ނ. ކުޑަފަރީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 52 ޕަސެންޓް ނިމިއްޖެއެވެ.

އެ މަޝްރޫއު ކުރިއަށް ގެންދާ އެމްޓީސީސީން މިއަދު ބުނީ، ކުޑަފަރީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށް ބޭނުންވާ ޖިއޯ ބޭގްގެ ދެވަނަ އަދި އެންމެ ފަހު ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށާއި އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ޖިއޯ ބޭގަށް ވެލި އެޅުމުގެ މަސައްކަތް ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން، 610 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި 220 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

އެ މަޝްރޫއު 17.57 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރީ 300 ދުވަސް ތެރޭގައި ނިންމުމަށެވެ.

ކުޑަފަރީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހުއެވެ. އެ މަޝްރޫއުގެ މަސައްކަތް ހައުސިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ 8 ފެބުރުއަރީ 2022 ގައެވެ.