އާޓިފިޝަލް ބީޗުގައި ރޭގެ ވަގުތެއްގައި އަންހެނަކަށް އަނިޔާކުރި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މިރޭ ބުނީ އެ މައްސަލައިގެ ރިޕޯޓު އެ މުއައްސަސާއަށް ލިބިފައިވާ ކަމަށެވެ.

އާޓިފިޝަލް ބީޗުގައި، އަންހެނަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލަ، ސޯޝަލް މީޑިއާގައި އެ އަންހެން މީހާގެ އާއިލާ މީހެއް ކަމަށްވާ މަރިޔަމް ނީލީ ވަނީ ހިއްސާކޮށްފައެވެ.

މަރިޔަމް ނީލީ، ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ދައްތަގެ ކުރީގެ ފިރިމީހާ ވަނީ ރޭ 8:00 ހާއިރު، އާޓިފިޝަލް ބީޗުގައި އޭނާގެ ދައްތައަށް އަނިޔާކޮށް، ބިންމަތީގައި ދަމާފައި ކަމަށާއި އެއިރު އެތަނުގައި ތިބި އެއްވެސް މީހަކު އެހީވާން އައިސްފައިނުވާ ކަމަށެވެ. ފަހުން ބިދޭސީ މީހަކު އައިސް އެހީވެދީފައިވާ ކަމަށް މަރިޔަމް ނީލީ ބުންޏެވެ.

ކުރީގެ ފިރިމީހާ 17 އަހަރުވަންދެން ދައްތައާ ކައިވެނިކޮށްގެން އުޅުމަށްފަހު ވަރިވީ އެ ކައިވެންޏަކީ "އެބިޔުޒިވް" ކައިވެންޏަކަށް ވުމުން ކަމަށް މަރިޔަމް ނީލީ ބުންޏެވެ.

"އެންމެ ފުރަތަމަ ދައްތައަށް އަނިޔާކޮށްފައިވަނީ ފުރަތަމަ ފިރިހެން ކުއްޖާއަށް ބަނޑުބޮޑުވެފައި ވަނިކޮށް. އެއަށްފަހު އަބަދުހެން ދިޔައީ އަނިޔާ ކުރަމުން،" މަރިޔަމް ނީލީ ބުންޏެވެ.

އަނިޔާ ލިބެމުންދާތީ، ފިރިމީހާއާ ދެކޮޅަށް އާއިލާގެ ފަރާތުން ފުލުހަށް މައްސަލަ ހުށަހެޅި ކަމަށް މަރިޔަމް ނީލީ ބުންޏެވެ. ނަމަވެސް ފިރިމީހާ، ފުލުހަށް ގެންދިއުމަށްފަހު ގަޑިއިރެއްގެ ތެރޭގައި ދޫކޮށްލާފައިވާ ކަމަށް ނީލީ ބުންޏެވެ. ފުލުހުން އޭނާ ބަންދުން ދޫކޮށްލީ ދައްތަ އުޅޭ ގެއަށް ނުދިޔުމަށް އެންގުމަށްފަހު ކަމަށެވެ.

އެފަހުން އޭނާ ވަނީ ދައްތަގެ އާއިލާގެ މީހުން މަރާލާނެ ކަމަށް ބުނެ އެކި ފަހަރުމަތިން އިންޒާރު ދީފައި ކަމަށް މަރިޔަމް ނީލީ ބުންޏެވެ.