އީރާނާއި ޕާކިސްތާނަކީ ދެ އަވަށްޓެރިންނެވެ. ދެ ގައުމުގެ ގުޅިފައިވާ ބޯޑަރު ނުވަތަ ސަރަހައްދީ އިން 909 ކިލޯމީޓަރަށް ދެމިގެންގޮސްފައިވެއެވެ. މި ދެ ގައުމަކީވެސް އިސްލާމީ ދުނިޔޭގައި އަސްކަރީގޮތުން އެންމެ ކެރިކުޅަދާނަކަން ބޮޑު ދެ ގައުމެވެ. ޕާކިސްތާނަކީ އިސްލާމީ ދުނިޔޭގައި ނިއުކުލިއަރ ހަތިޔާރު ލިބިގެންވާ ހަމައެކަނި ގައުމެވެ. އީރާނަކީ ނިއުކުލިއަރ ގާބިލްކަން ލިބިގަތުމަށްޓަކައި މިހާރު އެންމެ ބޮޑަށް އެންމެ ހަލުވިކޮށް މަސައްކަތްކުރާ ގައުމެވެ. އީރާނަކީ 1.7 މިލިޔަން އަކަކިލޯމީޓަރުގެ ބިޔަ ސަރަހައްދަކަށް ފެތުރިފައިވާ ގައުމެކެވެ. އާބާދީއަކީ ގާތްގަޑަކަށް 88 މިލިޔަނެވެ. ސައިޒުގެ ގޮތުން އީރާނަކީ ޕާކިސްތާނަށްވުރެ ދެގުނަ ބޮޑު ގައުމެކެވެ. އެކަމަކު އީރާނަށްވުރެ ތިންގުނަ ބޮޑު އާބާދީއެއް ޕާކިސްތާނަށް ލިބިގެންވެއެވެ. ސިފައިންގެ އަދަދާއި ހަތިޔާރާއި އުޅަނދުތަކުގެ އަދަދާއި ކޮލިޓީއާއި ލިބިފައިވާ ތަމްރީނަށް ބަލާއިރު ޕާކިސްތާނަކީ ދުނިޔޭގެ ނުވަވަނައެވެ. އީރާނަކީ ދުނިޔޭގެ ސާދަވަނައެވެ.
އީރާނާއި ގުޅިފައިވާ ޕާކިސްތާނުގެ ޕްރޮވިންސަކީ ބަލޫޗިސްތާނެވެ. އީރާނުގެ ޕްރޮވިންސްތަކުގެ ތެރެއިން ޕާކިސްތާނާ ގުޅިފައިވާ ޕްރޮވިންސްގެ ނަމަކީ ސިސްތާން ބަލޫޗިސްތާނެވެ. މި ދެ ޕްރޮވިންސްގައިވެސް ވަކިވެގަތުމުގެ ހަރަކާތްތަކެއް ކުރިއަށްދެއެވެ. ބަލޫޗިސްތާނަކީ ސައިޒުގެ ގޮތުން ޕާކިސްތާނުގެ އެންމެ ބިޔަ ޕްރޮވިންސްކަމަށްވާއިރު އެންމެ ބައިމަދު ޕްރޮވިންސަކީވެސް އެއީއެވެ. އެންމެ ފަގީރު ޕްރޮވިންސަކީވެސް އެއީއެވެ. ބަލޫޗިސްތާނުގެ މާނަޔަކީ ބަލޫޗުންގެ ވަޒަނެވެ. މިއީ ވަކި ދަރިކޮޅެކެވެ. ބަލޫޗުން ދިރިއުޅެނީ ޕާކިސްތާނުގައި އެކަންޏެއް ނޫނެވެ. އީރާން، އަފްޣާނިސްތާން، އެމިރޭޓްސް އަދި އޮމާނުގައިވެސް ގިނަ އަދަދެއްގެ ބަލޫޗުން ދިރިއުޅެއެވެ. އަފްޣާނިސްތާނުގެ ބަލޫޗުން ދިރިއުޅެނީ އެ ގައުމުގެ ބަލޫޗިސްތާނުގައެވެ. އެއީވެސް ވަކިވެގަތުމުގެ ހަރަކާތްތަކެއް ކުރިއަށްދާ ޕްރޮވިންސެކެވެ. އެހެންވީމާ މި ތިން ގައުމުގައިވެސް ބަލޫޗުން ވެފައިވަނީ މަރުކަޒީ ވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުމަކަށެވެ.
އީރާނުގެ 31 ޕްރޮވިންސްގެ ތެރެއިން ސިސްތާން ބަލޫޗިސްތާނަކީ ސައިޒުގެ ގޮތުން ދެވަނައަށް އެންމެ ބިޔަ ޕްރޮވިންސެވެ. އާބާދީ މަދުވެފައި އެންމެ ފަގީރު ޕްރޮވިންސެވެ. އީރާނުގައި އަޣުލަބިއްޔަތު އޮތީ ޝިޔައީ މުސްލިމުންނަށް ކަމުގައިވިޔަސް ބަލޫޗިސްތާނުގައި އަޣުލަބިއްޔަތު އޮތީ ސުންނީންނަށެވެ. އެހެންކަމުން ވަރަށް ކުރީއްސުރެ މަޒުހަބީ ދެކޮޅުވެރިކަމުގެ އަލިފާނެއް މި ޕްރޮވިންސްގައި އަންނަނީ އަނދަމުންނެވެ. އީރާނުގެ މަރުކަޒީ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ ބަލޫޗު ހަނގުރާމަވެރިން ފިލައިތިބެނީ ޕާކިސްތާނުގެ ބަލޫޗިސްތާނުގައެވެ. ހަމައެގޮތަށް ޕާކިސްތާނުގެ މަރުކަޒީ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ ބަލޫޗު ހަނގުރާމަވެރިން ފިލައިތިބެނީ އީރާނުގެ ބަލޫޗިސްތާނުގައެވެ. މި ދެބައި މީހުންވެސް ދޭތެރެ ދޭތެރެއިން އީރާނާއި ޕާކިސްތާނުގެ ސިފައިންނާއި ފުލުހުންނަށް ހަމަލަދެއެވެ. ބޮޑެތި ގެއްލުންތައް ކުރިމަތި ކުރުވައެވެ. އެހެންކަމުން މި ދެގައުމުގެ ގުޅުންތަކަށް މިކަމުގެ ބިރުވެރި ހިޔަނި ވަރަށް ބޮޑަށް އެޅެއެވެ.
ވަކިވެގަތުމުގެ ހަރަކާތްތަކެއް ހިނގާ އީރާނުގެ ހަމައެކަނި ޕްރޮވިންސަކީ ސިސްތާން ބަލޫޗިސްތާނެއް ނޫނެވެ. އީރާނުގެ ހުޅަނގު އުތުރުގެ ކުރުދިސްތާން ޕްރޮވިންސަކީވެސް ހަމަ އެޒާތުގެ އޮއިވަރެއްގެ ތެރޭގައި އޮންނަ ޕްރޮވިންސެކެވެ. ބަލޫޗުން ފަދައިން ކުރުދީންނަކީވެސް ވަކި އަމިއްލަ ގައުމެއްނެތި މުޅި ސަރަހައްދަށް ފެތުރިފައިވާ ނަސްލެކެވެ. އީރާނާއި ތުރުކީގައެވެ. އަދި އިރާގާއި ސީރިޔާގައެވެ. މިއިން ހަމަ ކޮންމެ ގައުމެއްގައިވެސް މި އޮއިވަރު ކުރިއަށްދެއެވެ. އެއްގައުމުގައި ހަމަލާތަކެއް ދީފައި ފިލައިތިބެނީ އަނެއް ގައުމުގެ ތެރޭގައެވެ. މި ޖެނުއަރީ މަހުގެ ތިންވަނަ ދުވަހު އީރާނުގެ ކަރްމާން ޕްރޮވިންސްގެ ގަބުރުސްތާނެއްގައި އީރާނުގެ ބަތަލެއްގެ ޒިކުރާ އައުކުރުމަށް އެއްވި ބައެއްގެ ތެރޭގައި ބޮންގޮއްވައި ސަތޭކަޔަށްވުރެ ގިނަ މީހުން މަރައިލި ހާދިސާއަކީ ކުރުދީ ހަނގުރާމަވެރިންނާއި ބަލޫޗު ހަނގުރާމަވެރިން ގުޅިގެން އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑުގެ އެހީތެރިކަން ލިބިގެން ހިންގި ހާދިސާއެއް ކަމަށް އީރާނުން ތުހުމަތު ކުރެއެވެ.
މި ހަމަލާގެ ބަދަލު ވަރަށް ވޭންދެނިވި ގޮތެއްގައި ހިފާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ. މި އިންޒާރަށް ދެ ހަފުތާ ފަހުން އީރާނުން ވަނީ ތިން ގައުމެއްގެ ތެރޭގައިވާ މަރުކަޒުތަކަށް ކްރޫޒް މިސައިލުން ހަމަލަދީފައެވެ. ސީރިޔާގެ ތެރޭގައިވާ ކުރުދީންގެ ބައެއް ތަންތަނަށާއި އިރާގުގެ ކުރުދިސްތާނުގައިވާ ބައެއް ތަންތަނަށެވެ. ހަމައެޔާއެކު ޕާކިސްތާނުގެ ބަލޫޗިސްތާނުގައިވާ ބަލޫޗު ހަނގުރާމަވެރިންގެ ބައެއް ތަންތަނަށެވެ. އިރާގާއި ސީރިޔާއަށް ހަމަލަދިނުމަކީ މާބޮޑު ކަމެއް ނޫނެވެ. ރައްދުގައި އެއިން ގައުމަކަށް އީރާނާ ދެކޮޅު ހަމަލާއެއް ނުދެވޭނެއެވެ. ދޭކަށް ނުވެސް ކެރޭނެއެވެ. އެކަމަކު ޕާކިސްތާނަކީ އަދި އެހެން ފެންވަރެއްގެ ގައުމެކެވެ. އީރާނާ ވަރުން އެޅިގެންވާ ގައުމެކެވެ. ޕާކިސްތާނުން ގަބޫލުކުރީ މިއީ ޕާކިސްތާނުގެ ސިޔާދަތަށް އަރައިގަތުމެއް ކަމުގައެވެ. އެހެންވީމާ އިތުރު ވިސްނުމަކަށްވެސް ނުގޮސް ޕާކިސްތާނުން ވަނީ އީރާނުގެ ސިސްތާން ބަލޫޗިސްތާނުގެ ތެރޭގައިވާ އެތައް ތަނަކަށް ބޮންއަޅައިފައެވެ.
މިއީ އިސްލާމީ ދުނިޔޭގެ އެންމެ ބޮޑު ދެބާރެވެ. އެއްބަޔަކު އަނެއް ބަޔަކަށް މި ބީދައިން ހަމަލާދިނުމަކީ ހުޅުވިފައިވާ ބޮޑު ހަނގުރާމައެއްގެ ބިރުވެރިކަން އިންތިހާއަށް އުފުލިގެންދިޔަ ކަމެކެވެ. ޚާއްސަކޮށް އެއްބަޔަކު އަނެއް ބަޔަކާ ގުޅުންތައް ކަނޑާލައި ސަފީރުންވެސް އަނބުރާ ގެނަައުމަކީ ކަންބޮޑުވުމާއި އުދާސްތައް އިތުރުވެގެންދިޔަ ކަމެކެވެ. އިސްލާމީ އުއްމަތުގެ ހަލާކަށް އެދިއެދި ތިބި އިޒްރޭލާއި އެމެރިކާ އަދި އިންޑިޔާފަދަ ގައުމުތަކަށް މިއީ ނުހަނު އުފާވެރިކަން ލިބުނު ކަމަކަށްވެސް ވިއެވެ. އެހެނަސް ދާދި އަވަހަށް އީރާނާއި ޕާކިސްތާނު ވަނީ ރުޅިވެރިކަމާއި އަދާވާތްތެރިކަން ދޫކޮށްލައި ގުޅުންތައް އަލުން އިއާދަކޮށްފައެވެ. ހަނގުރާމައަކަށް ދިޔުމަކީ މި ދެގައުމަށްވެސް އަދި މުޅި އިސްލާމީ އުއްމަތަށްވެސް ހަލާކާއި މުސީބާތް ފިޔަވައި އެހެން އެއްޗެއް ލިބޭނޭ ކަމެއް ނޫންކަން ވިސްނިގެންނެވެ. މިހިސާބުން އުފެދޭ ސުވާލަކީ މައްސަލައިގެ އަސްލު ނައްތާނުލައި ދާއިމީ ސުލްހައެއް ގެނެވިދާނެތޯއެވެ. އެއީ މިވަގުތު ޖަވާބު ހޯދަން ފަސޭހަ ސުވާލެއް ނޫނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ