ގާނޫނާ ހިލާފަށް ކައިވެނި ކުރެއްވުމުން އިމްރާން ހާން އާއި އަނބިކަނބަލުން ހަތް އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފިއެވެ.
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާންއާއި އަނބިކަނބަލުން ބުޝްރާ ބީބީ އަށް ޕާކިސްތާނު ކޯޓަކުން މި ހުކުމް ކޮށްފައިވަނީ 2018 ވަނަ އަހަރު ކުރި މި ކައިވެނި އެ ގައުމުގެ ގާނޫނާއި އިސްލާމީ ޝަރީއަތާއި ހިލާފުކަމަށް ސާބިތުވެފައިވާތީ ކަމަށް ބުނެއެވެ.
އިމްރާން ހާން މިހާރުވެސް ގެންދަވަނީ ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. ނަމަވެސް މި ހަފްތާގައި ޕާކިސްތާނުގައި އޮންނަ އާންމު އިންތިހާބާ ދިމާކޮށް އިމްރާނަށް ވަނީ ފުލުފުލުން ޖަލު ހުކުމާއި ކުރިމަތިލާންޖެހިވަޑައިގެންފައެވެ.
71 އަހަރުގެ އިމްރާން ހާން އަށް މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ވަނީ އެ ގައުމުގެ ދައުލަތުގެ ސިއްރު ލިޔެކިޔުންތަކެއް ލީކު ކުރެއްވި ކަމުގެ ކުށުގައި 10 އަހަރުގެ ޖަލު ހުކުމެއްވެސް ހިއްވައިފައެވެ.
މިދިޔަ ހަފުތާގެ ބުދަދުވަހު ވެސް އިމްރާންހާނަށް ވަނީ އިތުރު ޖަލުހުކުމެއް ކޮށްފައެވެ. އެ ދުވަހު ވަނީ ގައުމަށް އެކި ދައުލަތްތަކުން ލިބޭ ހަދިޔާތަކަށް ހިޔާނާތްތެރިވެވަޑައިގެންފައިވާ ކަމުގެ ދައުވާ ސާބިތުވެ، 14 އަހަރުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. ހަމަ އެ ދައުވާގައި އަނބިކަނބަލުން ބީބީ އަށްވެސް ވަނީ 14 އަހަރުގެ ހުކުމެއް އިއްވައިފައެވެ.
އިމްރާން ހާން ނިސްބަތްވެވަޑައިގަންނަވާ ޕާކިސްތާނުގެ ތަހްރީކް އީ އިންސާފް ޕާޓީން ވަނީ މިއީ އިމްރާން އަށް ސިޔާސީގޮތުން ފިއްތުމަށްޓަކައި އިއްވަމުންގެންދާ އެއްވެސް އަސާސެއް ނެތް ހުކުމްތަކެއް ގޮތުގައި ސިފަކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ