ވިލިމާލޭ މޫދަށް އެރޭ ސަރަހައްދު ހިމާޔަތް ކުރުމަކީ ސަރުކާރުން ކުރަން ނިންމާފައިވާ ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ ރާއްޖޭގެ ވޯޓާ ސްޕޯޓްސް ދާއިރާގައި މަސައްކަތް ކުރާ ޒޫނާ ނަސީމް ފާޅުކުރެއްވި ކަންބޮޑުވުމަކަށް ޖަވާބު ދެއްވަމުންނެވެ. ވިލިމާލޭގައި ޑައިވް ސެންޓަރެއް ހިންގާ ޒޫނާ ވަނީ ވިލިމާލޭގެ މޫދަށް އެރޭ ސަރަހައްދު ހިމާޔަތްކޮށް ދިނުމަށާއި ވޯޓާ ސްޕޯޓްސް މަސައްކަތް ކުރާ މީހުންނަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސައި ދިނުމަށް އެދިފައެވެ.

ޒޫނާގެ އެ ކަންބޮޑުވުންތަކަށް ރައީސް ވިދާޅުވީ ވިލިމާލޭ މުދަށް އެރޭ ސަރަހައްދު ހިމާޔަތްކުރުމަކީ ގިނަ ބަޔަކަށް އެކަމުގެ ފައިދާ ކުރާނެ ކަމެއް ކަމަށާއި އެއީ ސަރުކާރުން ކުރަން ނިންމާފައިވާވެސް ކަމެއް ކަމަށެވެ.

"މި ސަރަހައްދުގައި މޫދައް އެރޭ މާ ގިނަ ސަރަހައްދުތަކެއް ނެތް. އެހެންވީމަ ވިލިމާލޭގައި ޒޫނާ ތިޔަ ވިދާޅުވި ގޮތަށް މި ސަރަހައްދު ހިމާޔަތްވެގެން ދިއުމަކީ މުހިންމު ކަމެއް،" ރައީސް ވިދާޅުވިއެވެ.

ދިވެހިންނަށް ވޯޓާ ސްޕޯޓްސް ޓްރެނިން ދިނުމަށް ހިންގާ ތަންތަނަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ދިގު މުއްދަތަކަށް ބިންކޮޅެއް ލިބުން ފަދަ ގޮތްތަކެއް ހަމަޖެހިގެން ދިއުމަށް އެދޭކަމަށް ޒޫނާ ބުނުމުން ރައީސް ވިދާޅުވީ ދިވެހިންނަށް ޓްރެނިން ދިނުމަށް ބޭނުންވާ ފުރުސަތުތައްވެސް ފަހިކޮށްދެއްވާނެ ކަމަށެވެ.

އެގޮތުން ވިލިމާލެއާއި މާލެ ސަރަހައްދުގައި އެކަމަށް ޖާގަ އޮންނަ އެހެން ތަންތަނުގައިވެސް އެކަން ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވިއެވެ.