ރާއްޖޭގައި 17 ޕަސަންޓް މީހުން މަރުވަނީ ކެންސަރުގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއާ ހަވާލާދީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން އެޗްޕީއޭ އިން ނެރުނު ބަޔާނުގައި ބުނީ އެ ބައްޔަކީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ މީހުން މަރުވާ ސަބަބު ކަމަށާއި އަހަރަކު 10 މިލިއަން މީހުން އެ ބަލީގައި މަރުވާ ކަމަށެވެ.

ކެންސަރު ބަލީގައި މަރުވާ މީހުންގެ 40 ޕަސަންޓު މީހުންނަކީ ދިރިއުޅުމުގެ ވައްޓަފާޅި އާއި ގެންގުޅޭ ރަނގަޅު ނޫން އެކި އާދަތަކުގެ ސަބަބުން ކެންސަރު ބަލި ޖެހޭ މީހުން ކަމަށް އެޗްޕީއޭގެ ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ޑަބްލިޔުއެޗްއޯއާ ހަވާލާދީ އެޗްޕީއޭއިން ބުނީ، ރާއްޖޭގައި ވެސް އެންމެ ގިނަ މީހުން މަރުވާ ތިން ސަބަބުގެ ތެރޭގައި ކެންސަރު ހިމެނޭ ކަމަށެވެ. އަދި ޑަބްލިޔުއެޗްއޯ އިން އަންދާޒާކުރާ 2020 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 ޕަސަންޓަކީ ކެންސަރުގައި މަރުވާ މީހުން ކަމަށެވެ.

އެޗްޕީއޭ އިން އިތުރަށް ބުނީ، ކެންސަރު ބަލީގެ ރަޖިސްޓްރީ ގާއިމުކޮށް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.