފައިވާކަން އޭނައަށް އޮތީ އެނގިފައެވެ. އެވެސް އޭނަ ކުރިމަތިލާން ބޭނުން ނުވާ ހަގީގަތެކެވެ.
''ޔަޝްފީ ކިހިނެއްތަ؟...'' މަޑުމައިތި ރާގެއްގައި ނާލާ ސުވާލުކޮށްލިއެވެ. ޔަޝްފީގެ ފަރާތުން ފެންނަމުން ދިޔަ ރުޅިވެރިކަމުން ހިތުގައި ޖެހިލުންވުން އުފެދުނެވެ.
''އަހަރެންގެ ހާލު ކަލެއަށް ނޭނގިގެންތަ ތިއަހަނީ!... ކަލޭ ލަދުހަޔާތް ކޮބާތަ!... ރުހައިމް ގާތަށް ދިޔައީ ކީއްވެގެންހޭ!...'' ނާލާގެ ކޮނޑުގައި އަތްއަޅާ ފަހަތަށް ކޮއްޕާލުމަށްފަހު ޔަޝްފީ ދެލޯ އަޅާލިއެވެ.
''އަހަރެން ބުނެގެެނެއް ނޫން ރުހައިމް ބައްދަލުކުރަން އައީ...'' ޔަޝްފީގެ އަމަލުން ސިހުނު ނާލާއަށް ބުނެވުނެވެ. ޔަޝްފީގެ ރުޅިވެރިކަން އަމާޒުވާނެ ފަދަ އަމަލެއް އޭނަ ނުހިންގައެވެ. އޭނަ ރުހައިމްއާއި ބައްދަލުކުރީ މާޒީ ހަނދާން ނައްތާލުމުގެ ނިޔަތުގައެވެ.
''ދޮގު ހަދާނެކަމެއް ނެތޭ!... އަހަރެން ދުށީމޭ ކަލޭ ރުހައިމް ގައިގަ ބެއްދިތަން!... ގޮތް ކުޑަ އަންހެނާ!... ކަލޭ ވީ މަރުވާން...'' ނާލާގެ ކަންފަތްމަތީގައި ބާރަށް ޖަހަމުން ޔަޝްފީ އަޑުގެ ކޮޅަށް ހަޅޭއްލަވައިގެންފިއެވެ.
''ނާލާ!...'' ފެނުނު މަންޒަރުން މަނާލް ބިރުގެންފިއެވެ. ކޮޓަރީގައި ހިނގަމުން ދިޔަ ޒުވާބުގެ އަޑު ބޭރަށް ވެސް އިވެއެވެ. ޔަޝްފީ އެތަނުން ފެނުމުން ހިތުގައި ސުވާލު އުފެދުނެވެ. ޔަޝްފީގެ ރުޅިވެރިކަން ފެނި ޔަޝްފީ އައިސްގެން އުޅެނީ ރުހައިމްއަށް ސިއްރުންކަން މަނާލްއަށް ވިސްނައިގަނެވުނެވެ. ބޮޑު ހައިޖާންގަނޑެއްގެ ފެށުން އޭނައަށް ފެންނަން ފެށިއެވެ. ޔަޝްފީގެ އަމަލުތައް ހުރި ގޮތުން ނާލާއަށް އަނިޔާއެއް ވެދާނެތީ ބިރުވެސް ގަތެވެ.
''ކީއްވެ ބޭރުގައި ތިހިރީ؟... ކޮބާ ރުހައިމް؟...'' ހަދާނެ ގޮތެއް ނޭނގިފައި ހުއްޓާ މަނާލްއަށް އިވުނީ ލުޔޫންގެ އަޑެއެވެ.
''ޔަޝްފީ...'' މަނާލްއަށް ބުނެވުނެވެ.
''ވަޓް އޭނަ ގޮވައިގެންތަ ރުހައިމް އައީ، ވަޓް އިޒް ރޯންގް ވިތް ހިމް...'' ލުޔޫންއަށް ދެލޯ ބޮޑުކޮށްލެވުނެވެ.
''ރުހައިމް ފަހަތުން ޔަޝްފީ އައީ ހެން ހީވަނީ، ވަރަށް ރުޅިގަދަވެ ނާލާއާ ވާހަކަދައްކަނީ... ދޮރު ވެސް ތަޅުލާފަ ހުރީ!...'' މަނާލް ބުނެލިއެވެ.
''ކުޑާ!...'' ލުޔޫން ވެސް ދޮރުގެ ތަޅުގައި ހިފާލިއެވެ. ތަޅުލާފައި ހުރުމުން ނުތަނަވަސްކަމާއެކު އޭނަ ދޮރުގައި ޓަކިދިނެވެ. އެވަގުތު ނަމީދާ ވެސް އަތުވެއްޖެއެވެ. ބިރުން ގޮސް ލުޔޫން ދާހިތްލަން ފަށައިފިއެވެ. ނިއުޅެމުން ދިޔަ މަންޒަރުތައް މަންމައަށް ފެނުމުން ވާނެ ގޮތެއް ވެސް އެނގެނީކީ ނޫނެވެ. އަމުދުން ރުހައިމް ނާލާއާއި ބައްދަލުކުރިކަން އެނގިއްޖެނަމަ މަންމަ އަންނާނެ ރުޅި އަންދާޒާކޮށްލަން ވެސް ދައްޗެވެ.
''މަންމާ...'' ހާސްކަން ލުޔޫންގެ އަޑުގައި ވެއެވެ.
''ކިހިނެއް ވެެގެންތަ މިއުޅެނީ... ދޮރު ތަޅުލާފައި ހުރީ ކީއްވެ!... ކޮޓަރީގައި އެހުރީ ކާކު؟...'' ނަދީމާ ވެސް ކަންބޮޑުވެއްޖެއެވެ.
''މަންމާ... ޔަޝްފީ...'' ޖެހިލުންވެފައި ހުރެވެސް ލުޔޫންއަށް ބުނެވުނެވެ. އިތުރަށް ސިއްރުކުރުމުގެ ބޭނުމެއް ނެތެވެ. މަންމަ ރުޅިއައުން ނޫންކަމެއް ނުވާނެތީއެވެ.
''ވަޓް!... އޭނަ މިތާނގަ ކީއްކުރަނީ!... ލުޔޫން!!!...'' ނަދީމާ ހަޅޭއްލަވައިގަތެވެ. ރުޅި އައިމަކުގައި ވިޔަސް އެވަގުތަށް އޭނަ ބޭނުންވީ ކޮޓަރީގެ ދޮރު ހުޅުވާށެވެ. އެތެރޭގައި ހިނގަމުން ދިޔަ ދެބަސްވުމާއި ނާލާގެ ގަޔަށް ޔަޝްފީ އަތްއިސްކުރަމުންދާ މަންޒަރު ފެނި ނަދީމާއަށް ތެޅިގަނެވުނެވެ. ތަޅުދަނޑި ނެތުމުން އޭނައަށް ދުއްވައިގަނެވުނީ ނަރުސް ސްޓޭޝަނާއި ދިމާއަށެވެ.
ލުޔޫން ދޮރުގައި ތަޅަމުން ދިޔައެވެ. މަނާލްގެ ސިކުނޑިއަށް ވެސް ވެރިވެފައިވަނީ ހާސްކަމެވެ. އޭނައަށް އެވަގުތު ޚިޔާލެއް އައެވެ. އެކަމުން ނިކުމެދާނެ ނަތީޖާއަކާ މެދު ވިސްނުމަށް ވުރެން އޭނަ ބޭނުންވީ ޔަޝްފީގެ ކިބައިން ނާލާ ސަލާމަތްކޮށްދޭށެވެ.
''ކޮންތާކަށް ތި ދަނީ...'' ލުޔޫންއަށް ބުނެވުނެވެ. މަނާލް ބައްދަލުކޮށްލި ނަޒަރުން ލުޔޫންއަށް ތެޅިގަނެވުނެވެ.
''ނޫން!...'' ލުޔޫންއަށް މަނާލްގެ އަތުގައި ހިފާލެވުނެވެ.
''ދެން އިތުރު ގޮތެއް އެބައޮތްތަ؟... މިތަނުން ޔަޝްފީ ގެންދެވޭނީ ރުހައިމްއަށް....'' މަނާލް ބުންޏެވެ. މަޑުކުރުމެއް ނެތި މަނާލް ހިނގައިގަތެވެ. އޭނަ އުއްމީދު ކުރީ ޕާކްގައި ރުހައިމް ވާނެ ކަމަށެވެ. ނެތްނަމަ ގުޅަން ލުޔޫންގެ އަތުން ނަންބަރު ވެސް ހޯދައިފިއެވެ.
''ޝިޓް!...'' ލުޔޫންގެ ހިތް ބާރުބާރަށް ތެޅޭން ފެށިއެވެ. މަންމަގެ ރުޅިވެރި ބަސްތައް މިހާރު ވެސް އޭނައަށް އަޑު އިވޭ ފަދައެވެ. ހިންދިރުވާލުން ވެސް ދަތިވެއްޖެއެވެ.
*****
''އަތްއިސްނުކޮށް ވާހަކަ ނުދެއްކެންޏާ މިތަނުން ނިކުމޭ!...'' މޫނުގައި ނަގަމުން ދިޔަ ދިލައާއިއެކުގައި ވެސް ނާލާ ޔަޝްފީއާއި ކުރިމަތިލިއެވެ.
''މާތް މީހަކަށް ވާން އުޅޭނެ ކަމެއް ނެތް!، ކީއްވެ ރުހައިމް ފަހަތުން ނެއްޓެން ނޭނގިގެން ތިއުޅެނީ؟؟؟...'' ޔަޝްފީގެ ދެލޮލުން އަލިފާން ކަނި ބުރަ އެވެ.
''އަހަރެން ރުހައިމްގެ ފަހަތަކުން ނުދަން... ޔަޝްފީ ތިސުވާލުތައް އަހަންނާއި ކުރުމުގެ ބަދަލުގައި ރުހައިމްގެ ގާތު އަހާބަލަ، ރުހައިމް އައިސްގެން އުޅެނީ ޔަޝްފީއަށް ނޭނގިތަ؟... އެހެންވެއްޖެއްޔާ ރުހައިމްއާއި ޔަޝްފީގެ ގުޅުން ރަނގަޅުކުރަން މަސައްކަތްކޮށްބަލަ، ރުޅިއާއެކު އަހަންނާ ވާހަކަދައްކައިގެން އެއްވެސް ކަމެއް ހައްލުނުވާނެ!...'' ނާލާގެ ގާތަށް ވެސް ރުޅިއަތުވެއްޖެއެވެ. ރުޅިއަކީ އޭނައާއި މުޅިން ވެސް ބީރައްޓެހި އިހުސާސްކެވެ. ނަމަވެސް ޔަޝްފީގެ އަމަލުތަކުން އޭނައަށް ނަފުސު ކޮންޓްރޯލެއް ނުކުރެވުނެވެ. ރުހައިމްއާއި އަޅުވައިގެން ޔަޝްފީ ދައްކާ ވާހަކަތަކުން އިތުރަށް ރުޅިގަދަވާން ފެށިއެވެ.
''އަހަންނާއި ރުހައިމްގެ ގުޅުން ރަނގަޅު ނުވަނީ ވެސް ކަލެއާއި ހެދި... އަހަރެން ހީކުރީ ރުހައިމްއާއި ކަލެއާ ދެމެދު މައްސަލަޖައްސާ ދުރުކުރެވުނީމަ އަހަންނަށް ރުހައިމް ލިބޭނެކަމަށް!، އެކަމަކު އެހެނެއް ނުވި، ރުހައިމް އަދިވެސް ލޯބިވަނީ ކަލޭ ދެކެ!...'' ރުޅިން ގޮސް ޔަޝްފީގެ ދުލާ ހަމައަށް އޭނަ ފަރުދާ ކުރަމުން އައި ސިއްރު ވެސް އަތުވެއްޖެއެވެ. އެއާއެކު އޭނައަށް ހިންދިރުވާލެވުނެވެ.
ހައިރާންކަމާއެކު ޔަޝްފީއަށް ބަލަން ނާލާއަށް ހުރެވުނީ އެވެ. ނޭވާ ހިފަަހައްޓާލަން ޖެހުނު ވަގުތު ކޮޅެކެވެ. އޭނައާއި ހަތަރުކަޅި ހަމަކުރަން ޔަޝްފީއަށް އުނދަގޫ ވެއްޖެކަން ވެސް އޭނައަށް ފާހަގަކުރެވުނެވެ. އެއާއެކު ނާލާއަށް ވިސްނާލެވުނީ ރުހައިމް ދެއްކި ވާހަކަތަކާމެދުގައެވެ. އެދެމެދުގައި ހިނގިކަންތަކުގެ ހަނދާންތައް ވަނީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައިކަން ރުހައިމް ވަނީ ހާމަކޮށްފައެވެ. ޔަޝްފީގެ ދުލުން ބޭރުވި ޖުމްލައާއި އެކަމާ ގުޅުމެއް ވާނެޔޭ ނާލާގެ ހިތަށް އެރިއެވެ. ލިބުނު ހިތްދަތިކަމުން އެހާދިސާއާ މެދު އޭނައަށް ވިސްނާވެސް ނުލެވުނީއެވެ.
''ކީކޭ ތިބުނީ... ވަޓް ޑިޑް ޔޫ ޑޫ!...'' ނާލާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. ލޯކުރިމަތިން ތަމްސީލުވަން ފެށީ ރޮމުން ރުހައިމް އޭނަ ގާތު ކުރި އާދޭސްތަކެވެ.
ޔަޝްފީ ބާރަށް ހީގަތެވެ. ރުޅީގެ ސަބަބުން އޭނަގެ ހޭބުއްދި ރަނގަޅަށް ވެސް ފިލައިފިއެވެ. އަދިވެސް އޭނަގެ ލޮލަށް ފެންނަނީ ނާލާގެ ގައިގައި ރުހަިއމް ބައްދައިގެން ހުރި މަންޒަރެވެ. އޭނައަށް އެފަދަ މަގާމެއް ދުވަހަކު ވެސް ރުހައިމް ނުދިނެވެ. ރުހައިމްގެ ހިތުގައި އަބަދުމެ ވާނީ ނާލާގެ ނަންނަކަން ނަގައިގަނެވުނެވެ. ރުހައިމްއަކީ އޭނަގެ ހައްގެއް ނޫންކަން ގަބޫލުކުރަން ޔަޝްފީގެ ނަފުސު ދެކޮޅު ހެދިއެވެ.
''ޔަޝްފީ!...'' ނާލާއަށް ބުނެވުނެވެ. ޔަޝްފީގެ ތުންފަތުގައިވި މަލާމާތުގެ ހިނިތުންވުމުން ނާލާގެ ހިތަށް އިލްހާމެއް ވެގެން ދިޔައެވެ. އޭނައަށް ލިބުނު ސިހުމުގައި ފަހަތަށް ޖެހިލެވުނެވެ.
''ކަލޭގެ ގަމާރުކަމާއޭ އަހަރެންގެ ހިތަށް ހަރާ... ލޮލަށް ދައްކާ ކޮންމެ މަންޒަރެއް ކަލޭ ގަބޫލުކުރާނެ...'' ޔަޝްފީގެ އަޑުގައި ވަނީ މަލާމާތެވެ. ހަގީގަތް ބޭޒާރުވުމުން ސިއްރުކުރުމުގެ ނިޔަތެއް ޔަޝްފީގެ ނެތެވެ. ހަގީގަތް ހާމަވުމަށްފަހު ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ނާލާއަށް ނުލިބޭނެ މަގާމެއް އޭނައަށް ވަނީ ލިބިފައެވެ. އޭނަ އެއިނީ ރުހައިމްގެ ކުއްޖަކަށް ބަލިވެއެވެ. ހަމައެއާއެކު ނާލާގެ އަތުގައި ވަގުތެއް ވެސް ނެތެވެ. ނާލާ އެވަނީ މަރުގެ ތުންފަތްމަތީގައެވެ. ނާލާ މަރުވާނެހެން އޭނަ ދުޢާ ވެސް ކުރާނެއެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ