ދެ ދުވަސް ފަސް
ކޮޓަރީގައި ދެކޮޅަށް ހިނގަމުން ދިޔަ ރުހައިމް ހަށިފުރާ ފުންނޭވާއެއް ދޫކޮށްލިއެވެ. ޖިންސުގެ ޖީބުގައި އޮތް ފޯނު ނަގައި ހުޅުވާލިއެވެ. ނަންބަރެއް ލިޔެލުމަށްފަހު ގުޅަން އުޅެފައި ވެސް ފޮހެލިއެވެ. އަނެއްކާ ވެސް ފޯނު ޖިންސުގެ ޖީބަށް ލިއެވެ.
އިސްކޮޅުގެ ދިގުމިން ހުރި ކުޑަދޮރު ކައިރިއަށް ރުހައިމް ހުއްޓިލިއެވެ. އަދި ކުޑަދޮރުގެ ފަރުދާތައް ކަހާލިއެވެ. ބޭރަށް އޭނަ އަވަސް ނަޒަރެއް ދިނެވެ. ދެދުވަސް ވަންދެން ވެހެމުން ދިޔަ ވާރޭ އޮތީ އަލިކޮށްލައިފިއެވެ. އިރުގެ ދަޅަތަކުން ނުދިޔެ ދޮންކުރަމުން ދިޔައެވެ. ދުރުދުރުން އަދިވެސް ޖައްވުގައި ވިއްސާރަ ވިލާތަކުގެ ނިޝާން ވެއެވެ. އެތައް އިރެއް ވަންދެން ބޭރަށް ނަޒަރު ހުއްޓާލައިގެން ރުހައިމް ހުއްޓެވެ. ފުން ވިސްނުމަކަށް ގެއްލިފައެވެ.
ރުހައިމްއަށް އޭނަގެ ނިތުގައި ފިރުމާލެވުނެވެ. އެނެއްކާ ވެސް އޭނަ ފޯނު ނެގިއެވެ. މިފަހަރު ވެސް އޭނައަށް ހިތްވަރެއް ނުލިބުނެވެ. ދެދުވަސް ވޭތުވެގެން އެދަނީ އެފަދަ ހާލެއްގައެވެ. ނާލާއާއި ބައްދަލުކުރަން އޭނަ ބޭނުން ވިޔަސް އެއީ ފަސޭހަކަމަކަށް ނުވިއެވެ. އޭނައަށް އެކަމުގައި މަދަދުވެރިކަން ބޭނުންވެއެވެ. އެހީތެރިކަމަށް އެދެވެން އޮތީ ހަމައެކަނި ލުޔޫންގެ ފަރާތުންނެވެ. ނަމަވެސް ލުޔޫން ދެކޮޅު ހަދާފާނެތީ ރުހައިމްގެ ހިތުގައި ބިރުވެރިކަން އޮތެވެ. ނާލާއާއި އޭނަގެ ގުޅުމަށް ނިމުން އައި ދުވަހުން ފެށިގެން ހުރިހާ ސޯޝަލް މީޑިއާއަކުން ލުޔޫން ވަނީ އޭނަ ބްލޮކްކޮށްފައެވެ. ލޯކަލް ނަންބަރެއް ނަގައިގެން ގުޅަން އުޅެނީ ވެސް އެހެންވެއެވެ. ނަމަވެސް ރުހައިމްއަށް ފަސްޖެހެވެނީއެވެ. އޭނަގެ އަޑު އިވޭ ހިސާބުން ލުޔޫން ފޯނު ކަނޑާލާނެކަން އެނގޭތީއެވެ.
ޝައިހާގެ ފަރާތުން ނާލާ ހޮސްޕިތަލުގައި އޮތް ޚަބަރު ރުހައިމްއަށް ވަނީ ލިބިފައެވެ. އެކަމާ ވެސް ހިތް ވަނީ ހާސްކަމެއްގެ ތެރޭގައެވެ. އެތައް ފަހަރަކު ހޮސްޕިޓަލަށް ދާން އޭނަގެ ހިތަށް އަރައެވެ. ނަދީމާއާއި ކުރިމަތިލުމުގެ ހިތްވަރެއް އޭނަގެ ނެތެވެ. އެއާއެކު ނަފުސަށް ވެރިވެގެންދަނީ ޖެހިލުން ވުމެވެ.
''ފަސްޖެހެވެންޏާ މިކަމެއް ނުވާނެ...'' ރުހައިމްގެ ޒަމީރު އޭނައަށް ވިސްނައިދެމުން ދިޔައެވެ.
ދިގުވެފައިވި އިސްތަށިގަނޑުގެ ތެރެއަށް ރުހައިމްއަށް އަތްތިލަ މަހާލެވުނެވެ. އަދި ފުންނޭވާއެއް ދޫކޮށްލިއެވެ. ސިކުނޑިއަށް ބާރު ބޮޑުވެ ފަޅައިގެން ހިނގައިދާނެހެން ހީވެއެވެ. މިހާ ހިސާބަށް އާދެވުމަށްފަހު އަނބުރާލާފައި ދާން އޭނަގެ ޒަމީރު ދެކުކޮޅު ހެދިއެވެ.
ރުހައިމްއަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ. ފޯނު ނަގައި ނަންބަރަކަށް ގުޅާލިއެވެ. ރިންގްވަމުން ދިޔަ އަޑު އިވެން ފެށުމުން ރުހައިމްގެ ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. ނޭވާވެސް ފުން ވެއްޖެއެވެ.
''ހެލޯ...'' ލުޔޫންގެ އަޑު އިވުނެވެ. ރުހައިމްއަށް ނޭވާ ހިފަހައްޓާލެވުނެވެ.
''ހޫ އިސް ދިސް؟؟؟...'' އަނެއްކާ ވެސް ލުޔޫންގެ އަޑު އިވުނެވެ.
''ހެލޯ...'' އުނދަގުލުން ރުހައިމް ބުންޏެވެ. އެއާއެކު ފާއިތުވެގެން ދިޔައީ ހިމޭންކަމުގެ ސުކޫތެކެވެ.
''ކާކުތަ؟...'' ލުޔޫން ބުނި އަޑު އިވުނެވެ. ދެން އިވުނީ ހަލުވި ފިޔަވަޅުތަކެއްގެ އަޑެވެ. އެއަށްފަހު ދޮރެއް ލެއްޕުނު އަޑެވެ.
''ރުހައިމް؟...'' ނުރުހުން އެކުލެވިގެންވި އަޑަކުން ލުޔޫން ވާހަކަދެއްކިއެވެ. ''ކީއްކުރަން ލޯކަލް ނަންބަރަކުން ތިގުޅަނީ؟، ރުހައިމް ތިހުރީ ކޮންތާކު؟...''
''ޕްލީޒް ޑޯންޓް ހޭންގްއަޕް...'' ރުހައިމްއަށް ބުނެވުނެވެ.
''ކީއްވެ؟... ރުހައިމް ކުރަން ތިއުޅެނީ ކޮންކަމެއްތަ؟... މެލޭއަށް އައިސްގެން ތިއުޅެނީ ކޮންކަމަކުތަ؟...'' ލުޔޫންގެ އަޑަށް ރުޅިވެރިކަން ވެރިވެއްޖެއެވެ. ''ކުޑާއަށް ދެވުނު ހިތްދަތިކަން ކުޑަވެގެެންތަ ތިއުޅެނީ؟... ރުހައިމް ޕްލީސް... ޑޯންޓް ޓްރައި ޓު ޕްލޭއި ގޭމްސް ވިތް ހާރ!... ކުޑާ އެއުޅެނީ ރުހައިމްގެ ފަރާތުން ލިބުނު ހިތްދަތިކަމުން އަރައިނުގަނެވިގެން!...''
''އަހަރެން ނޫޅެމޭ ނާލާއަށް ދެރައެއް ދޭކަށް...'' ރުހައިމްގެ އަޑުގައި ވަނީ އާދޭހެވެ. ލުޔޫންގެ ވާހަކަތައް ހުންނާނީ އެފަދަ ގޮތަކަށްކަން އޭނައަށް ފުރަތަމަ ވެސް އަންދާޒާ ކުރެވުނެވެ. ގުޅަން ފަސްޖެހެވުނީ އެސަބަބާ ހުރެއެވެ.
''ތިހެން ބުނީމަ އަހަރެން ގަބޫލުކުރާނެކަމަށްތަ؟...''އިވިގެން ދިޔައީ ލުޔޫންގެ ހުނުމުގެ އަޑެވެ. އެއަޑުގައި ވަނީ މަލާމާތެވެ.
''ޕްލީޒް ލުޔޫން، އެންމެ ފަހަރަކު ވިޔަސް ނާލާއާއި ބައްދަލުކޮށްލުމުގެ ފުރުސަތަކަށް އަހަރެން މިއެދެނީ... ޕްލީޒް...'' ރުހެއިމް ވާހަކަދައްކަމުން ދަނިކޮށް ލުޔޫން ފޯނު ކަނޑާލައިފިއެވެ. ރުހައިމްއަށް ވެއްޓިގަނެވުނީ ކޮޓަރީގައި ހުރި ސޯފާ އަށެވެ. މޫނުގައި އޭނައަށް އަތްއަޅާލެވުނެވެ. ގޮތްހުސްވެފައިވާ މީހަކު ފަދައިންނެވެ.
''ހޮސްޕިޓަލަށް ދާން ވީތަ؟...'' ރުހައިމްއަށް އޭނަގެ ހިތާއި ސުވާލުކޮށްލެވުނެވެ. ލުޔޫންގެ ފަރާތުން އެއްބާރުލުން ނުލިބޭނެކަން މިހާރު އޭނައަށް ޔަޤީން ވެއްޖެއެވެ. ނަމަވެސް ހޮސްޕިޓަލަށް ދާނެ ހިތްވަރެއް އޭނައަކަށް ނުލިބުނެވެ. ނަދީމާގެ އިތުރުން ބިލާލްއާއި ބައްދަލުވެދާނެތީއެވެ. މިހާރު ލުޔޫންއަށް ވެސް އޭނަ ހުރިކަން އެނގުނީއެވެ. ވަގުތުން އެވާހަކަ ނުބުނާނެކަމެއް އެނގެނީކީ ނޫނެވެ.
*****
ފޯންކޯލް ނިންމާލާފައި އެނބުރު ވަގުތު ފަހަތުގައި ހުރި މަނާލް ފެނި ލުޔޫން ސިހުނެވެ. މަޑުމަޑުން މޭގައި ފިރުމާލެވިއްޖެއެވެ. ނުތަނަވަސްކަމުގެ ހިނިތުންވުމެއް މަނާލްއާއި އޭނަ ބަދަލުކޮށްލިއެވެ.
''ހާދަ ވަރަކަށް ބިރު ތިގަތީ؟... ކާކުތަ ގުޅީ؟...'' ލުޔޫންގެ މޫނަށް ބަލާލަމުން މަނާލް ސުވާލުކޮށްލިއެވެ. އެސުވާލުން ލުޔޫންގެ ހިތް ތެޅިލިއެވެ. އޭނަގެ ވާހަކަތައް މަނާލްއަށް އަޑު އިވުނީ ހެއްޔެވެ؟ ނާލާގެ ހަޔާތުގެ ހުރިހާކަމެއް މަނާލްއަށް ނާލާ ވަނީ ކިޔައިދީފައެވެ. ރުހައިމްގެ ވާހަކަތައް ވެސް މެއެވެ. ލުޔޫންގެ މެޔަށް ފިނިވެއްޖެއެވެ. އައިސްފައި ހުރި ރުޅީގައި ހުރެވުނު ތަން ވެސް ހިނދުކޮޅަކަށް އޭނައަށް ހަނދާން ނައްތާލެވުނީއެވެ.
''ނޫން!، ނުދަންނަ ނަންބަރަކުން ގުޅީ...'' މޫނުގެ ކުލަވަރުތައް ސިއްރުކުރަން ލުޔޫން ހިނިތުންވެލިއެވެ.
''އެހެންތަ؟، މިހާރު ރުހައިމްއަކީ ނުދަންނަ މިހަކަށް ވީތަ؟...'' މަނާލްގެ ސުވާލުން ލުޔޫންއަށް ހިންދިރުވާލެވުނެވެ.
''ޕްލީޒް ޑޯންޓް ޓެލް ކުޑާ...'' މަނާލްގެ އަތުގައި ލުޔޫންއަށް ހިފާލެވުނެވެ. ދެލޮލުގައި ވަނީ އާދޭހެވެ.
''ނުބުނާނަން...'' ލުޔޫންގެ އަތަށް މަނާލް ބާރުކޮށްލިއެވެ. ހަމަޖެހުމުގެ ނޭވާއެއް ލުޔޫންއަށް ދޫކޮށްލެވުނީ ދެނެވެ.
''ދެން ބުނެބަލަ، ކީއްވެތަ ރުހައިމް ލުޔޫންއަށް ގުޅީ؟...'' އެހިސާބުން ވާހަކަ މެދުކަނޑާލުމުގެ ގަސްދެއް މަނާލްގެ ނެތެވެ. ހުރިހާ ކަމެއް އެނގެން ބޭނުން ވާތީއެވެ.
ލުޔޫންއަށް ތުންފަތުގައި ދަތްއަޅާލެވުނެވެ. އޭނަ ހުރީ މަނާލްގެ މޫނަށް ބަލަަހައްޓައިގެންނެވެ.
''ނާލާ ގާތު ނުބުނާނީ ހުރިހާ ވާހަކައެއް ކިޔައިދިނީމަ...'' ލުޔޫންއަށް މަނާލް ފަސްދިނުމާއެކު ލުޔޫން ތެޅިގަތެވެ. އަވަސްއަވަހަށް މަނާލްގެ އަތުގެ މުލައްދަނޑީގައި ހިފާލިއެވެ.
''ކުޑާއާއި ބައްދަލުކުރަން ބޭނުމޭ ބުނީ...'' ލުޔޫން ބުންޏެވެ.
''ރުހައިމް ހުރީ މިކޮޅުގަތަ؟...'' މަނާލް އިތުރަށް ޝައުގުވެރިވެއްޖެއެވެ.
''އާނ...'' ސުވާލަށް ޖަވާބުދެމުން ލުޔޫން ބޯޖަހާލިއެވެ. ''ދެން ޕްލީޒް ކުޑާ ގާތު ނުބުނާތީ... ކުޑާ ބޭނުންވެދާނެ އޭނައާ ބައްދަލުކުރަން...''
''ނާލާ ރުހައިމްއާއި ބައްދަލުކުރަން ބެނުންވަންޏާ އެފުރުސަތު ލިބެން ވާނެއެއްނު، ވެދާނެއެއްނު އެއީ ނާލާ ބޭނުންވާ ކްލޯޝާ ކަމަށް ވެސް... ރުހައިމް މިތަނަން އައުމުން ވެސް ވާހަކައެއް އެބަ ކިޔައިދޭ... ލުޔޫން!، އަހަންނަށް ފެންނަނީ ނާލާއަށް ރުހައިމް މިކޮޅުގައި ހުރިކަން ހާމަކުރަން... ރުހައިމްއާއި ބައްދަލުކުރަންޏާ އަދި ނުކުރަންޏާ ވެސް ނިންމާނީ ނާލާ... އެނިންމުންތައް ނިންމުމުގެ ބާރު އަހަރުމެންނަށް ލިބިގެނެއް ނުވޭ...'' މަނާލް ބުންޏެވެ.
''އެއީ ކީއްވެ؟...'' ލުޔޫން ހިތްހަމަނުޖެހުނެވެ.
''މިހުރިހާ ދުވަހު އިވެމުން ދަނީ ޔަޝްފީގެ ސައިޑް، ރުހައިމްއަށް އޭނަގެ ސައިޑް ކިޔައިދިނުމުގެ ހައްގުވެސް ލިބިގެން ވެެޔެއްނު، އެފުރުސަތު ރުހައިމްއަށް ނުލިބުނީ ވެސް ނާލާ ދެން ބޭނުން ނުވާތީއެއްނު، އެކަމުން ނާލާއަށް ލިބެމުން އެދާ ރިހުން ލުޔޫންއަށް ވެސް އެބަ ފެނެޔެއްނު، ޝީ އިޒް އިން ޕެއިން، ގަބޫލުކުރަން ދައްޗަސް އަދިވެސް ނާލާ އެހުންނަނީ ރުހައިމްގެ އިންތިޒާރުގައި... މަޢާފަށް އެދެން އައިސްދާނެކަމުގެ އުއްމީދުގައި...'' މަނާލް ވިސްނައިދޭން އުޅުނެވެ.
''ނޫން!... ދޮންތަ ބުނީ މޫވް އޮން ކޮށްފީމޭ، ރުހައިމްއަށް ދޮންތަ މަޢާފެއް ނުކުރާނެ، މަޢާފް ލިބުން ހައްގުވަރުގެ ކަމެއް ނޫނޭ އޭނަ ކުރީ!... ހުރިހާ ގޯހެއް ހެދީ އޭނަ، ދޮންތަ ހިތުގައި ޖެއްސީ ވެސް އޭނަ، ދޮންތަ ވި ލޯބީގައި ކޮޅުފައިން ޖެހި މީހަކީ ވެސް އޭނަ، ދެން ކީއްވެގެންތަ ދޮންތަ އޭނައަށް އިންތިޒާރުކުރަންވީ؟... ނޫން!... ނޫން!... އެހެނެއް ނުވާނެ!...'' ލުޔޫންއަށް ދެފަރާތަށް ބޯހޫރާލެވުނީއެވެ. މަނާލްގެ ވާހަކަތައް ގަބޫލުކުރަން އޭނަ ބޭނުމެއް ނުވިއެވެ. އަދިވެސް އޭނައަށް ސިފަ ކުރެވެނީ ނާލާ އުޅުނު ހާލެވެ. އެދުވަސްތައް ތަކުރާރުވާކަށް ހަމަހިލާ އޭނަ ފުރުސަތެއް ނުދޭނެއެވެ.
''ލުޔޫން ވިސްނާލިޔަސް އެނގޭނެ ތިދައްކަނީ ހަގީގަތް އެކުލެވިފައިވާ ވާހަކަތަކެއް ނޫންކަން، ލުޔޫންމެންގެ ހިތްހަމަ ޖައްސާލަދޭން ވޫމް އޮން ކުރާ ކަމުގެ ވާހަކަ ދެއްކިކަމުގައި ވިޔަސް ނާލާއަށް ވަނީ ވަގުތު ހުއްޓިފައި، ރުހައިމްއާއި ވަކިވި ދުވަހުން ފެށިގެން އެހިތުގެ ހަމަޖެހުން ގެއްލިއްޖެ... އެހިތުގައި އެތައް ޝަކުވާއެއް ފުނިޖެހިފައި އެބަވޭ، ރުހައިމްއާއި ކުރަން ބޭނުން އެތައް ސުވާލެއް އެހިތުގައިވޭ... ނާލާ އުފުލާ ހިތާމައާއި ގުޅިފައިވާ އަސްލަކީ އެއީ... އެސުވާލުތަކުގެ ޖަވާބު ލިބިގެން މެނުވީ ނާލާއަށް ކުރިއަކަށް ނުދެވޭނެ... އަހަރެން އެއްފަހަރު ވެސް ނުބުނަމެއްނު ރުހައިމް ކުރި ކަންތައް ހަނދާން ނައްތާލާކަށެއް!، ރުހައިމްއަށް މަޢާފުދޭކަށެއް...'' މަނާލް ބުނެލިއެވެ. އަޑުގައި ވަނީ މަޑުމައިތިރިކަމެވެ.
''އައި ތޯޓް ޔޫ އާރ ހާރ ފްރެންޑް... ދެން ކީއްވެ ތިހެން ވާހަކަ ތިދައްކަނީ؟...'' މަނާލްއަށް ރުޅި މޫނު ހަދަމުން ލުޔޫން ބުނެލިއެވެ.
''އެކުވެރިޔަކަށް ވާތީ މިހެން މިބުނަނީ... ދެއި ނީޑް އެ ކްލޯޝާރ... ނާލާގެ ހަޔާތުގެ ނިންމުންތައް ނިންމުމުގެ ހައްގު އޮތްނާނީ ހަމައެކަނި ނާލާއަށް، ނާލާ ނިންމާނެ ގޮތަކަށް އަހަރުމެން ޖެހޭނީ ރުހެން، ރުޅީގެ މައްޗަށް އަމަލުނުކޮށް ފިނި ހިތަކާއެކު ލުޔޫން ވިސްނާލަބަލަ... ނާލާގެ ގާތަށް ރުހައިމް އަންނާނީ ވެސް ސަބަބެއް އޮތީމައެއް ނޫންތަ؟... އަދި ނާލާއަށް ރުހައިމްއާއި ބައްދަލުވުމުގެ ފުރުސަތު ވެސް ލިބެން ވާނެއެއް ނޫންތަ؟... އެހިތުގައިވާ ޝަކުވާތައް ބަންޑުން ކުރެވޭނީ އޭރުންނެއް ނޫންތަ؟... އެދެމެދުގައި ކަންތައް ވެދިޔައީ ވަރަށް ދެރަކޮށް...'' މަނާލް އެތައް ވާހަކައެއް ދައްކައިގެން އެންމެފަހުން އެއްގަލަކަށް އަރަން ލުޔޫން އެއްބަސް ވެއްޖެއެވެ. މަނާލްގެ ވާހަކައިގައިވި ހަގީގަތް އޭނައަށް ފަހުމު ކުރެވުނީއެވެ.
''އޯލްރައިޓް، ކުޑާ ގާތު ބުނަމާ، އެއަށްފަހު ބައްދަލުވުމުގެ ފުރުސަތު ދޭނީ... ކުޑާ އެއްބަސް ވެއްޖެއްޔާ ޖެހޭނެ މަންމައަށް ނޭނގޭނެހެން ކަންތައް ގެންދަން، ޝީ ވިލް ކިލް އަސް ބޯތް...'' ލުޔޫންއަށް ބަލައިލަމުން އެއްބަސްވުމުގެ ގޮތުން މަނާލް ބޯޖަހާލިއެވެ.
*****
ނާލާގެ ހާލަތު ކުރިއަށް ވުރެން މިހާރު ރަނގަޅެވެ. އެކަނި ކޮޅަށް ހުރެވޭ ވަރު ވެއެވެ. ނަމަވެސް ހަށިގަނޑުގައި ނުފިލާ ވަރުބަލިކަމެއް ވާތީ ނާލާ އޮންނަނީ އަރާމުކުރާށެވެ. ނާލާގެ ރަޖާ ރަނގަޅުކޮށްލަމުން، ކަބަޑު މަތީ އޮތް އޭނަގެ އަތްދަބަސް ނަދީމާ ނެގިއެވެ.
މަނާލްއާއި ލުޔޫންގެ ފަރާތުން ފެންނަނީ ހިމޭންކަމެވެ. އެކަކުއަނެކަކަށް ލޮލުގެ އިޝާރާތުން ވާހަކަދައްކަމުން ދިޔައެވެ. މަޑުކޮށްގެން ތިބީ ނަދީމާ ނިކުމެގެން ދާނެ އިރަކަށެވެ. ނަދީމާ ދިއުމާއެކު ރުހައިމް ބައްދަލުކުރަން އުޅޭ ވާހަކަ ނާލާ ގާތު ބުނަން ހަމަޖެހިފައި އޮތީ މަނާލް އަށެވެ. ނަދީމާއާއެކު ގެއަށް ދާން ނިންމީ ލުޔޫން އެވެ. އޭރުން ހޮސްޕިޓަލަށް ދާން ނަދީމާ ގެއިން ނިކުތުމުން މަނާލްއަށް ޚަބަރު ދެވޭނެތީއެވެ.
ހަވީރު ސައި ހިފައިގެން އަންނާނެކަމަށް ބުނެލަމުން ނަދީމާ ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ. ނަދީމާގެ ފަހަތުން ލުޔޫން ވެސް ހިނގައިގަތެވެ. ލޮލުގެ އިޝާރާތުން މަނާލްއަށް ނާލާ ދައްކާލަމުންނެވެ. ނަދީމާއާއި ލުޔޫން ނިކުމެެގެން ދިޔަ މަންޒަރު ބަލަން އިނދެފައި ސޯފާއިން މަނާލް ތެދުވުނެވެ. އަދި ނާލާގެ ގާތުގައި އެނދުގައި އިށީނެވެ.
''މިހާރު ކިހިނެއްތަ؟...'' މަނާލް އެހި އެވެ.
''ރަނގަޅު، އަދިވެސް ބޮލަށް ބަރުވެފައި ހުންނަނީ...'' ލޯމަރިގެން އޮތް ނާލާ ބުނެލިއެވެ.
''ވާހަކައެއް ބުނަންތަ؟...'' މަނާލް ސުވާލުކޮށްލިއެވެ.
''މިއަދު ހާދަ ސުވާލު ގިނަ ދުވަހެކޭ...'' ލުއި ހިނިތުންވުމަކާއެކު ނާލާ ބުންޏެވެ. މަނާލްއާއި ބައްދަލުވިފަހުން ހިނިތުންވާން ވެސް އޭނައަށް ފަސޭހަ ވެއްޖެއެވެ.
''ނާލާއަށް އެނގެއެއްނު އަހަރެން ދޫ ހިމޭން ވުމަކީ މުސްތަހީލުކަމެއްކަން.... ހެހެހެ'' މަނާލް ހީލިއެވެ.
''ތެދެއް ތިބުނީ... ކޮންވާހަކައެއް ދައްކަންތަ ކެތްތެރިކަން ކުޑަވެގެން ތިއުޅެނީ؟... ވެޑިން އިންވިޓޭޝަން ކާޑުތައް ލިބުނީދޯ؟...'' ނާލާ ޝައުގުވެރިކަން ފާޅުކޮށްލިއެވެ.
''ނޫން، އަދި ކާޑުތައް ނުލިބޭ، އަލޫކް ބުނީ މާދަން ލިބޭނެޔޯ... ބުނަން މިއުޅެނީ އެހެންކަހަލަ ވާހަކައެކޭ...'' މަނާލްގެ ޖުމްލައިން ނާލާއަށް ހައިރާންކަން ލިބުނެވެ. ހަށިގަނޑު ސީދާކޮށްލަމުން އެނދުގައި ނާލާ އިށީނެވެ. މަނާލްގެ މޫނުން އޭނައަށް ފެންނަނީ ސީރިޔަސް ކަމެވެ. އެއާއެކު ހިތުގައި ސުވާލު އުފެދިއްޖެއެވެ.
'މިވާހަކައާއި ބެހޭގޮތުން ނާލާއާއި ސުވާލުކުރެވުނު ހަނދާނެއް ވެސް ވޭ...'' ދުރުދުރުން މަނާލް ވާހަކަ ފެށިއެވެ. ނާލާގެ މޫނަށް އަރާފައިބަމުންދާ ކުރަވަރުތައް ދިރާސާކުރަމުންނެވެ.
''ޔޫ އާސްކް މީ އެ ތައުޒަންޑް ކްއެސްޝަންސް އެ ޑޭއި...'' ނާލާއަށް ބުނެވުނެވެ.
''ރުހައިމްއާއި ބައްދަލުކުރަން ފުރުސަތު ލިބިޖެއްޔާ ނާލާ ކަންތައް ކުރާނީ ކިހިނެއްތޯ އަހަރެން އެމީނެއްނު...'' ނާލާއާއި ނަޒަރު ވަކިކުރުމެއް ނެތި މަނާލް ބުނެލިއެވެ.
''އަނެއްކާ އެސުވާލު...'' ނާލާގެ ހިތްތެޅިލިއެވެ.
''އެއްވެސް ފަހަރަކު ޖަވާބެއް ނުދެމެއްނު...'' މަނާލް ބުންޏެވެ.
''އެއީ ނުވާނެކަމެއްކަން އެނގޭތީ...'' ނާލާ މޫނު އަނބުރާލިއެވެ. އޭނައާއި ބައްދަލުކުރުމުގެ ފުރުސަތު ރުހައިމްއަށް ނުދުނީ ޚުދު އޭނައެވެ. ރުހައިމް އޭނަގެ ފަހަތުން ދެން ނާންނާނެ ކަމުގެ ޔަގީންކަން ވެސް ހިތުގައި އޮތެވެ. އެޚިޔާލުން ހިތުގައި ރިއްސާލިއެވެ.
''ރުހައިމް ބައްދަލުކުރަން ބޭނުމިއްޔާ ނާލާ އާނއެކޭ ބުނާންތަ؟...'' މަނާލް އެހި އެވެ.
''އަހަރެން މިބުނީއެއްނު އެއީ ނުވާނެ ކަމަކޭ... މިހާރު އަހަރެން މަތިން ރުހައިމް ހަނދާނެއް ވެސް ނުހުންނާނެ، ދެން ބައްދަލުކުރަން ބޭނުންވަނީ ކީއްވެތަ؟...'' ނާލާގެ އަޑު ކުރެހުނެވެ. މޭގައި އުފެދުނު ތަދާ އެކު މޭގައި ވެސް ފިރުމާލެވިއްޖެއެވެ. ކަރުނަަތައް ދިރުވާލަން ހަށިފުރާ ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
''ނާލާ... ރުހައިމް އެބަހުރި ނާލާގެ ޖަވާބެއްގެ އިންތިޒާރުގައި...'' މަނާލްގެ ޖުމްލައިން ނާލައަށް ހުއްޓުމެއް އަތުވެއްޖެއެވެ. ގަބޫލުކުރަން ދަތިވެފައިވާ ހާލު އެސްފިޔަޖަހާލުމެއް ވެސް ނެތި މަނާލްއަށް ބަލަން އިނީއެވެ.
''ނާލާ... ރުހައިމް އެބަހުރި މިތާނގަ... އެންމެ ފަހަރަކު ވިޔަސް ނާލާއާއި ބައްދަލުކޮށްލަން އޭނަ ބޭނުންވަނީ... އަހަރެން ނާލާއަށް މަޖުބޫރެއް ނުކުރާނަން... އެކަމަކު ނަސޭހަތެއް ދީފާނަން، ރުހައިމްއަށް ތިހިތުގެ އުދާސްތައް ބޭރުނުކުރެވުމުން ލިބިފައިވާ ހިތްދަތިކަމުން އަރައިގަންނަން ލިބިފައި އޮތް ފިރުސަތެއް މިއީ... ހިތުގެ ޝަކުވާތައް ބަންޑުންކުރޭ... ހަޅޭއްލަވަން ބޭނުންކަމުގައި ވާނަމަ އެކަން ވެސް ކުރޭ... އޭރުން ތިހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބޭނީ...'' ނާލާގެ އަތުގައި ފިރުމާލަމުން މަނާލް ބުންޏެވެ.
ނާލާއަށް އޭނަގެ ނޭވާ ހިފަހައްޓާލެވުނެވެ. ލަސްލަހުން ދެފަރާތަށް ބޯހޫރާލެވުނު ހިނދު ދެލޮލަށް ތާޒާ ކަރުނަތައް ޖަމާވެއްޖެއެވެ. ދަތްދޮޅީގައި ވަނީ މަޑު ތުރުތުރުލުމެކެވެ. އިތުރަށް ކެތްނުކުރެވިގެން ނާލާގެ ދުލުން އާހެއްގެ އަޑު ބޭރުވިއެވެ.
''ރުހައިމް...'' ވޭނީ ގިސްލުމަކާއެކު ނާލާއަށް ބުނެވުނެވެ. ކަންފަތަށް އިވުނު ވާހަކަތައް ގަބޫލުކުރަން ނާލާއަށް ދަތިވެއްޖެއެވެ.
''ނާލާ ކޮންމެ ފަދަ ޖަވާބެއް ދިނަސް ގަބޫލުކުރަން ރުހައިމް ހުރީ ތައްޔާރަށް...'' ހިތްވަރުދެމުން މަނާލް ބުނެލިއެވެ. ނާލާގެ ހިތަށް ކުރަމުން ދިޔަ އަސަރުތައް އިހުސާސްކުރެވި މަނާލްގެ ދެލޮލުން ވެސް ކަރުނަ ހިލުނެވެ. އަދިވެސް ނާލާގެ ހިތުގައި ވަނީ ރުހައިމް އެވެ. ފަސްޖެހެވެނީ އެހެންވެއެވެ. ހިތުގެ ޒަހަމްތަކުން ލޭއޮހޮރެން ފަށާފާނެތީއެވެ.
އެހިތުގައި އިތުރު ވޭނެއް ބަރުދާސްތުކުރާނެ ޖާގައެއް ނެތެވެ. ފިސްފިސްވެފައިވާ ހިތަކާއެކު ރުހައިމްގެ ގާތަށް ދާން ނާލާ ޖެހިލުން ވިއެވެ. އަމުދުން އޭނަ ހުރި ހާލުގައެވެ. އޭނަގެ ރީތިކަން ވަނީ ގެއްލިފައެވެ. ބޮލުގެ އިސްތަށިތައް ވަނީ ފައިބާފައެވެ. ހަށިގަނޑު ހިކި އަނަރޫފަވެ އެއްވެސް ބައްޓަމެއް ނެތެވެ. ހަން ކުރަކިވެ އޮމާންކަމެއް ނެތެވެ. ދެލޯ ވަޅުވަދެ ވިދުން ގެއްލިއްޖެއެވެ.
''އައި ކާންޓް!...'' ނާލާއަށް ރޮވެނީއެވެ. ރުހައިމް އޭނަ ދެކެ ލޯބިވި ރީތިކަމެއް މިހާރު އޭނަގެ ނެތެވެ. އިތުރަށް ހިތުގައި ޖެހުނެވެ.
''އެއީ ނާލާ ބޭނުންވާ ގޮތްކަމުގައި ވަނީ ނަމަ އަހަރެން ރުހައިމްއަށް އަންގަފާނަން...'' ކޮޅަށް ތެދުވުނު މަނާލްގެ އަތުގައި ކުއްލިޔަކަށް ނާލާ ހިފެހެއްޓިއެވެ. އަދި ދެފަރާތަށް ބޯހޫރާލިއެވެ.
''ކީއްވެގެންތަ މިހާ ދުވަސް ފަހުން ރުހައިމް އައީ؟...'' ނާލާގެ އަޑުގައި ވަނީ ރިހުމެވެ. ''އަހަރެން މީ ކުރީގެ ނާލާއެއް ނޫން!، އަހަރެން ފެނި ރުހައިމްގެ ހިތުގައި އުފެދޭނީ ފޫހިކަން...''
''ނާލާ ތިހެން ނުވިސްނާ... ރުހައިމް އައި ބޭނުމެއް ބުނަން އަހަންނަށް އުނދަގޫ... އެކަމަކު... އެކަމަކު މީގެ އިރުކޮޅެއް ކުރިން ބައްދަލުވިއިރު އަހަންނަށް އެދެލޮލުން ފެނުނީ ހިއްދަތިކަން... ނާލާ އަހަންނަށް ސިފަކޮށްދިން ރުހެއިމް އެއް ނޫން އެއީ... މުޅި މީހާ ވަނީ ބަދަލުވެފައި... ނާލާ ފަދައިން ރުހައިމް ވެސް ހިތާމަކުރަމުން އެބަދޭ... ނާލާއާއި މެދު ކަންތައް ކުރެވުނު ގޮތުން ރުހައިމް ލަދުގަނެ ދެރަވެފައި ހުރިތަން އަހަންނަށް ފެނުނު... ނާލާ...'' މަނާލް ގޮވާލިއެވެ.
ނާލާގެ ހިތްތެޅިލިއެވެ. ރުހައިމް ދެކިލަން އޭނަގެ ދެލޯ ބޭގަރާރުވެފައި މިންވަރު ތަސައްވަރު ކުރެވުނީ ދެނެވެ. ރުހައިމް ހިތާމަކުރާ ވާހަކަ އަޑު އިވުމުން އޭނަގެ ހަނދާނަށް އައީ ރުހައިމްއާއި ވަރިވާން ކޯޓަށް އޭނަ ދިޔަ ދުވަހެވެ. އެދެލޮލުން އޭނައަށް ފެނުނު ވޭނީ ކަރުނަތަކެވެ. އިސްޖެހިފައި ހުރި މަންޒަރެވެ. އެދުވަހުވެސް އޭނަގެ ފަހަތުން އާދޭސްކުރަމުން ރުހައިމް އައެވެ. އެންމެ ފުރުސަތަކަށް އެދި ސަލާންވެސް ޖެހިއެވެ. ހިތުގައި ޖެހިފައި ހުރުމުގެ ސަބަބުން ރުހައިމްގެ ވާހަކަތަކަށް އޭނަ ދިނީ ބީރުކަންފަތެކެވެ. އޭގެ ސަބަބުން އެހިތަށް އިތުރު ތަކުލީފުތަކެއް ލިބުން ނޫންކަމެއްވެސް ނުވިއެވެ.
''ރުހައިމް... ރުހައިމް ކޮބާތަ؟...'' ނާލާއަށް ސުވާލުކޮށްލެވުނެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ