ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ގާޒާގައި އިޒްރޭލުން ހިންގަމުންދާ ޖަރީމާއަކީ ގަތުލުއާއްމެއް ނޫންކަމަށް ބުނެ ވަކާލާތު ކުރަމުންދާ އެއްގައުމަކީ ޖަރުމަންވިލާތެވެ. މި ހަނގުރާމަ ކުރިއަށް ގެންގޮސް ފަލަސްތީނުގެ ރައްޔިތުން މަރައި ހުސްކުރުމަށް އިޒްރޭލަށް ހިތްވަރުދީ އެހީތެރިވަމުންދާ އެއްގައުމަކީވެސް ޖަރުމަންވިލާތެވެ. އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާއިން ދުނިޔޭގެ ކޯޓަށް ހުށައެޅި މައްސަލައިގައި އިޒްރޭލް ދިފާއުކޮށް ގަތުލުއާއްމަކީ ކޮން އެއްޗެއްކަން ދުނިޔެއަށް ބުނެދޭން އެންމެ ބޮޑަށް މަސައްކަތްކުރި އެއްގައުމަކީވެސް ޖަރުމަންވިލާތެވެ. ޖަރުމަންވިލާތުގެ މި ބުނުންތައް ކުށްވެރިކުރުމާއެކު ޖަރުމަންވިލާތުގެ ތާރީޚު އެގައުމަށް ހަނދާންކޮށްދިނުމަށް އަވަސްވެގަތީ އެފްރިކާގެ ދެކުނު ބިތުގެ ގައުމެއް ކަމަށްވާ ނެމީބިޔާއިންނެވެ. އެގައުމުން ބުންޏެވެ. ހައިރާންވެއްޖައީމެވެ. އިހަށް އަމިއްލަ ނަފުސު ތާހިރުކޮށްގެންތިބެ ޒާތްޒާތުގެ ވާހަކަ ދައްކާށެވެ. ތިމާމެންނަށް ދެއްކެންނެތް ވާހަކަ ވާހަކަ ނުދައްކާށެވެ.
ނެމީބިއާއިން ހަނދާންކޮށް އެދިނީ ޖަރުމަންވިލާތުގެ އަނދިރި މާޒީން ސަފުހާއެކެވެ. ނެމީބިޔާގެ ރައްޔިތުންނާ ދެކޮޅަށް ޖަރުމަންވިލާތުން ހިންގާފައިވާ ގަތުލުއާއްމެއްގެ ހިތި ހަނދާންތަކެވެ. ތިޔައީ ނުހިނގާ ކަމެކޭ ބުނެ އިންކާރު ކުރެވެންނެތް ހަގީގަތެއްގެ ވާހަކައެވެ. ނެމީބިޔާގެ ރައްޔިތުންނާ ދެކޮޅަށް ޖަރުމަންވިލާތުން ހިންގި ގަތުލުއާއްމަކީ ކޮބައިބާވައެވެ. އޭގެ ތާރީޚަކީ ކޮބައިބާވައެވެ. ބަލައިލަމާ ބަހީއެވެ. މީލާދީން 1884 ވަނަ އަހަރު ޖަރުމަންވިލާތުގެ ވެރިރަށް ބާލިންގައި ވިލާތުގެ ބާރުތަކާއި އެމެރިކާގެ މެދުގައި ބޮޑު މަހާސިންތާއެއް ބޭއްވުނެވެ. މިއީ މިގައުމުތަކުގެ މެދުގައި އެފްރިކާ ބައްރު ބަހައިލާނެ ގޮތެއް ނިންމުމުގެ މަހާސިންތާއެކެވެ. މިއިން އެއްބަސްވެވުނީ އެފްރިކާގެ ސަރަހައްދުން ޖަރުމަންވިލާތަށް ލިބޭ ބަޔަކީ ނެމީބިޔާ ކަމުގައެވެ. މިއީ ސަރަހައްދު ބޮޑު، ބައިމަދު، ގުދުރަތީ ވަސީލަތްތައް ގިނަ ސަރަހައްދެކެވެ. މި އެއްބަސްވުމާއެކު ނެމީބިޔާގެ މައްޗަށް ފެށުނީ ޖަރުމަންވިލާތުގެ ގަދަފަދަ އިސްތިއުމާރީ ވެެރިކަމެވެ.
ނެމީބިއާ އިސްތިއުމާރު ކުރުމަށްޓަކައި އެގައުމުގައި ވަޒަންވެރިވީ ޖަރުމަންވިލާތުގެ ފަސްހާސް މީހުންނެވެ. ނެމީބިޔާގެ އާބާދީއަކީ އޭރު ތިންލައްކައެވެ. އެމީހުންގެ ދިރިތިބުމާއި މަރާމެދު ނިޔާއިއްވުން އޮތީ ޖަރުމަން މީހުންގެ އަތްމަތީގައެވެ. ޖަރުމަނު މީހުންގެ އެންމެ ފުރަތަމަ ނިންމުމަކީ ނެމީބިޔާ ރައްޔިތުންގެ ދަނޑުބިންތަކުން އެމީހުން ނެރެ ޚާއްސަ ސަރަހައްދުތަކެއް ގާއިމްކޮށް އެތަންތަނަށް ބަދަލު ކުރުމެވެ. މި ނިންމުމަށް ތަބާނުވި ކޮންމެ މީހެއްގެ އަދަބަކީ މަރެވެ. ޖަރުމަނު މީހަކު ނެމީބިޔާ މީހަކު ތެޅިޔަސް، މެރިޔަސް އެއީ ކުށެއް ނޫނެވެ. އެކަމަކު ނެމީބިޔާ މީހަކު ޖަރުމަނު މީހަކާ ދެބަސްވެރިވެ ޒުވާބުކުރުމަކީވެސް މަރު ހުއްދަ ކުށެކެވެ. މިބީދަޔަކުން ނެމީބިޔާގެ ބިންތައް ފޭރި، ތަނުގެ އަސްލު ވަޒަންވެރިންނާ ދޭތެރޭ އަނިޔާވެރިވުމުގެ ނަތީޖާއަކީ ޖަރުމަންވިލާތުގެ މީހުންނާމެދު އިންތިހާ ދަރަޖައިގެ ނަފުރަތު އުފެދި ވަރުގަދަވުމެވެ. ދެކޮޅުވެރިކަމުގެ ހަރަކާތްތަކެއް ފެށުމެވެ.
މިހިސާބުން ޖަރުމަންވިލާތުގެ އިސްތިއުމާރާ ދެކޮޅަށް އެންމެ ވަރުގަދަޔަށް ތެދުވެގަތީ ހެރޭރޯ ގަބީލާގެ މީހުންނެވެ. ދެން ނާމާ ގަބީލާގެ މީހުންނެވެ. މި ދެބައި މީހުންގެ ގުޅިފައިވާ ވެރިޔަކީ ސެމުއެލް މަހަރޭރޯއެވެ. މި ތެދުވުމެއް ތެދުވެގަތީ 1904 ގައެވެ. މި ހަރަކާތުގެ ތެރޭގައި އެމީހުން ވަނީ ޖަރުމަނުގެ މުސްތައުމިރުންގެ ތެރެއިން ސަތޭކަވިހި މީހުން މަރާލައިފައެވެ. ފުރަތަމަ ދުވަސްކޮޅު ހެރޭރޯ ގަބީލާޔާއި ނާމާ ގަބީލާއަށް ހިސާބެއްގެ ކުރިއެރުންތަކެއް ލިބުނަސް އެމީހުންގެ އަތުގައި މެޝިންބަޑިޔާއި ބޮޑުބަޑި ނެތުމުގެ ނަތީޖާއެއްގެ ގޮތުން އެންމެފަހުން ބަލިވީއެވެ. މި ބައްޔާއެކު ޖަރުމަނުގެ މުސްތައުމިރުން ވަނީ ނެމީބިޔާގެ ރައްޔިތުންގެ ތެރެއިން ކުޑަކުއްޖެއް، މުސްކުޅިއެއް، ޒުވާނެއް، އަންހެނެއް، ފިރިހެނެއް، ކުޅެދޭ މީހެއް، ނުކުޅެދޭ މީހެއް ތަފާތުނުކޮށް ދޮޅުލައްކަ މީހުން މަރާލައިފައެވެ. އެއީ އެދުވަސްވަރު ނެމީބިޔާގެ މުޅި އާބާދީގެ ދެބައިކުޅަ އެއްބައެވެ. ނުވަތަ އެއަށްވުރެވެސް މަތީ މިންވަރެކެވެ.
މި ގަތުލުއާއްމަކީ މީލާދީން ވިހިވަނަ ސައްތައިގެ ތެރޭގައި ބަޔަކު ހިންގި ފުރަތަމަ ގަތުލުއާއްމެވެ. އެކަމަކު މިއީ ކުށެއްކަމަށް، ގަތުލުއާއްމެއް ކަމަށް ޖަރުމަންވިލާތަކުން ގަބޫލެއް ނުކުރެއެވެ. މިއީ އެމީހުން ޒިންމާވާންޖެހޭ ކަމެއްކަމަށްވެސް އަދި ޖަރުމަންވިލާތުގެ ފަސްބައިގައި ޖެހިފައިވާ ލައްގަނޑެއްކަމަކަށްވެސް އެއްބަހެއް ނުވެއެވެ. އެމީހުން ނެމީބިއާގައި ވެރިކަންކުރިހާ ދުވަހުއެވެ. ޖަރުމަންވިލާތުގެ އިސްތިއުމާރު ނިމުނީ ފުރަތަމަ ބޮޑު ހަނގުރާމައިގެ ތެރޭގައި ޖަރުމަންވިލާތް ބަލިވުމުން 1915 ވަނަ އަހަރުއެވެ. އޭގެފަހުން ދެން ނެމީބިޔާގައި 1990 ވަނަ އަހަރުގެ މާރޗް އެކާވީސްވަނަ ދުވަހާ ހަމައަށް އޮތީ ދެކުނު އެފްރިކާގައި އޮތް ދޮންމީހުންގެ ސަރުކާރުގެ ވެރިކަމެވެ. ނެމީބިޔާއަށް މިނިވަންކަން ލިބުނީ ކުރިން މިދެންނެވި ދުވަހުއެވެ. ދެކުނު އެފްރިކާގައި އޮތް ނަސްލީ އިމްތިޔާޒުގެ ވެރިކަމުގެ ފަރާތުން ނެމީބިޔާގެ ރައްޔިތުންގެ ހައްގުގައި އެއްވެސް ކަމެއް ނުކުރެއެވެ. ޖަރުމަންވިލާތުގެ ޖަރީމާތަކަށް ޒިންމާދާރު ކުރުވުމުގެ މަސައްކަތެއްވެސް ނުކުރެއެވެ.
ނެމީބިޔާ މިނިވަންވުމާއެކު ބައިނަލްއަގުވާމީ އެކި ފޯރަމްތަކުގައި އެމީހުން ދިޔައީ ޖަރުމަންވިލާތުގެ ގަތުލުއާއްމުގެ ވާހަކަ ދައްކަމުންނެވެ. މި ގަތުލުއާއްމުގެ ޒިންމާ ޖަރުމަންވިލާތުން އުފުލާންޖެހޭނެ ކަމަށް ބުނަމުންނެވެ. އެންމެފަހުން ޖަރުމަންވިލާތުން މި ޒިންމާ އުފުލާކަމަށާއި ނެމީބިއާގައި ހިންގީ ގަތުލުއާއްމެއް ކަމަށް އިއުތިރާފުވީ 2021 ވަނަ އަހަރުއެވެ. ޚާރިޖީވަޒީރު ހެއިކޯ މާސް ނެރުއްވި ރަސްމީ ބަޔާނަކުންނެވެ. ކޮންމެއަކަސް ޖަރުމަންވިލާތަކީ ގަތުލުއާއްމު ހިންގާފައިވާ ގައުމެކެވެ. އެންމެ ގަތުލުއާއްމެއް ނޫނެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ރަޝިޔާގައިވެސް ހިންގީ ގަތުލުއާއްމެވެ. އިރުމަތީ ޔޫރަޕުގެ ޔަހޫދީންނާ ދެކޮޅަށްވެސް ހިންގީ ގަތުލުއާއްމެވެ. މިވަރުގެ ބަޔަކު މިހާރު ހުދުހެދުން ލައިގެން ތެދުވެ އިޒްރޭލުގެ ޖަރީމާތައް ގިރިޓީކޮށް އެެއީ ގަތުލުއާއްމެއް ނޫންކަން ދެއްކުމަށް އުޅެގަތީމާ ޖަރުމަންވިލާތަށް އެގައުމުގެ ތާރީޚު ކޮންމެވެސް ބަޔަކު ކިޔައިދޭން އެބަޖެހޭތާއެވެ. ނެމީބިޔާއިން ކުރީ އެ މަސައްކަތެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ