ޗައިނާއަށް ޖާސޫސު ކޮށްދިންކަމުގެ ތުހުމަތުގައި އިންޑިއާއިން ހައްޔަރުކުރި ކޮތަރު ދޫކޮށްލައިފިއެވެ.

އިންޑިއާގެ ނޫސްތަކުން ބުނީ އެ ގައުމުގެ ފުލުހުން ހައްޔަރުކުރި ކޮތަރު 8 މަސް ފަހުން ދޫކޮށްލާފައި ވަނީ އެ ކޮތަރަކީ ޗައިނާއިން ޖާސޫސު ކުރަން ބޭނުންކުރާ ކޮތަރެއް ނޫން ކަމަށް ފުލުހުންނަށް ޔަގީން ވުމުން ކަމަށެވެ.

އޮޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެފައިވާ ގޮތުގައި، އެ ކޮތަރު ހިފާފައިވަނި މިދިޔަ އަހަރުގެ މެއި މަހު އިންޑިއާގެ މުމްބާއީންނެވެ. ކޮތަރު ހިފިއިރު އެސޮރުގެ ފައިގައި ދެ ރިންގު ހުރިކަމަށާއި އެއީ ޗައިނާއިން ޖާސޫސު ކުރުމަށް ބޭނުން ކުރި ކޮތަރެއް ކަމަށް ބެލެވުނީ އެހެންވެގެން ކަމަށް ވެސް ރިޕޯޓުތައް ބުނެފައިވެއެވެ.

https://www.instagram.com/reel/C21MDPPAhKm/

ފުލުހުންނާއި ކަމާބެހޭ އިދާރާތަކާ ގުޅިގެން ހިންގި ތަހުގީގުން ވަނީ އެ ކޮތަރަކީ ޓައިވާނުގައި ރޭސް ޖެހުމުގެ ކުޅިވަރެއްގައި ބޭނުންކުރާ ކޮތަރެއް ކަމަށް ޔަގީންވެފައެވެ. އެ ކޮތަރު ޓައިވާނުން ގެއްލި އިންޑިއާއަށް އެތެރެވެފައިވާ ކަމަށްވެސް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

މިއީ އިންޑިއާއިން ޝައްކުވެގެން ކޮތަރު ހައްޔަރު ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. އެގައުމުގެ ފުލުހުން ވަނީ 2020 ވަނަ އަހަރުވެސް ކަޝްމީރު ސަރަހައްދުން ކޮތަރެއް ހިފައި ހައްޔަރުކޮށްފައެވެ. އެ ފަހަރު ވަނީ އެކޮތަރަކީ ޕާކިސްތާނުގެ ޖާސޫސީ ކޮތަރެއް ކަމަށް ތުހުމަތު ކޮށްފައެވެ. ނަމަވެސް ފަހުން އެ ކޮތަރުވެސް ވަނީ ދޫކޮށްލައިފައެވެ.

2016 ވަނަ އަހަރުވެސް އިންޑިއާއިން ކޮތަރެއް ހައްޔަރު ކުރިއެވެ. އެފަހަރު އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ބިރުދައްކައި މެސެޖެއް ލިޔެފައި އޮތް ލިޔުމެއް ކޮތަރުން ފެނިފައިވާކަމަށް އޮފިޝަލުން ބުނެއެވެ.