ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ވަޒީރުން އަލުން އެ މަގާމުތަކަށް އައްޔަންކުރެއްވުމަކީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލަން މަސައްކަތްކުރެއްވުން ކަމަށް އެމްޑީޕީން ބުނެފިއެވެ.
ދައުރުން ބޭރުން އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގައި ވަނީ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ބޭފުޅުންގެ ތެރެއިން 19 ބޭފުޅަކަށް ރުހުން ދެއްވައިފައެވެ. މަޖިލީހުގެ ރުހުން ނެތްކަމަށް ފާސްވެފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ވަޒީރުން އަލުން މަގާމަށް އައްޔަންކުރެއްވުމުން، އެ ވަޒީރުން ވަނީ ވަޒީރުކަމުގެ ހުވާކުރައްވައިފައެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީީ)ގެ ރައީސް، ތުޅަދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވިދާޅުވީ ދުސްތޫރުގައި ކަނޑައަޅާފައި އޮތް އިންތަކުގައި ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްވެސް ބާރަކީ މުތުލަގުކޮށް ތަންމިނަށް ބާރުތަކެއް ލިބިފައި އޮތް އެއްވެސް ބައެއް ނޫންކަން އެނގޭ ކަމަށާއި ކޮންމެ ބާރަކަށް ދައުލަތުގެ ނިޒާމުގެ ތެރެއިން ހިމެނޭ ކޮންމެ މުއައްސަސާއެއްގައި ހުންނަނީ އިންތަކެއް ކަނޑައަޅާފައި ކަމަށެވެ. އަދި ނިޒާމު ބައްޓަންވެފައި އޮންނަނީ އެއް ބާރުން އަނެއް ބާރަށް ފާރަވެރިވާ ގޮތަށް ނިޒާމުތަކެއް ރާވައި އެއް ބާރު އަނެއް ބާރުގެ މައްޗަށް ފާރަވެރިވާން ޖެހޭ ގޮތަށް ލާޒިމުކޮށްގެން ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ގާނޫނުއަސާސީއަށް އިހުތިރާމު ނުކުރާ މަންޒަރު، ގާނޫނުއަސާސީގެ ބާރު ކަނޑުވާލަން މަސައްކަތްކުރައްވާ މަންޒަރު. އަދި ހަމައެއާ އެއްކޮށް އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ ގާނޫނުއަސާސީގެ ސަރީހަ އިބާރާތުން ވަކިކަމެއް ނުކުރެވޭނެއޭ، އެހެން ލިޔެފައި ނެތް ކޮންމެ ކަމެއް އެއީ ތިމަންނާމެންނަށް ކުރެވޭނެ ކަމެއްގެ ގޮތަށް ގާނޫނުއަސާސީ މާނަކޮށްގެން ކުރިއަށްދާ މަންޒަރު. ގާނޫނީ ވެރިކަމެއް ނެގެހެއްޓުމުގައި ކަންކަން މާނަކުރަން ޖެހޭނީ ގާނޫނުއަސާސީގެ ރޫހާއި ގާނޫނުއަސާސީގެ ތަރަހައިގެ ތެރެއިން،" އޭނާ ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ބާރު ތަމްސީލުކުރާ ދައުލަތުގެ އެއް ބާރު ކަމަށާއި ރައީސުލްޖުމްހޫރިއްޔާއަށް، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ގާނޫނުއަސާސީ ލާޒިމުކުރާ ކަމަށެވެ. އަދި އެއީ އިހުތިޔާރުގައި އޮންނަ ކަމެއް ނޫންކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
"އެއީ ވޯޓުން ރުހުން ހޯދަން ލާޒިމުކުރާ ކަމެއް. އެހެންވީމާ ތަރުތީބުކޮށްފައި މިއޮތް ނިޒާމުގެ ތެރެއިން ރުހުން ދޭން ޖެހޭ ފަރާތުން ރުހުން ނެތް ކަމަށް ބުނީމާ، އަލުން އެ ވުޒާރާތަކަށް އެ ވަޒީރުން އައްޔަންކުރުމަކީ އަޅުގަނޑުމެން ދެކޭގޮތުގައި ގާނޫނުއަސާސީ އަންޑަމައިން ކުރުން، ގާނޫނުއަސާސީގެ ބާރު ކަނޑުވާލަން މަސައްކަތްކުރުން،" އޭނާ ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު، އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ އަލުން އެ ވަޒީރުން މަގާމުތަކަށް އައްޔަންކުރެއްވި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި މަޖިލީހުގެ އަމީންއާންމު ބޭއްވެވި ބައްދަލުވުމެއްގައި އޭނާ ބައިވެރިވެވަޑައިގެންފައިވާ ކަމަށާއި ރުހުން ނުލިބުނު ވަޒީރުންގެ ނަންތައް އަނބުރާ ދެން މަޖިލީހަށް ނުފޮނުވޭނެ ކަމަށް އެ ބައްދަލުވުމުގައި ފާހަގަކުރެވިފައިވާ ކަމަށެވެ.
"އެ ބައްދަލުވުމުގައި ވަރަށް ސާފުކޮށް ކައުންސިލް ޖެނެރަލް ވިދާޅުވި، އެ ރުހުން ނުލިބުނު ވަޒީރުންގެ ނަންތައް އަނބުރާ ދެން މަޖިލީހަށް ނުފޮނުވޭނެ ކަމަށް. އެހެންވީމާ އަޅުގަނޑުމެން ގަބޫލެއް ނުކުރަން ގާނޫނީ އިމުގެ ތެރެއިން ކުރައްވަމުން ގެންދަވާ ކަމެއްގެ ގޮތުގައެއް އަލުން ވަޒީރުކަން ދެއްވުމަށްފަހު އެ ނަންތައް މަޖިލީހަށް ފޮނުވުން އެއީ. އަޅުގަނޑުމެން ޕާލިމަންޓަރީ ގްރޫޕުގައި މަޝްވަރާކުރާނަން ކޮން ގޮތަކަށްތޯ މިކަމުގައި އަޅުގަނޑުމެން އަމަލުކުރާނީ. އޭގެ ފަހުގައި އަޅުގަނޑުމެން ކުރިއަށްދާނެ ގޮތެއް ނިންމާނީ،" އޭނާ ވިދާޅުވިއެވެ.
ބިގޭ އިތުރަށް ވިދާޅުވީ ފެށުނީއްސުރެ ވަޒީރުންނަށް ރުހުން ނުދީ ލަސްވަމުންދާ މައްސަލައިގައި ސަރުކާރުން ގެންދިޔައީ ވަރަށް ބޮޑަށް ފާޑުކިޔަމުން ކަމަށާއި ނަމަވެސް އެ މަސައްކަތް ހަލުވިކުރުމަށްޓަކައި ދައުރުން ބޭރު ޖަލްސާއެއް ބާއްވައިގެން މަސައްކަތްކުރަން ފެށުމުން ހުރަސް އަޅަމުންގެންދިޔަ ކަމަށެވެ. އަދި ފެނިގެންދިޔައީ އެއްވެސް ވަރަކަށް ބުރަދަނެއް ނެތް، ބަހާއި އަމަލާ ދިމާނުވާ ގޮތަށް ހިނގައިދިޔަ ކަންތައްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު